ހަބަރު

ޓެރަރިޒަމްގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެއްކޮށް

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތް ކުރިއަށް ގެންދާނީ އެއްކޮށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ދައުވާ އުފުލީ ހަ ބޭފުޅެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދުގެ މައްޗަށެވެ. މި ހަ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ފޮނުވާފައިވަނީ އެއް ދައުވާ ފޯމަކުންނެވެ.

މި ބޭފުޅުންގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ނަމަވެސް ހަ ބޭފުޅުންނާ ދެކޮޅަށް ވެސް ހުށަހަޅާފައިވަނީ ގަމަ އެއް ހެކިތަކެކެވެ.

މިއަދު ބޭއްވި ފަނޑިޔާރު އަލީ ހަމީދުގެ އިބްތިދާއީ އަޑުއެހުމުގައި އޭނާގެ ވަކީލް މަހުފޫޒު ސައީދު ވަނީ އެކަމާ ގުޅިގެން ސުވާލު ކުރައްވާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެއް މައްސަލައެއްގައި އެއް ދައުވާއެއް ކުރާ މީހުންގެ ޝަރީއަތް ވަކި ކުރެވޭނެ ހާލަތްތަކެއް ކަނޑައަޅާފައިވަނިކޮށް މި މައްސަލާގައި އަޑުއެހުންތައް ވަކިން ކުރިއަށް ގެންދަނީ ކޮން އުސޫލަކުންތޯ މަހުފޫޒު އެއްސެވި އެވެ.

އެއަށް ޖަވާބު ދެއްވަމުން ގާޒީ ހައިލަމް ވިދާޅުވީ، މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނީ އެއްކޮށް ކަމަށެވެ. ހުރިހާ ބޭފުޅުންގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލާއިރު ޝަރީއަތަށް ފޮނުވާ މައްސަލައެއްނަމަ އެ މައްސަލަތައް ކުރިއަށް ގެންދާނީ އެއް ޝަރީއަތެއްގައިކަން ގާޒީ ފާހަގަކުރެއްވި އެވެ.

އިބްތިދާއީ އަޑުއެހުންތައް ވަކިން ކުރިއަށް ގެންދަނީ ކޮން ބޭފުޅަކަށް ވެސް ދައުވާ ސާފުކުރުންފަދަ ކަންކަމަށް ފަސޭހައަކަށެވެ. އަދި ހަ ބޭފުޅުންގެ ވެސް ގިނަ ވަކީލުންތަކެއް ތިއްބަވާތީ އެވަރުގެ ޝަރީއަތުގެ މަޖިލީހެއްގެ އިންތިޒާމް ވެސް އަދި ކޯޓުގައި ނެތުމުންނެވެ.

އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން މި ހަ ބޭފުޅުންގެ އިތުރުން ފަހުން ވަނީ ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފަ އެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް އެއް ގަޒިއްޔާގެ ދަށުންނެވެ. ނަމަވެސް އަދި އެ ތިން ބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.