ހަބަރު

ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހާ ގުޅޭ ހުކުމް މާދަމާ

Apr 24, 2018
1

ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އެ ކޯޓްގައި މާދަން ބާއްވަން ތާވަލްކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެ ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތަށެވެ. އަދި އެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ތިބޭ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި އެ އިސްލާހުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިބޫ އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ އެ އިސްލާހު ސައްހަ ނުވާނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ސުޕްރީމް ކޯޓްގައި ވަނީ ބާއްވައިފަ އެވެ. އަދި އެންމެ ފަހުން އަޑުއެހުން އޮތް ދުވަހު ބެންޗުން އިއުލާންކޮށްފައި ވަނީ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ، ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުން ކަމަށެވެ. ބެލެވޭ ގޮތުގައި މާދަމާ އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.