ކުޅިވަރު

މީ ތަޖުރިބާއެއް، ކުރިއަށްދާންވީގޮތް އެނގިއްޖެ

އޭވިސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފަ އެވެ. މުބާރާތުން ދަށް ނަތީޖާތަކެއް ލިބުނު ނަމަވެސް މިއީ ރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި މި ޓީމާއެކު ކުރިއަށް ދާންވީގޮތް އެނގިގެން ހިނގައްޖެ ކަމަށް ވީއޭއެމުން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވީ ތިން ސެޓުންނެވެ. ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއަށް ސެޓްތައް ގެއްލުނީ މާ ފަސޭހައިންނެވެ. ފުރަތަމަ ސެޓުން ރާއްޖެ ބަލިވީ 25-21 ންނެވެ. ދެން ޖެހިގެން އައި ދެ ސެޓް ރާއްޖެ ބަލިވީ މާ ފަސޭހައިންނެވެ. ދެ ވަނަ ސެޓް 25-17 އިންނެވެ. ތިން ވަނަ ސެޓް 25-15 އިންނެވެ.

މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ރާއްޖެ އަތުން ދުވީ ފަސޭހަކޮށެވެ. ތިން ވަނަ ސެޓްގައި ރާއްޖޭގެ ކުޅުން ރަނގަޅުކޮށް އެ ސެޓްގައި ލީޑްވެސް ނެގި އެވެ. ގޭމް ޕޮއިންޓާ ދެމެދު ދެ ޕޮއިންޓްގެ ތަފާތެއް އޮއްވައި ރާއްޖެ އަތުން އެ ސެޓް ގެއްލުނީ ބަނަގުލަދޭޝްއިން ފަހަތުން އަރައި 25-22 ސެޓް ކާމިޔާބު ކުރުމުންނެވެ.

މިފަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމު ދިޔައީ ބަދަލުތަކާއެކު އެވެ. ރާއްޖޭގެ އެއްވަނަ ސެޓަރު އިޝާން މުހައްމަދު (ބެޓިސް) މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެވެ. ޓީމު އިއުލާން ކުރުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތުގައިވެސް ވީއޭއެމުން ބުނީ މިފަހަރުގެ ޓީމަކީ ޒުވާން ޓީމެއް ކަމަށެވެ. ޓީމަށް ތަޖުރިބާ އާއި އިތުރު ފުރުސަތުތައް ހޯދައިދިގެން ޓީމު ކުރި އެރުވޭނެ ކަމަށެވެ.

ވީއޭއެމްގެ ވިސްނުންވެސް ހުރީ މި ޓީމަށް އިތުރު ފުރުސަތުތައް ހޯދައިދިގެން ދުރަށް ވިސްނައިގެން ކާމިޔާބު ހޯދުމުގެ ޕްލޭންއެއްގެ ދަށުން މަސައްކަތް ކުރުމެވެ.

"މި ޓީމު ރަނގަޅަށް ގެންދެވިއްޖެނަ އަޅުގަނޑުމެންނަށް ފެނޭ މި ޓީމަށް ކުރިއެރުން ލިބޭތަން، މި ޓީމަށް އިތުރު ފުރުސަތުތައް ހޯދައިދީގެން ކާމިޔާބާ ހަމަޔަށް އަޅުގަނޑުމެންނަށް ގެންދެވޭނެ." ވީއޭއެމްގެ ޖެނަރަލް ސެކެޓްރީ އަދީލް ވިދާޅުވި އެވެ.

ޓީމުގެ ހެޑްކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ފުރަތަމަ މެޗަށް ވުރެ، ދެ ވަނަ މެޗުގައި ދިވެހި ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ.

މިހާރު މިއޮތް ޒުވާން ޓީމު އިތުރަށް ރަނގަޅު ވާނީ މިފަދަ ބޮޑެތި މުބާރާތް ތަކުގައި ގިނަ މެޗުތަކެއް ކުޅެ، އެ ކުޅުންތެރިންނަށް މެޗް އެކްސްޕީރިއަންސް ލިބިގެން." ޕީއެސްއެމްއަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ކާއްޓޭ ބުންޏެވެ. "ބަންގާޅު މެޗުގެ ފަހު ސެޓްގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ."