ހަބަރު

ރިޔާޒް ހައްޔަރުކުރީ ސިޔާސީ މަގުސަދެއް ހާސިލުކުރަން: ޖޭޕީ

Mar 20, 2018

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމް ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާޒް ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީން ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނާއި ނޫސްވެރިންނާއި އެހެނިހެން ފަރާތްތައް އެކިއެކި ތުހުމަތު ތަކުގައި ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީންގެ ފިކުރަށް ގަދަ ބާރުން ތާއީދު ކުރުމަށް މަޖުބޫރު ކުރުމުގެ މަގުސަދުގައި ކަމަށެވެ.

ބަޔާނުގައި ވަނީ، ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ހުންނެވީ ގަދަބާރުން ކަމަށާއި އެކަމަށް ވާގިވެރިވާ މަދު ފަރާތްތަކުގެ ސަބަބުން މުޅި މުޖުތަމައު ފަސާދަވެ، ރައްޔިތުންނަށް ފޫނުބެދޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާއި މަޖިލީހާއި މިނިވަން މުއައްސަސާތައް ވަނީ ރައީސް ޔާމީންގެ މުށުތެރެއަށްލާ ދައުލަތުގެ ހުރިހާ ކަމެއް ކުރަމުންދަނީ ގާނޫނު އަސާސީއާ ގާނޫނީ އިމުގެ ބޭރުން ކަމަށް ބަޔާނުގައި ވެއެވެ.

"... ނަމަވެސް އެފަދަ ނޭއްގާނީ އަމަލުތައް ކުރުމުގެ ފުރުސަތު ލިބިގެންދަނީ ގައުމުގެ އަމަން އަމާންކަމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި ދައުލަތުގެ މުދަލާއި ފައިސާ ހިމާޔަތްކޮށްދީ ކަށަވަރުކޮށްދޭން ތިބި ސަލާމަތީ ހިދުމަތްތަކުގައި އިސްކޮށް ތިއްބެވި މަދު ބައެއްގެ ސަބަބުން އެ ހިދުމަތުގައި ހިމެނޭ ފަރާތްތައްލައްވާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒުކޮށް ރައީސް ޔާމީންގެ އަނިޔާވެރި އަމުރުތަކަށް ތަބާވެ، އެއަމަލުތަކުގެ ޝިކާރަ އަކަށް ކުށެއްނެތް އެތައް ހާސް ރައްޔިތުންނަށް ހަދައި، ރައްޔިތުންނަށް ސަލާމަތީ ހިދުމަތުގައި ތިބި މަދުބަޔަކު ކާކުކަން ނޭންގޭ ގޮތަށް ޔުނީފޯމް އަޅައި މޫނު ނިވާކޮށްގެންތިބެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ކުރަމުންދާ ކަމަށް، އެފަދަ އަނިޔާތައް ނުކުރުމަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ރާއްޖޭގެ ގާނޫނު އަސާސީގައި ސަލާމަތީ ބާރުތައް ގާއިމްކޮށްފައިވަނީ، ރާއްޖޭގެ ސުލްހަވެރިކަމާއި އަމަންއަމާންކަން އުޅެވޭނެ މަގުތައް ތަނަވަސްކޮށްދީ ގާނޫނު އަސާސީއާ ގާނޫނުތައް ދެމެހެއްޓުމަށް ކަމަށާއި ނަމަވެސް ތިން ބާރު ވަކުވެފައިވާ ނިޒާމެއްގައި ވެރިކަންކުރާ ފަރާތުން އަނެއް ދެބާރުގެ މިނިވަން ކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން މެޖޯރިޓީ މިއަދު ތަހަންމަލް ކުރަމުންދަނީ މިނިވަން ކަމެއް ނެތް އަސާސީ ހައްގުތައ ނިގުޅައިގެންފައިވާ އަނިޔާވެރި ހާލުގައި ކަމަށް ބަޔާނުގައި ވެއެވެ.

"...ރައްޔިތުން ގާނޫނު އަސާސީއާ ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުން، ރައީސް ޔާމީނުގެ ނަފުރަތާއި ރުޅިވެރިކަން އެމީހުންގެ މައްޗަށް އޮތް މިންވަރުން އަދުލުވެރިކަމެއް އިންސާފެއްނެތް ހާލަތުގައި އަނިޔާވެރިކަން އިސްކޮށް އެ އެންމެން ޖަލުގެ ކުޑަ ގޮޅީގައި ބަންދުކޮށް އެ އާއިލާތައް ބިކަހާލުގައި ޖައްސަމުން ގެންދާއިރު، ސަލާމަތީ ހިދުމަތްތަކުން އެކަންކަން ބަލަން ނުތިއްބަވާ އެ ރައްޔިތުން ސަލާމަތްކޮށްދީ މި ގައުމު އަނިޔާވެރި ވެރިއެއްގެ ކިބައިން މިންޖުކޮށްދިނުމަކީ އެންމެހާ ސިފައިންނާއި ފުލުހުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމުގައި ދެކެން ޖެހޭ" ބަޔާނުގައި ވެއެވެ.

ޖޭޕީން ވަނީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ހުއްޓުމަކަށް ގެންނަން ރައްޔިތުން ކުރަމުންގެންދާ މަސައްކަތައް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ގޮވާލާފައި ވެއެވެ.