އަބްދުﷲ ރިޔާޒް

ޖޭޕީ ދޫކޮށްލީ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިގެން: ރިޔާޒު

ޖުމްހޫރީ ޕާޓީ ދޫކޮށް އެހެން ޕާޓީއެއް ހަދަން ޖެހުނީ އެ ޕާޓީއާއެކު ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށް އަލަށް ވުޖޫދުވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަން ވެސް ކުރެއްވި އަބްދުﷲ ރިޔާޒު ވަނީ އޭނާއާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ ތުހުމަތުތަކާއި ގުޅޭގޮތުން އަވަސްގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.

ރިޔާޒު ވިދާޅުވީ އޭނާއާ ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވީ ޕާޓީގެ ހިންގުން ހަވާލު ނުކޮށްގެން ކަމަށް ގާސިމް ވިދާޅުވާ ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ހިންގުން އަޅުގަނޑާއި ރަސްމީކޮށް ހަވާލު ވެސް ކުރި. އެހެންވީމަ ޖޭޕީ ހިންގުން ހަވާލު ނުކޮށްގެން ދިޔައީ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން،"

އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ސަބަބު ސާފު ކަމަށެވެ. އެއީ އެ ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއަކަށް ހެދުމުގެ ފުރުސަތު ނެތުން ކަމަށް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ފުރުސަތު ލިބިވަޑައިނުގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގާސިމް ސިފަ ކުރައްވާ ގޮތަށް "ދޯކާ" ދެއްވިނަމަ އެ ބޭފުޅުން ވަޑައިގަންނަވާނީ މިހާރު އޮތް ބޮޑެތި ޕާޓީތަކުން ޕާޓީއަކަށް ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިޔައީ އެހެން ޕާޓީއަކަށް ނޫން. އަޅުގަނޑުމެން މި އުފެއްދީ އަޅުގަނޑުމެން މި ގަބޫލުކުރާ ގައުމީ ފިކުރުގެ ޕާޓީއެއް. ގާސިމަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކެޕޭސިޓީ. ކޭޕަބިލިޓީ ވެސް. ކުރަން ނުކުންނަ ކަމެއް ހާސިލު ކުރަން ވަރަށް މަސައްކަތް ކުރާނެކަން. މުރާލިވާނެ ކަން،"

އަޅުގަނޑުމެން ދިޔައީ އެހެން ޕާޓީއަކަށް ނޫން. އަޅުގަނޑުމެން މި އުފެއްދީ އަޅުގަނޑުމެން މި ގަބޫލުކުރާ ގައުމީ ފިކުރުގެ ޕާޓީއެއް. ގާސިމަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކެޕޭސިޓީ. ކޭޕަބިލިޓީވެސް. ކުރަން ނިކުންނަ ކަމެއް ހާސިލުކުރަން ވަރަށް މަސައްކަތް ކުރާނެކަން. މުރާލިވާނެ ކަ
އަބްދުﷲ ރިޔާޒު | އެމްއެންޕީގެ ނާއިބު ރައީސް

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލް ހޯއްދަވަން ދުވަހަކު ވެސް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ވަަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން ޕާޓީ ހިންގެވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ އޭނާގެ އަަތުގައި ކަމުން އާ އަސާސީ ގަވާއިދެއް ލިޔެ ޖުމްހޫރީ ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"ދުވަހަކުވެސް ނޯންނާނެ އެހެން [ޖޭޕީ ހަވާލު ކޮށްދެއްވާށޭ] ވިދާޅުވެފައެއް. އަޅުގަނޑުމެން އަބަދުވެސް ބުނަމުން ދިޔައީ ޖުމްހޫރީ ޕާޓީ ހަރުދަނާ ކުރައްވާށޭ. ޕާޓީގެ ކައުންސިލަށް މީހުން ހޮވޭ ގޮތް ރަނގަޅު ކުރާށޭ. ކިޔަވައިގެން ތިބި ބޭފުޅުންތަކެއް ގެނެސްގެން ބައިވަރު ބޭފުޅުންނާއެކު ޖުމްހޫރީ ޕާޓީގެ އާ އަސާސީ ގަވާއިދެއް ލިޔެ މުޅީން ޑްރާފްޓްކޮށް ނިންމިން އަޅުގަނޑު ޖަލަށް ފޮނުވާލުމުގެ ކުރީން. ނަމަވެސް ޖަލުގައި އޮއްވާ އައި ކޮންގްރެސްގައި މުޅި އެތި އޮތީ ބަދަލު ކޮށްލާފައި. އެހެންވީމަ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތީ، އެއްވެސް ބަޔަކަށް އެއްވެސް ގޮތަކަށް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި ގާސިމަކީ މުހިންމު ހިއްސާއެއް އޮތް ބޭފުޅެއް ކަމަށެވެ. އަދި އެކި ގޮތްގޮތުން އެމަނިކުފާނުގެ އެހީތެރިކަން ލިބިވަޑައިގެން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގޮޑި ކާމިޔާބު ކޮށްދެއްވުމަށް 10 މިލިއަން ހަރަދު ކުރެއްވި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށެވެ. އަދި އެ އަދަދު ހަރަދު ކުރައްވާ ގާސިމްވެސް ގާނޫނީ ކުށެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާސިމް އެފަދަ ވާހަކަފުޅެއް ވިދާޅުވީ ޖަޒުބާތުގައި ކަމަށެވެ. އެފަދަ ވާހަކަފުޅެއް ވިދާޅުވީ ޖުމްހޫރީ ޕާޓީ ހިންގަވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރެއްވުމުން ކަމަށެވެ.

"ޖުމްހޫރީ ޕާޓީ ހިނގަނީ ލީޑަރު ބޭނުންވާ ގޮތަށް. ބޭނުންވީމަ ހިންގާފައި ބޭނުން ނުވީމަ ނުހިންގާފައި. އެ ގޮތަށް އެ ޕާޓީ އެ ދަނީ. ސިޔާސީ ލީޑަރުންވާން ވާނީ ލީޑަރުން އުފައްދާ ބަޔަކަށް. ފްލޯވަރުން އުފައްދާ ބަޔަކަށް ނޫން. އެކަމަކު އެ މިސްރާބަކަށް ނުފެނޭ ޖުމްހޫރީ ޕާޓީއެއް. ޖުމްހޫރީ ޕާޓީގެ ލީޑަރު ބޭނުންފުޅުވާ ގޮތަކަށް އެނބުރޭ ބަޔަކަށް އަޅުގަނޑުމެން ނުވާނެ،"

ރިޔާޒު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ވެސް އެންމެ ބާރުގަދަ ބަޔަކީ އާންމު މެންބަރުން ކަމަށެވެ. އެކަން ނުދެކޭ ބަޔަކަށް ޕާޓީއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.