މުހައްމަދު ނާޒިމް

މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ނިދާފައި: ނާޒިމް

މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށާ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

އަވަސްގެ ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ނާޒިމް އިއްޔެ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ވެސް އަދި ގާސިމް އިބްރާހިމަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ. ގާސިމަކީ ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރި ކަމާއި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބަށް ޖޭޕީގެ ޓިކެޓް ދެއްވި ދެއްވުން ފާހަގަ ކުރައްވާ ކަމަށެވެ.


އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޖޭޕީއަށް ހަރާން ކޯރުވުން ކަމަށް ސިފަވާ މޭރުމަކުން ގާސިމް ވާހަކަ ދައްކަވާފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ގައުމީ ފިކުރެއްގައި ނުކުމެ މަސައްކަތް ފެށުމަކީ ބަަޔަކަށް ހަރާންކޯރު ވުމަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ސިޔާސީ މުސްތަގުބަލެއް އޮންނަން ޖެހޭ. ކޮންމެ މީހަކަށް ވެސް މިނިވަންކަމާއެކު ކަންކަން ނިންމުމުގެ އިހުތިޔާރު އޮންނަން ޖެހޭ. އަޅުގަނޑުމެންނަކީ އެއްވެސް ބައެއްގެ އަޅުންގެ ގޮތުގައި ތިބެގެން ނުވާނެ. އެ ޒަމާން މިހާރު މާޒީވެ ހިނގައްޖެ. އަޅުގަނޑުމެން ކައިރީގައި އުޅޭ މީހުންނަށް ވެސް ނުކުމެ އެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ކަންކަން ކުރެވެން ޖެހޭނެ. އެހެންވީމަ އަޅުގަނޑު ނުދެކެން ގައުމީ ފިކުރެއްގައި ހިދުމަތަކަށް ނުކުތުމުން އެއީ ޕާޓީއަށް ހަރާންކޯރުވުން ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް އެ ބޭފުޅުން ފެއްޓެވީ ޖުމްހޫރީ ޕާޓީގައި ތިއްބަވައިގެން ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ކުރައްވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީގައި ހޭދަކުރެއްވި ދެ އަހަރު އެއްވެސް ސިޔާސީ މަސައްކަތެއް އެ ޕާޓީން ކޮށްފައެއް ނުވެއެވެ. އަދި ޖަލްސާއެއްގެ މިންވަރު ވެސް ބާއްވާފައި ނުވާ ކަމަށެވެ.

"މިދިޔަ ދެ އަހަރު ދުވަހު ޖުމްހޫރީ ޕާޓީން ކޮން ކަމެއްތޯ ކުރީ. ޖުމްހޫރީ ޕާޓީ އޮތީ ނިދާފަ ދެއްތޯ. އެހެންވީމަ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީތެރޭ ތިބެން ކުރަން ޖެހޭ ކަމެއް ނެތް. ދުވަހަކު ޖަލްސާއެއް ބޭއްވީކީއެއް ނޫން. ދެ އަހަރު ވެގެން ދިޔައީ އެއްވެސް ކަމެއް ނެތި،" ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވެސް ކުރީން ހުންނެވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ބައިވެރިވެވަޑައިގެންނެވި ޕްރަގްރާމް

އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ހައްގު ބަސް ބުނުމުގެ ފުރުސަތު ހަނި ޕާޓީއެއް ކަމަށެވެ. އެހެން ކަމުން އެފަދަ ޕާޓީއެއްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަލަށް އުފައްދާ އެމްއެންޕީއަކީ އެ ޕާޓީގެ ޕޮލިސީއާ އެއްގޮތަށް ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދެއްކޭނެ ޕާޓީއެއް ކަމަށާ އެ މިނިވަންކަން އޮންނާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އެފަދަ މިނިވަން ކަމެއް ނެތް ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގައި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ވަަރަށް ކުޑަކޮށް. އަޅުގަނޑުމެންނަށް ބަސްބުނެވޭނެ ފަދަ ޕްލެޓްފޯމެއް އުފައްދަން ޖެހޭ. އެއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމީ ހިދުމަތުގައި ބުނަން ޖެހޭ އެއްޗެއް ނުބުނެއެއް ނުތިބެވޭނެ،"

އެމްއެންޕީއާ ރައީސް ސޯލިހާއި ގުޅުމެއް ނެތް

އެމްއެންޕީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޑީގައި ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ކުރެވޭ ތުހުމަތުތަކަށްވެސް ނާޒިމް ރައްދު ދެއްވިއެވެ. ނާޒިމް ވިދާޅުވީ އެ ޕާޓީ އާއި ރައީސް ސޯލިހާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އަދި އެމްއެންޕީ އުފެއްދުމުގެ ކުރީންވެސް އަދި ފަހުންވެސް ރައީސް ސޯލިހާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ރައީސް ސޯލިހާއި އެމްއެންޕީއާ އެއްވެސް ގުޅުމެއް ނޯންނާނެ. އަޅުގަނޑުމެން މިއީ އަޅުގަނޑުމެންގެ ގައުމީ ފިކުރެއް އުފެއްދުމަށް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ބޭނުންވާ ބަޔަކާއެކު އުފައްދާ ޕާޓީއެއް. މި ޕާޓީއާ ސަރުކާރާވެސް އެއްވެސް ގުޅުމެއް ނޯންނާނެ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް އެއްވެސް ގުޅުމެއް ނޯންނާނެ. އެއީ ބަޔަކު މީހުން މި ޕާޓީއާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ދައްކަމުންދާ ވާހަކަތަކެއް. އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އަޅުގަނޑުމެން މިތިބީ ވަރަށް މިނިވަންކަމާއެކު، އެއްވެސް ބައެއްގެ ނުފޫޒެއް އަޅުގަނޑުމެންގެ މައްޗަކަށް ނޯންނާނެ،" ނާޒިމް ވިދާޅުވިއެވެ.