ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ. -- ކުރިން ސިނާންގެ ބަންދާމެދު މިރޭ ގޮތެއް ނިންމި ކަމަށް ރިޕޯޓްކުރެވުނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުންނެވެ.
ސިނާންއަށް ދައުވާ ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސިނާންގެ ބަންދަށް 15 ދުވަސް ޖެހި އެވެ. އެ ބަންދުގެ މުއްދަތު ހަމަނުވަނީސް އަނެއްކާ މިރޭ ސިނާންގެ ބަންދުގެ މަޖިލީހެއް ބާއްވަން އުޅުނު ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުރިހާ ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ދަނީ ބަންދުކުރަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެސް މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ސިނާންއާ ގުޅޭ ގޮތުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ. މި މައްސަލާގައި ސިނާންގެ އިތުރުން އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި ފާރިސް މައުމޫނާއި އިލްހާމް އަހުމަދަށެވެ.