ހަބަރު

އަބްދުﷲ ރިޔާޒު ހަތަރުމަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

Apr 24, 2018
10

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ހައިކޯޓުން މިއަދު އިއްވައިފި އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ޕީޖީ އިން އޭނާގެ މައްޗަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓްގައި އުފުލި ނަމަވެސް، އެ ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެހެން ނަމަވެސް، ދައުލަތުން އެ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރި އެވެ.

މިއަދު މެންދުރު ކުރީގައި ހައިކޯޓްގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލް ކުރުމަށާއި ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ރިޔާޒުގެ ވަކީލުން ވަނީ އޭނާގެ މައްޗަށް ވީހާ ވެސް ލުއި ހުކުމެއް އިއްވައި ދިނުމަށާއި ގެއަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. އެހެން ނަމަވެސް ޕީޖީ އިން އެދުނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދު، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒަށް އިއްވައި ދިނުމަށެވެ.

މައްސަލަ ނިންމި ގޮތް

ކުރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނުލް އުގޫބާތުގެ 52 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް 52 ވަނަ މާއްދާއާ މި މައްސަލައާ އެއްވެސް ގުޅުމެއްނެތް ކަމަށާއި ނިންމާފައި ވަނީ މައްސަލައިގެ މައުލޫން ބޭރުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ކުރިމިނަލް ކޯޓުން ނިންމި މައްސަލާގައި އެ މައްސަލައާ ގުޅުން ހުރި ފުލުހުންގެ ހެކިބަސް ދިނުމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ފާގަހަ ކޮށްފައިވާ ކަމަށާއި ހައި ކޯޓުން އެ މައްސަލަ އަލުން ބަލައި މުރާޖާ ކުރުމަށްފަހު ބެލި ބެލުމުން ފުށު އެރުންތައް ހުރީ މައުލޫން ބޭރުން ކޮށްފައިވާ ސުވާލުތަކުގައި ކަމަށެވެ. އަދި ވިދާޅުވީ، މައުލޫގެ ތެރޭގައި ކުރި ސުވާލުތަކުގައި އެއްވެސް ފުށު އެރުމެއް ނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ، ރިޔާޒުގެ ފޯނު އަތުލާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރާ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމު ކުރަމުންދާ މައްސަލާގައި ކަމަށާއި ކުރިމިނަލް ކޯޓުން ރިއާޔަތްކޮށްފައިވާ މާއްދާ 48 އަދި 49 އަކީ މައުލޫން ބޭރުން ކޮށްފައިވާ ދެ މާއްދާ ކަމަށެވެ. އެހެން ކަމުން އެ ހާލަތަކީ ހަނުހުރެވޭނެ ހާލަތެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެން ކަމުން ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމާމެދު ނިންމި ގޮތް

ހުކުމާމެދު ގޮތެއް ނިންމުމަށް ދެފަރާތަށް ފުރުސަތު ދިނުމުން ދައުލަތުން ވަނީ ޖުނަހުގެ އެއްވަނަ މާއްދާގެ ދަށުން ކުށުގެ އަދަބަށް ބަދަލު ގެންނަން ނުފެންނަ ކަމަށާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދިފަ އެވެ.

ރިޔާޒުގެ ގާނޫނީ ވަކީލުގެ ފަރާތުން ހުށަހެޅުއްވީ ގާނޫނީ އުގޫބާތުގެ ދަށުން 1108 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ހުކުމް ދެ ދަރަޖަ ދަށްކޮށްދިނުމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި އެޅުން ޕިން ކޯޑް ދިނުމުން އެކަން ނިމިފައިވާ ކަމަށެވެ. އަދި ރިޔާޒަކީ ކުށެއް ކުރި ކަމަށް މީގެ ކުރިން ސާބިތުވެފައިވާ ފަރާތެއް ނޫން ކަމަށާއި ގާނޫނުގެ 1109 ވަނަ މާއްދާ އާއި 1202 ދެވަނަ މާއްދާއަށް ރިއާޔަތްކޮށް ރިޔާޒުގެ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ވަކީލުން އެދުނެވެ.

އެކަން ދިރާސާ ކުރެއްވުމަށްފަހު ފަނޑިޔާރުން ނިންމެވީ އަދަބު ލުއިކޮށްދޭން ނުޖެހޭ ކަމަށާއި ރިޔާޒް ގޭ ބަންދަށް ބަދަލުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އެގޮތުން ޕީޖީގެ ނުކުތާތަކަށް ބިނާކޮށް ގާނޫނު ތަންފީޒު ކުރާ މުއައްޒަފަކަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވާ ކަމަށާއި އެހެން ކަމުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.