ހަބަރު

ނަސަންދުރަ މައްސަލައިގެ އިތުރު ކަންތައްތަކެއް އެބަ ބަލަން: އޭސީސީ

Apr 30, 2018
3

ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިން އެއްވެސް އަގެއް ނެގުމެއް ނެތި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައިވާ މައްސަލައިގައި ބަލަން ޖެހޭ ގިނަ ކަންކަން ފާހަގަ ވެފައިވާތީ އެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން މިއަދު ބުނެފި އެވެ.

އެއްވެސް އަގެއް ނެގުމެއް ނެތި ނަސަންދުރަ ހުރި ބިން 50 އަހަރަށް ކުއްޔަށް ދިން މައްސަލައިގައި ހިޔާނާތް ހިމެނޭތީ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް 74 މިލިއަން ރުފިޔާ ދެއްކުމަށް ފިނޭންސުން އެންގީ އޭސީސީ އިން އެ މައްސަލަ ތަހުގީގުކޮށް އެ ރިޕޯޓް މިނިސްޓްރީއާ ހިއްސާ ކުރުމުން ކަމަށް ފިނޭންސުން މީގެ ކުރިން ވަނީ އަދީބަށް އަންގައިފަ އެވެ.

އެހެން ނަމަވެސް، އެ އެންގުން ފިނޭންސުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ. އެކަން އަންގައި އަދީބަށް ފޮނުވި ސިޓީގައި ބުނީ އެ އެންގުން ބާތިލް ކުރީ، އެ މައްސަލަ އޭސީސީ އިން އަލުން ރިވިއު ކުރަމުން ދާތީ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ނަސަންދުރާ ޕެލަސް ހޮޓަލް ހުރި ބިމުގެ މައްސަލަ އަކީ އެ ކޮމިޝަނުން ތަހުގީގުކުރާ އެހެން މައްސަލައެއްގެ ތެރެއިން ބެލި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަައިގެ ތަހުގީގު ނިންމައި ފިނޭންސަށް ރެކޮމެންޑޭޝަންތަކެއް ދިން ފަހުން އެ މައްސަލައިގައި ތަހުގީގު ކުރަން ޖެހޭ އެހެން ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެހެން ކަމުން އެ ތަހުގީގު އަލުން ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވީ، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ނޫނީ އެ މައްސަލަައިގެ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށެވެ.

"މުޅި ޕްރޮޖެކްޓް ދިޔަގޮތާއި އޭގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާއި މި ހުރިހާ ކަމެއްގައި ހިމެނޭ އިތުރު ކަންތައްތަކެއް ބަލަން ޖެހޭތީ އަޅުގަނޑުމެން މި މައްސަލަ އަލުން ރިވިއު މި ކުރަނީ،" މުއައްވިޒު ވިދާޅުވި އެވެ.

ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް
ހޮޓަލެއް ތަރައްގީ ކުރަން އެންޕީއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދީފައި ވަނީ އެއްވެސް އަގެއް ނެގުމެއް ނެތި ސީއެސްއާރު ކޮމްޕޮނެންޓްގެ ތެރެއިން ކަމަށް މީގެ ކުރިން އޮޑިޓް އޮފީހުން ނެރުނު އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެއްވެސް ފައިސާއެއް ސަރުކާރަށް ނެގުމެއް ނެތި އެތަން ކުއްޔަށް ދޭން ހެދި އެއްބަސްވުމުގައި ސީއެސްއާރުގެ މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެހެން ކަމުން އެ އެއްބަސްވުމުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުން އޮޑިޓާ ޖެނެރަލް ވަނީ އެ އެއްބަސްވުމާ މެދު ސަރުކާރުން ގޮތެއް ނިންމުމަށް އެ ރިޕޯޓްގައި ސަރުކާރަށް ލަފާދިފަ އެވެ.

ސާވިސް އެޕާޓްމަންޓްތަކާއި ހޮޓަލެއް ވެސް ހިމެނޭ ގޮތަށް ނަސަންދުރާ ހުރި ބިން 14 ފްލޯއަށް ތަރައްގީ ކުރަނީ، އެންޕީއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި އަލްފާ ކިނަމް ހޯލްޑިން އަދި ލަންކާގެ ބްރައުން ގްރޫޕް ގުޅިގެން އެވެ. އަދި އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ، ޗައިނާގެ ކުންފުންޏަކުން އެވެ. އެ އިމާރާތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ މަޝްރޫއުގެ ތަފްސީލްތައް ސަރުކާރުން މިހާތަށް ހާމަކޮށްފައެއް ނުވެ އެވެ.