ހަބަރު

90 މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި

އަތޮޅުތަކު ތެރޭ ރަށްތަކަށް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ. ޖޭއެސްސީ އިން މިއަދު އިއުލާން ކުރީ 90 މެޖިސްޓްރޭޓުން ހޯދުމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެކި ރަށްތަކުން 90 މެޖިސްޓްރޭޓުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަ ކަމަށް އެ އިއުލާނުގައިވެ އެވެ.

މެޖިސްޓްރޭޓަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. އޭގެ އިތުރުން ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި ނޫނީ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ގެ ކުރިން ފޯމުތައް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.