އިދިކޮޅު ޕާޓީތަކުގެ މެންބަރުން ހައްޔަރު ކުރަމުން ގެންދަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަލުން ސަރުކާރަށް ހޯދަން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހައްޔަރު ކުރި މައްސަލައަށް އިޝާރާތް ކުރައްވާ، ރިޔާޒް އިއްޔެ ވިދާޅުވީ މެންބަރުން ހައްޔަރު ކުރަމުން ގެންދަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދަން ކަމަށެވެ. އަދި ސަރުކާރަށް މެޖޯރިޓީ ހިފެހެއްޓޭނީ މެންބަރުން ޖަލަށް ލައިގެން ކަމަށްވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ތަހުގީގު ކުރުމުގެ ބޭނުމުގައި މީހުން ޖަލަށްލައި ބަންދު ކުރުމަކީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާތު ދަންނަ ކަމެއް ނޫން ކަމަށެވެ.
އެކެއް ފެބުރުއަރީގެ އަމުރުގައި ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ކުރިން ނެރުނު ހުކުމް ވަނީ ބާތިލުކޮށްފަ އެވެ. އަދި 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ އަމުރުގައިވެ އެވެ. އެއާއެކު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަލުން އިދިކޮޅު ޕާޓީތަކަށް ލިބިފައިވާ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން ވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި މެންބަރު ސިނާން ހައްޔަރުކޮށްފަ އެވެ.
ޕީޕީއެމް އިން ބުނަނީ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައި ކަން އެނގޭނީ މަޖިލީހުގެ ޖަލްސާތައް ފެށުމުން ކަމަށެވެ. އަދި މެޖޯރިޓީ ނެތަސް މަޖިލީހުގެ މަސައްކަތަށް ބުރޫ ނާރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މަޖިލިސް މި އަހަރަށް ހުޅުވައި ޖަލްސާތައް ފެށުން ވަނީ ފަސްކޮށްފަ އެވެ. އޭގެ ފަހުން ވަނީ މަޖިލީހުގެ އަމީންއާންމުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާ ވެސް ދެއްވާފަ އެވެ.