ހަބަރު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް

  • އަދަބު ހަތަރު ދަރަޖަ މަތިކޮށްފަ
  • ބަޔާނުގެ ބަޔަކަށް ހެކިވެރިޔަކު އިންކާރުކުރި
  • ނުފޫޒުން ހުކުމް ނެރޭ ގާޒީން ކުށްވެރިވާނެ

އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދު އިއްވެވީ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ރިޔާއަތްކޮށް ދައުވާ ސާބިތުވާ ކަމަށް ގާޒީ ޝަހީދު ނިންމެވުމަށްފަހު އަދަބު ވަނީ ހަތަރު ދަރަޖަ ބޮޑުކޮށްފަ އެވެ. އަސާސީ މިންގަނޑުން ބަލާއިރު ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމް ބޮޑުވެފައިވަނީ ކުށުގެ ދަރަޖަ ހަތަރު ދަރަޖައަށް މަތިކުރުމުންނެވެ.

ގާޒީ ވަނީ ކުށުގެ އަދަބު ހަތަރު ދަރަޖަ މަތިކުރެއްވި ސަބަބުތައް ވެސް ބަޔާން ކުރައްވާފަ އެވެ. ގާޒީ ވިދާޅުވީ ފަނޑިޔާރުންނަކީ އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދާފަދަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑޔާރާއި އަލީ ހަމީދު އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާ ކުރައްވައި ތިއްބަވައިގެން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތްތަކާ ހިލާފަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ޝަރުއީ ނިޒާމަށް ގެއްލުންދީފައިވާ ކަމަށެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާތައް ބޮޑު ކަމަށާއި އެ ބޭފުޅުން ކުރައްވައި އަމަލުތަކުގެ ޒިންމާ އެ ބޭފުޅުން އުފުލަންޖެހޭނެ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެ ފަނޑިޔާރުން ކުރައްވާފައިވާ ބައެއް ކަންކަން ވެސް ގާނޫނީ އިމުން ބޭރުވެފައިވާތީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އަދަބުގެ ދަރަޖަ މަތިކުރެއްވި ކަމަށް ގާޒީ ވިދާޅުވި އެވެ.

ހެކިވެރިއެއް ބަޔާނުގެ ބަޔަކަށް އިންކާރު

މި މައްސަލާގެ ޝަރީއަތުގައި ދައުލަތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ. ސިއްރު ހެކިން ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށެވެ. އެ ސިއްރު ދެ ހެކިވެރިންގެ ހެކި ބަހަށް ބަލާއިރު އެކަން ސާބިތުވާ ކަމަށް މިއަދުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސިއްރު ހެކިވެރިންގެ ހެކި ބަހުން ފާހަގަކުރެވުނު ނުކުތާތައް ވެސް ގާޒީ މިއަދު ވިދާޅުވެ ދެއްވި އެވެ. ހެކި ބަސް ދެއްވި ދެ ސިއްރު ހެކިވެރިންނަކީ ގާޒީންކަން ގާޒީ ފާހަގަކުރައްވާފައިވާ ނުކުތާތަކުން ސާފުވެ އެވެ.

ފުރަތަމަ ސިއްރު ހެކިވެރިޔާ ހެކި ބަސް ދެއްވަމުން ވިދާޅުވެފައިވަނީ، އޭނާއަށް އެކެއް ފެބުރުއަރީ ވަނަ ދުވަހުގެ ކުރިން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުގުޅުއްވާ ކަމަށާއި ނަމަވެސް އެ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމަށްފަހު އޭނާއަށް އެ ދެ ފަނޑިޔާރުން ގުޅުއްވި ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކާއި ޖުޑިޝަރީގެ ބޭފުޅުން ހައްޔަރުކުރުމަށް ވިސްނާލުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތް ކަމަށެވެ. އެހެންވެ ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ ކޮން ސިޔާސީ ފަރާތްތަކެއްގެތޯ ބެއްލެވި ކަމަށާއި އޭރު އަމުރު ނެރެފައިވަނީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހުކުމް އިއްވަވަމުން މިއަދު ގާޒީ ވިދާޅުވި ގޮތުގައި އޭނާ ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، އެ އަމުރުތައް ބާތިލުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެގޮތަށް އެންގެވުމުން އެ ބޭފުޅުން އެންގެވި ގޮތަށް އަމަލު ކުރެއްވުމަށެވެ. ނަމަވެސް ހެކި ބަސް ދެއްވަމުން އޭނާ އެކަމަށް އިންކާރު ކުރައްވާފަ ކަމަށް ގާޒީ ވިދާޅުވި އެވެ. ސިއްރު ހެކިވެރިޔާ ހެކި ބަސް ދެއްވަމުން ބަޔާނުގެ އެ ބަޔަށް އިންކާރު ކުރައްވައި ވިދާޅުވެފައިވަނީ އެ އަމުރުތައް ބާތިލުކުރުމަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ކަމަށާއި ނަމަވެސް އަމުރުތައް ބާތިލުކުރެއްވީ އެ ދެ ފަނޑިޔާރުން އެންގެވި ގޮތަށް އަމަލު ކުރެއްވުމަށް ނޫން ކަމަށެވެ. އަމުތައް ބާތިލުކުރީ އޭނާ ވެސް އެ ދިރާސާކުރުމަށްފަހު އެ އަމުރުތައް ދަމަހައްޓަންޖެހޭ ސަބަބެއް އޭރު އޮތް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

އޭގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް ވެސް ދެ ފަނޑިޔާރުން އެންގެވުމުން އެ އަމުރަކީ ލިބިފައިވާ ހެކިތަކަށް ރިޔާއަތްކޮށް ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރު ބާތިލުކުރެވެން ނެތްކަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އެންގެވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފާހަގަކުރެވުނު ނުކުތާތައް ފާހަގަކުރައްވަމުން ގާޒީ ޝަހީދު ވިދާޅުވީ، ފަނޑިޔާރުން ނެރޭ ހުކުމްތަކަކީ އެއްވެސް ނުފޫޒެއް ނެތި ނެރެންޖެހޭ ހުކުމްތަކެއް ކަމަށް ޝަރީއަތާއި ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ފަނޑިޔާރެއްގައި ހުންނަންޖެހޭ ލާޒިމް ސުލޫކީ މިންގަނޑެއް ކަމަށެވެ. އެހެން ކަމަށްވާއިރު އެއްވެސް މީހެއްގެ ނުފޫޒުގައި ފަނޑިޔާރަކު ހުކުމް ނެރެފައިވާނަމަ އެއީ ޖިނާއީ ކުށެއް ކަމަށާއި އެކަމުގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ ކަމަށެވެ. ސިއްރު ހެކިވެރިޔާ އެކެއް އަމަލު ކުރެއްވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ގޮތަށް ނޫން ކަމަށް ވިދާޅުވިޔަސް އެ ދެ ފަނޑިޔާރުން އޭނާއަށް ނުފޫޒު ފޯރުވަން އުޅުންކަން ސާބިތުވާ ކަމަށެވެ. އަދި ތަހުގީގަށް ސިއްރު ހެކިވެރިޔާ ދެއްވާފައިވާ ބަޔާނަކީ އެއްވެސް ނުފޫޒެއްގައި ދެއްވާފައިވާ ބަޔާނެއް ނޫން ކަމަށާއި ބަޔާނުގެ އެ ބަޔަށް އިންކާރު ކޮށްފައިވީ ނަމަވެސް ހުށަހަޅާފައިވާ ގަރީނާތަކުން އެނގެނީ އެ އަމުރުތައް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބޭނުންވި ގޮތަށް ބާތިލުކޮށްފައިވާކަން ކަމަށެވެ. އެ އަމުރުތައް ބާތިލުކުރި އެހެން ސަބަބެއް އޭނާއަށް ބުނެދެވިފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ ދެ ފަނޑިޔާރުން ސިއްރު ހެކިވެރިޔާއަށް ނުފޫޒު ފޯރުވައި ކަންތައްތަކެއް ކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށެވެ.

ދެން ހެކި ބަސް ދެއްވާފައިވާ ދަށުގެ ކޯޓުގެ ގާޒީއަކު ވިދާޅުވެފައިވަނީ އޭނާއަށް އަލީ ހަމީދުގެ ފޯނު ކޯލްތައް ވަޓްސްއެޕްއިން ލިބެން ފެށީ ޕީޕީއެމްއާ ގުޅޭ އަމުރެއް ނެރުނު ހިސާބުން ކަމަށެވެ. އަދި އެހެން މައްސަލައެއްގައި އޭނާ ސުޕްރީމް ކޯޓުގެ އަލީ ހަމީދުގެ ޗެމްބަރަށް ވަޑައިގެންނެވި ކަމަށާއި އަލީ ހަމީދު ވަނީ އެ މައްސަލަ ހުކުމް ލިޔެދެއްވާފަ ކަމަށް އޭނާ ވިދާޅުވެފަ އެވެ. އެ މައްސަލާގައި އިއްވެވީ އަލީ ހަމީދު ލިޔުއްވި ހުކުމް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގާޒީ ޝަހީދު ވިދާޅުވީ، އެއީ ރާވައިގެން ހިންގާފައިވާ ކަންތައްތަކެއްކަން ސާފުވާ ކަމަށެވެ. އެ ހެކިވެރިޔާ ހެކި ބަހުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒުން ކަންކަން އޭނާ ލައްވައި ކުރުވައިފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ގުޅިފައިވާ ގަރީނާތަކުން އެކަން އިތުރަށް ޔަގީން ވެސްވާ ކަމަށެވެ.

ދިފާއީ ހެއްކެއް ނެތް

މި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ދިފާއީ ހެކިން ހުށަހަޅާފައެއް ނުވެ އެވެ. ގާޒީ ވަނީ ހެކި ހުށަހެޅުމަށް އިބްތިދާއީ އަޑުއެހުމެއްގައި ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް އެ މަރުހަލާގައި ހެކި ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެ ދިފާއުގައި ހެއްކެއް ހުށަހަޅައެއް ނާޅަ އެވެ.

ޝަރީއަތް ފެށި ފަހުން ހެކި ހުށަހަޅަން ފުރުސަތަކަށް އެދުނު ނަމަވެސް އިތުރު ފުރުސަތެއް އެކަމަށް ނުދެއްވަން ނިންމާފައިވާނެ ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ. އޭގެ އިތުރުން ޝަރީއަތް ފެށުމުގެ ކުރިން ދިފާއުން ހުށަހެޅި ހުރިހާ ހުށަހެޅުންތަކެއް ބަލައިގަންނާނެ ސަބަބެއް ނެތުމުން އެ ހުރިހާ ކަމެއް ބޭރުކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އިބްތިދާއީ އަޑުއެހުމުގައި ދިފާއުން ނަގާފައިވާ އިޖުރާއީ ނުކުތާތަކާ ގުޅޭ ގޮތުން ގާޒީގެ ނިންމެވުންތައް ވެސް މިއަދު ވަނީ ބަޔާންކޮށްދެއްވާފަ އެވެ. އެގޮތުން އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި މައްސަލަ ބައްލަވާ ގާޒީ ޝަހީދު ނެރުއްވާފައިވާ އަމުރެއް ހުށަހަޅާފައިވާތީ މަސްލަހަތު ފުށު އަރާ ކަމަށް އެ މައްސަލައިން ތަނާޒަލްވުމަށް އެދި ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

ގާޒީ މިއަދު ވިދާޅުވީ، އެ އަމުރަކީ ނުފޫޒު ފޯރުވިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ އަމުރެއް ނޫން ކަމަށެވެ. ނަމަވެސް ހެކިވެރިޔާ ދެއްވާފައިވާ ބަޔާނުގައި ވަނީ ތެދު ހަގީގަތްކަން އިތުރަށް ޔަގީންކުރުމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުމެއް ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީއަކީ މި މައްސަލާގައި ވިކްޓިމްއަކަށް ނުވާއިރު މައްސަލައިން ތަނާޒަލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ކަމަށް ވިދާޅުވި އެވެ.

މިއަދު ހުކުމް އިއްވި ވަގުތު ގާޒީ ޝަހީދު ވަނީ ދެ ފަނޑިޔާރުންނާއި ހުރިހާ ވަކީލުން ވެސް ކޮޅަށް ތެދުވެވަޑައިގެން ތިއްބެވުމަށް އަންގާފަ އެވެ. އެ އެންގެވުމާ އެއްގޮތަށް ފަނޑިޔާރު އަލީ ހަމީދާއި ދައުލަތުގެ ވަކީލުންނާއި ދެ ފަނޑިޔާރުންގެ ދިފާއީ ވަކީލުން އަމަލު ކުރެއްވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ކޮޅަށް ތެދުވެވަޑައިގެންނެވީ ގާޒީ ދެވަނަ ފަހަރަށް ކޮޅަށް ތެދުވެވަޑައިގަތުމަށް އެންގެވުމުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ގާޒީ ހުކުމް އިއްވަވާއިރު ވަކީލުންނާއި ދައުވާ ލިބޭ ފަރާތް ހުންނަންޖެހޭނީ ކޮޅަށެވެ.

ހުކުމް އިއްވުމަށްފަހު ގާޒީ ޝަހީދު ވަނީ ހުކުމާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެކަން ހަނދުމަކޮށްދެއްވާފަ އެވެ. އަދި އެކަމަށް 10 ދުވަސް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ. އެއަށްފަހު އަޑުއެހުން ނިންމާލެއްވުމަށްފަހު ގާޒީ ނުކުމެވަޑައިގެންނެވި އެވެ.

އެއް އަހަރަށްވުރެ ދިގު ހުކުމަކަށްފަހު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ހުކުމަށްފަހު ވެސް ވަކީލުންނާ ވަރަށް ހެވިފައި ތިއްބަވައިގެން މަޝްވަރާ ކުރެއްވި އެވެ. ޝަރީއަތުގެ މަޖިލީހުން ނުކުމެވަޑައިގަންނަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނު އަސާސީ ނެގެހެއްޓުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ގައުމު ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަ ކަމަށެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދެ ބޭފުޅުންގެ މައްޗަށް ކުރާއިރު ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ. އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްޔެގައި ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާފަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.