ދުނިޔެ

އަނެއްކާވެސް އެބޯލާ ބަލި ފެތުރެން ފަށައިފި

ނުރައްކާތެރި އެބޯލާ ވައިރަސް ޑިސީސް ( އީވީޑީ) އަނެއްކާވެސް ދުނިޔޭގައި ފެތުރެން ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނީ އެބޯލާ އަނެއްކާވެސް ފެތުރެން ފެށީ އެބަލި 1976 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެބަލި ފެނުނު ގައުމުކަަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)ގައި ކަމަށެވެ. އެގޮތުން އެގައުމުގައި އެބައްޔަށް ޓެސްޓް ކުރި ފަސް މީހެއްގެ ތެރެއިން ދެމީހަކަށް އެބަލިޖެހިފައިވާ ކަން އަންގާރަ ދުވަހު ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މިހާތަނަށް ފަރުވާއެެއް ހޯދިފައިވާ ނުވާ އެބޯލާ ބައްޔަކީ ބަލިޖެހޭ ގިނަ މީހުން އެބަލީގައި މަރުވާ ބައްޔެކެވެ. އެގޮތުން އެބަލި ޖެހޭ މީހުންގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން އެބަލީގައި މަރުވެއެވެ. ބަލީގައި ފުރަތަމަ އަންނަނީ ގަދަ ހުމެކެވެ. އެއަށް ފަހު ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. އަދި އެންމެ ނުރައްކާތެރި ހިސާބަށް ދިއުމުން ކިޑްނީ ފެއިލްވެ، އެތެރެހަށިންނާއި ހަށިގަނޑުގެ އެހެން ތަންތަނުން ލޭ އަންނަން ފަށައެވެ.

ޑީއާރްސީގައި އެބޯލާ ފެތުރެން ފެށުނުން ޑަބްލިއުއެޗްއޯއާއި ފްރާންސްގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަަމަށްވާ މެޑިސިންސް ސެންސް ފްރޮންޓިއާސް( އެމްއެސްއެފް)ގެ މާހިރުންގެ ޓީމެއް މިހާރު ވަނީ އެގައުމަށް ފޮނުވާފައެވެ.

މީގެ ކުރިން އެބޯލާ އެންމެ ބާރަށް ފެތުރެން ފެށީ 2014 ވަނަ އަހަރުއެވެ. އެއަހަރު އެބަލި ފެތުރެނު އިރު އެބަލީގައި ހަ ގައުމަކުން 11000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭރުގައި ބަލިފެތުރެން ފެށިފަހުން އެކަން ހުއްޓުނުކަން އދ. ޑަބްލިއުއެޗްއޯއިން އިއުލާނުކުރީ 2016 ވަނަ އަހަރުއެވެ.