ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ޕަލްމައިރާ އަވަށް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފުރިހަމަ ކޮންޓްރޯގެ ދަށަށް ގެނެސްފި އެވެ.
އެ އަވަށުގެ ބައެއް މީހުންނާއި އިދިކޮޅު އެކްޓިވިސްޓުން ބުނި ގޮތުގައި ސަރުކާރު ސިފައިންގެ ހުރިހާ ފައުޖުތަކެއް މިހާރު ވަނީ އެ އަވަށް ދޫކޮށް ގޮސްފަ އެވެ. އަދި ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ހަނގުރާމަވެރިން ބަލިކޮށް، ޕަލްމައިރާއާ އިންވެގެން އޮންނަ ޒަމާނީ ސިޓީއެއް ކަމަށްވާ ތަދުމޫރު ވެސް އައިއެސް އިން ހިފާފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
"އެކަމަކު އަވަށުގެ އިރުމަތީކޮޅުގައި އަދި ކޮންމެވެސް ވަރަކަށް ހަމަލާތައް ބަދަލުކުރަމުން އެބަދޭ،" އަބޫ ހަމްޒާ ނަމަކަށް ކިޔާ އެކްޓިވިސްޓަކު، ބީބީސީއާ ވާހަކަދައްކަމުން ބުންޏެވެ.
އައިއެސް އިން ޕަލްމައިރާ މިއަދު ހިފުމާ އެކު، ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އައިރީނާ ބޮކޯވާ ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އައިއެސް އިން ވަނީ މީގެ ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފަ އެވެ. އެކަން ދައްކައިދޭ ވީޑިއޯތައް އާއްމުކުރުމާ އެކު، ބޭރު ދުނިޔޭގެ ފާޑުކިއުންތައް އެ ޖަމާއަތަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ތާރީހީ ގޮތުން މުހިއްމު ވުމުގެ އިތުރަށް، ޕަލްމައިރާ އޮންނަ ސަރަހައްދުގެ ގޮތުން އެ އަވަށުގެ ކޮންޓްރޯލް ހޯދުމުގެ މުހިއްމުކަން ދެ ފަރާތަށް ވެސް މުހިއްމެވެ. އެ ގޮތުން، ވެރިރަށް ދިމިޝްގާއި އައިއެސް އިން ހިފުމަށް މަސައްކަތް ކުރަމުންދާ ދައިރު އައްޒޫރު އަވަށުގެ މެދުގައި ޕަލްމައިރާ އޮތްއިރު، އެ އަވަށުގައި ގިނަ އަދަދެއްގެ ގުދުރަތީ ގޭސް ވަޅުތައް ވެސް އެބަހުއްޓެވެ.
އަސަދުގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި މީގެ ހަތަރު އަހަރު ކުރިން ފެށި ހަނގުރާމައިގެ ބޭނުން ހިފައި ސީރިއާ އާއި އިރާގުގެ ބޮޑު ބަޔަކަށް އަތްގަދަކޮށްފައިވާ އައިއެސް އިން ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި "އިސްލާމީ ހިލާފަތެއް" ގާއިމްކޮށްފަ އެވެ. އަދި އެ ޖަމާއަތުން ދަނީ އަވަށްޓެރި ބައެއް ގައުމުތަކަށް ވެސް ހަރަކާތްތައް ފުޅާކުރަމުންނެވެ