ހަބަރު

ދެ ރަށެއްގައި ކުޑަކުދިންގެ އިންޓަވިއު ރޫމް ހުޅުވައިފި

ކުޑަކުދިންނަށް ހާއްސަ އިންޓަވިއުކުރާ ރޫމްތަކެއް ގއ. ވިލިގިނލިއާއި ގދ. ތިނަދޫގައި ހުޅުވައިފި އެވެ. މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން މި ރޫމްތައް ހުޅުވީ އެ ދެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގަ އެވެ.

މި ރޫމްތައް ގާއިމްކުރީ ތަފާތު ހާނިކައާއި އަނިޔާގެ ޝިކާރައަށްވެފައިވާ ކުދިންނާއި މުޢާމަލާތް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނާއި ގުޅުންހުރި ތަހުގީގުތައް ހަރުދަނާކުރުމުގެ މަގުސަދުގަ އެވެ. މިދިޔަ މާޗު މަހު ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގައި ވެސް މިފަދަ ރޫމްތަކެއް ހުޅުވާފައިވެ އެވެ.

ޖެންޑާ މިިނިސްޓްރީން މި ރޫމްތައް ގާއިމްކުރީ ޔުނިސެފް މޯލްޑިވްސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު އެވެ.

ވިލިނގިލީގައި ގާއިމްކުރެވުނު އިންޓަވިއު ރޫމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަަރު ޒެނީޝާ ވިދާޅުވީ އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތައް ކަމަށެވެ.

މި ސަބަބަށްޓަކައި ތަހުގީގީ މަރުހަލާއި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މިފަދަ ވަސީތައް ގާއިމްކުރެވިފައި ހުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ކަމަނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހައި އަތޮޅެއްގައި މިފަދަ އިންޓަވިއު ރޫމްތައް ގާއިމްކޮށް ހިދުމަތްދޭން ފެށުމެވެ.