ހަބަރު

މެންބަރު ފާރިސް، ސިނާން، އިލްހާމް އަދި ރިޔާޒަށް ޓެރަރިޒަމްގެ ދައުވާ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު އަދި އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ހަތަރު މެންބަރުންނަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ބުނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 (ތިންލައްކަ ފަސްސާސް ހާސް ރުފިޔާ) އާއި 3300 (ތިންހާސް ތިން ސަތޭކަ ޑޮލަރު) ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮވެ އެވެ.

ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އަހުމަދު މިސްފިރު އަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއަކަށް ކަމަށާއި މައްސަލާގެ ތަހުގީގުން އަހުމަދު މިސްފިރު އަކީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއް ކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމާއި، ހައިޝަތު ހަނާ އަކީ ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބިމީހާކަން ވަނީ އެނގުނު ކަމަށް ބަޔާނުގައި ބުންޏެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ހަސަން ސައީދު ހުސައިން ތަފާތު އެކި ދުވަސްވަރު މައްސަލާގައި ފާހަގަކޮށްފައިވާ ގައުމަށް ދަތުރުކޮށްފައިވާ ކަމާއި، އެގައުމުން މި ފަރާތަށް ގަތުމަށް ބޭނުންވި ޕްރޮޕަޓީތައް ބަލަން ދިޔަ ކަމާއި، އެތަނުން އެ ޕްރޮޕަޓީތައް ގަތުމާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަދައްކާފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރޭވުމު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން، އެބައިމީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާގެ ބޭނުމުގައި، އަދި މި މައްސަލާގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މި އަމުރު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތައް އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިނގާ އިންތިޒާމްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުރި އަހުމަދު އަރީފްގެ ބޭނުން ހިފައިގެން ސުޕްރީމްކޯޓުގެ އަމުރު ނެރެންވާއިރަށް، އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށާއި ސުޕްރީމްކޯޓުން ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލާ ރޭވިގެން މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ވެސް ޕީޖީއިން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާ ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންގެ ތެރެއިން އަހުމަދު އަރީފު ބޭނުންވާ ވަކި ބަޔަކު ހޮވައި، އެކި ތަންތަނުގައި ތިބި މި މީހުން އެއްތަނަކަށް ގެނުވައި، އެއްބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާކަން މައްސަލާގައި ހޯދިފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ. މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ވެސް ދައުވާތައް ކުރަނީ އެކަންކަމަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ.