ހަބަރު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދެ ގާޒީއެއްގެ ބަޔާން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް އާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އަލީ ދެއްވި ކަމަށް ރޭ ލީކުވެފައިވާ ފުލުހުންގެ ސިއްރު ބަޔާންތަކުން ހާމަވެއްޖެ އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށްފައި ތިއްބެވި ދެ ފަނޑިޔާރުންނާ ދެކޮޅަށް ގާޒީ އާދަމް އާރިފް ބަޔާން ދެއްވާފައިވާ އިރު އެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ވެސް ބައްލަވަނީ އާދަމް އާރިފެވެ.

ފުލުހުންނަށް އާދަމް އާރިފް ދެއްވާފައިވާ ސިއްރު ބަޔާނުގައި ވިދާޅުވެފައި ވަނީ ފެބްރުއަރީ 1 ގެ އަމުރަށް ފަހު ޖުޑިޝިއަލް ސާވިސް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ގުޅުއްވުމަށްފަހު ފަނޑިޔާރުން ވާހަކަފުޅު ދަައްކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ފޯނު ސްޕީކަރަށްލެއްވި ކަމަށާއި އެތަނުގައި ހުންނެވި އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަމުން "އަމުރުތައް ނެރޭއިރު ސިޔާސީ މީހުންނަށް ބެލުމަށް" އެންގެވި ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން އޭނާ ހައްޔަރު ކުރުމަށް ހުށަހެޅި ހެކި ހުށަހަޅައިގެން ބަންދު ކުރި މީހުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައި ފޯނު ކަނޑާލި ލެއްވި ކަމަށް އާދަމް އާރިފް ވިދާޅުވެފައި ވެއެވެ. އެއަށް ފަހު އުއްތަމަ ފަަނޑިޔާރާއި އަލީ ހަމީދު އެންގުވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދޫކޮށްލުމަށް އަމުރު ކުރި ކަމަށް ވެސް އާދަމް އާރިފް އިއުތިރާފްވެވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން 4 ފެބްރުއަރީގައި ހަސަން ސައީދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު ގުޅުއްވުމަށް ފަހު އޭނާ ހައްޔަރު ކުރަން އަމުރު ނެރުއްވީ ކޮން ގާޒީއެއްތޯ ސުވާލު ކުރެއްވި ކަމަށާއި އެ އަމުރު ނެރުއްވީ ގާޒީ އަހުމަދު ހައިލަމް ކަމަށް ދެންނެވުމުން އެ އަމުރު ބާތިލު ކުރަން އެންގެވި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ އަމުރު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ދެންނެވި ކަމަށާއި އެގޮތަށް ދެންނެވުމުން ފިޔަވަޅު އަޅިދާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ފޯނު ބޭއްވެވީ ކަމަށް ވެސް އާދަމް އާރިފްގެ އެ ބަޔާނުގައި ވެއެވެ.

އެކެއް ފެބްރުއަރީގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ގުޅުއްވައި މީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް އަންގާފައި ވަނީ އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު މިހާރު އޮތް ކަމަށް ވެސް އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހާމީދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ދެން ހެކި ބަސް ދެއްވާފައިވާ ގާޒީ ހަލީމްގެ ސިއްރު ބަޔާނުގައި ވަނީ ސިވިލް ކޯޓުގައި ހިނގި ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ދެ ފަނޑިޔާރުން ގުޅުއްވައި ހުކުމްތައް ބޭނުންވާ ގޮތަށް ބަދަލު ކުރެއްވި ކަމަަށެވެ. އެގޮތުން "ހަވީރު" ނޫހުގެ މިލްކުވެރިކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި މުއައްޒިފުންނަށް އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ ބައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު އަލީ ހަމީދު ކަމަށް ވެސް ހަލީމް ވިދާޅުވެފައިވެ އެވެ. އަދި ހުކުމްތައް ބަދަލު ކުރުމަށް ފަނޑިޔާރު އަލީ ހަމީދާއެކު ވާހަކަދައްކާފައި ވަނީ "ވަޓްސް އެޕް" މެދުވެރިކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލާގައި ވެސް އުއްތަމަ ފަނޑިޔަރާއި އަލީ ހަމީދު އިރުޝާދު ދެއްވަމުން ގެންދެވި ކަމަށާއި އެގޮތުން "ރައީސް ވަރަށް ބޭނުންފުޅު ވެޔޭ އެ މައްސަލަ ހުށަހެޅިފައިވާ ފަރާތުގެ މައްސަލަ ހިމާޔަތްވާ ގޮތަށް އެ މައްސަލަ ނިންމެވުމަށް" ކަމަށް ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އުސޫލުތަކުގެ ތެރެއިން އެކަންކަން އެގޮތަށް ހަމަޖެއްސި ކަމަށް ވެސް ހަލީމް ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ.

ވިލާ އެއާ ޕްރައިވެޓް ލިމިޓަޑްގެ މައްސަލާގައި ވެސް އެ ދެ ފަނޑިޔާރުން ގުޅުއްވައި ވަރަށް ބޮޑަށް އިރުޝާދު ދެއްވާ ހެއްދެވި ކަމަށާއި އެ ފަނޑިޔާރުން އެދިލެއްވި ގޮތަށް އަމުރުތައް ނެރެމުން ދިޔަ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. ނަމަވެސް އޭރު ގެންގުޅުނު ފޯނު ބަދަލުވެފައިވާތީ މިހާރު އެ މެސެޖުތަކެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ހަލީމް އިތުރަށް ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބޭނުންވާ ގޮތަށް ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ނެރުމަށް މަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށާއި އެއިން ދައުލަތަށް ފައިދާ ވާނެ ކަމަށް ބުނެ މަގާމްގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް އެނގޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދީފައިވާ ސިއްރު ބަޔާންތައް ލީކުކޮށްލާފައިވާ އިރު ފުލުހުން މިއަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާ، އެ މައްސަލަ ސީރިއަށް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.