ހަބަރު

އިންޑިއާގައި ދިވެހި ޒުވާނުން ކުރި ތަޖުރިބާ ހިއްސާކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރު (އައިސީސީ) ގެ ފަރާތުން ކުރިއަށް ގެންދާ "މޯލްޑިވްސް ޔޫތް ޑެލިގޭޝަން" ޕްރޮގުރާމްގެ ދަށުން މިއަހަރު އިންޑިއާއަށް ދިޔަ ޒުވާނުން އެމީހުންގެ ތަޖުރިބާ ހިއްސާކޮށްފި އެވެ. މި ބައިވެރިން ތަޖުރިބާ ހިއްސާކުރީ ރޭ އައިސީސީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ރޭގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓާ އަކީލޭޝް މިޝްރާ އެވެ. އައިސީސީ ހިންގުމާއި ހަވާލުވެ ހުންނެވި މިސްޓާ މުހައްމަދު ހާލިގުވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

"މި ދަތުރުގައި ބައިވެރިިވި ޒުވާނުންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި އަޒުމު ވަރަށް ފުރިހަމަ. މި ދަތުރުގެ ކާމިޔާބީއާއެކު ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގުރާމްތަކެއް ކުރިއަށް ގެންދިޔުމަށް ކުރާ އުއްމީދު މިހާރު ބޮޑުވެއްޖެ. އިންޑިއާއިމެދު ދިވެހި ޒުވާނުން ތި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރަން." އަކީލޭޝް ވިދާޅުވި އެވެ.

މި ދަތުރު ސޮޕޮންސާ ކޮށްފައިވާ އިންޑިއަން ހައި ކޮމިޝަންގެ ފަރާތުންނެވެ. ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއިންބުއިމުގެ ހަރަދު ހަމަޖައްސައިދިނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.

މި ޕްރޮގުރާމްގައި ބައިވެރިވި ޒުވާނުން ވަނީ އިންޑިއާގައި އަށް ދުވަސް ހޭދަކޮށްފަ އެވެ. އެމީހުން ވަނީ އިންޑިއާގެ ތިން ސްޓޭޓެއް ކަމަށްވާ، ވެރިރަށް ދިއްލީއާއި އާގަރާ އަދި ޗަންޑިގަރްއަށް ޒިޔާރަތްކޮށްފަ އެވެ.

އިންޑިއާގެ އެކި ޔުނިވާސިޓީތަކާއި ތާޖް މަހަލްއާއި ތާރީހީ ގިނަ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރި އެވެ. ދެ ގައުމުގެ ޒުވާނުން ބައްދަލުކޮށް ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.

އައިސީސީގެ ފަރާތުން މި ދަތުރުގައި އިސްކޮށް ހުންނެވި ހުސެން އަމަން ވިދާޅުވީ، "މިއީ ޒުވާނުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. މި ދަތުރުގައި ބައިވެރިންނަށް ވަރަށް ތަފާތު އާ ތަޖުރިބާތަކެއް ކުރެވުނު. އިންޑިއާއިން ބައިވެރިންނަށް އާދާކުރި މެހުމަންދާރީއާއި ބެހެއްޓި ގާތްކަން ވަރަށް ފާހަގަކޮށްލެވޭ،" ކަމަށެވެ.

އަމަން ވަނީ މި ފުރުސަތުދެއްވި ކަމަށްޓަކައި އިންޑިއަން ހައިކޮމިޝަންއާއި އައިސީސީ އަދި އިންޑިއާގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އެބޭފުޅާ ވިދާޅުވީ، މި ދަތުރާއެކު ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ޒުވާނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ހަފްލާގައި ވާހަކަދެއްކި ދަތުރުގެ ބައެއް ބައިވެރިންވެސް ވަނީ އިންޑިއާ އިން އަދާކުރި މެހުމާންދާރީ ފާހަގަކޮށް، ބެހެއްޓި ގާތްކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. މި ދަތުރުގެ ތެރެއިން ބައިވެރިން އެންމެ ހަނދާން ހުންނާނެ ކަންކަން ވަނީ ހިއްސާކޮށްފަ އެވެ. ރޭގެ ހަފްލާގައި ވަނީ މި ދަތުރުގައި ބައިވެރިން ކުރި ތަޖުރިބާ ފެންނަ ހާއްސަ ޑޮކިއުމެންޓަރީއެއްވެސް ދައްކާލާފަ އެވެ.

"އެންމެ ހަނދާންވާނީ އެމީހުންގެ ހޮސްޕިޓޭލިޓީ. ދެން ސައިޓް ސީންތައް. ވަރަށް ގިނަ އާ ރީތި ތަންތަން ބާލަލަން ފުރުސަތު ލިބުނު،" ބައިވެރިޔަކު ބުންޏެވެ.

"ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނެއް އެއީ ތާޖް މަހަލް ދެކިލުން. މި ދަތުރާއެކު އެ ހުވަފެން ހަގީގަތަކަށްވީމަ ވަރަށް އުފަލުން މިހުރީ."

"އެންމެ ހަނދާންވާނީ ކެއުން. އިންޑިއާގެ ކެއުން އަޅުގަނޑަށް ވަރަށް ކަމުދިޔަ." އިތުރު ބައިވެރިޔަކު ބުންޏެވެ.

މިއީ އައިސީސީން މި ދަތުރު އިންތިޒާމުކުރި ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުވެސް ވަނީ މި ޕްރޮގުރާމްގެ ދަށުން 50 ޒުވާނަކު އިންޑިއާއަށް ފޮނުވާފަ އެވެ. މިއަހަރުގެ ދަތުރުގައި ބައިވެރިވީ 13 ޒުވާނުންނެވެ.