މޯލްޑިވްސް ޕޮލިސް ސާވިސް

ސިނާނާއި އިލްހާމް ހޯދަން އިއުލާންކޮށްފި

Feb 9, 2018
1

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި އެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ ބޭފުޅުން ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލައި ތަހުގީގެއް ކުރާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ދެ ބޭފުޅުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް އެދިފައިވާއިރު އެ ދެބޭފުޅުން ތިއްބެވީ ވެސް ރާއްޖޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގެ ގަރާރުގައި ސޮއި ކުރެއްވުމަށް ފަހު އެ ދެ ބޭފުޅުން އުޅުއްވީ އަމިއްލަފުޅަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 1 ފެބުރުއަރީގެ އަމުރަށް ފަހު އެ ދެ ބޭފުޅުން ރާއްޖެ ވަޑައިގަތެވެ. ދެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން އެއާޕޯޓުން ހައްޔަރު ކުރުމަށްފަހު ދެ ބޭފުޅުން މިނިވަން ކުރީ މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުންނެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުގައި ތިއްބަވަނިކޮށް ވެސް އެ ދެ ބޭފުޅުން ފުލުހުން ހާޒިރުވުމަށް ފުލުހުން 14 ދުވަހުގެ މުއްދަތު ދީފައި ވެއެވެ. އެ ދެބެފުޅުންނަކީ ޕީޕީއެމްގައި އިސްކޮށް އުޅުއްވެވި އިސް ދެބޭފުޅުންނެވެ.