ހަބަރު

މަހްލޫފްގެ މައްސަލައިން ނާޒިމް ސައްތާރު ސަސްޕެންޑްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ވަކާލާތު ނުކުރެވޭ ގޮތަށް މަހުލޫފްގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު ކުރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފި އެވެ.

ނާޒިމް ސައްތާރު ސަސްޕެންޑްކޮށްފައިވަނީ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމަށްފަހު އޭނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގެ ސަބަބުން މައްސަލައާމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދި، ކޯޓުގެ ހުރުމަތް ކެނޑޭ ކަމަށް މައްސަލަ ބެލުމަށް ނާޒިމަށް ފޮނުވި އެންގުމުގައި ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެފައިވެ އެވެ. އެހެންވެ އެ މައްސަލައިން ނާޒިމް ސަސްޕެންޑްކޮށްފައިވާކަން ވަނީ އަންގާފަ އެވެ.

މަހުލޫފްގެ މި މައްސަލައަކީ ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ކޮށްފައިވާ ދައުވާއެއްގެ މައްސަލައެވެ. އޭނާ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި އިއްޔެ ގާޒީ އަލީ އާދަމް ވަނީ ކަނޑުއަޅުއްވާފަ އެވެ. ނާޒިމް ޓްވީޓްކޮށް ފާޑުވިދާޅުވީ އެކަމަށެވެ.

މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. މިހާރު ވެސް އިތުރު ދައުވާތަކެއް މަހުލޫފަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.