ގާސިމް އިބްރާހިމް

ޖޭޕީ ހަވާލުކޮށްދޭން ރިޔާޒު އެދުނު: ގާސިމް

ޖުމްހޫރީ ޕާޓީ ހަވާލުކޮށް ދެއްވުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވުމުގައި އިސްކޮށް ހުންނެވި އަބްދުﷲ ރިޔާޒު އެދިވަޑައިގެންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގާސިމް ވަނީ ކާނަލް މުހައްމަދު ނާޒިމް އާއި އަބްދުﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި އަވަސްގެ ޓޯކް ޝޯއެއްގައި ބައިވެރިވެވަޑައިގެން ނާޒިމް ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވިއެވެ.

ގާސިމް ވިދާޅުވީ މުހައްމަދު ނާޒިމް އާއި އަބްދުﷲ ރިޔާޒު މަޖިލީހަށް ހޮވައިދިނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ކަމަށެވެ. އަދި މިއަދު ޖުމްހޫރީ ޕާޓީ ދޫކޮށް ދިޔައިރު އެ ފައިސާ އަނބުރާ ދެއްކެވިނަމަ ތަންކޮޅެއް ރަނގަޅުވީސް ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި 10 މިލިއަނެއްްހާ ރުފިޔާ އެ ދެ ގޮނޑި ހޯއްދެވުމަށް ހަރަދު ކުރެއްވިއެވެ. އަދި ނާޒިމް އާއި ރިޔާޒަކީ ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަން "މާ ތާހިރު" ދެ ބޭފުޅުން ނޫން ކަމަށް ވިދާޅުވިއެވެ.

"ވަރަށް އިތުބާރު ކޮށްގެން އަޅުގަނޑު ހުރީ. އެހެން ނަމަވެސް ނޫސްތަކުން އެބަ ފެނޭ އަޅުގަނޑާ ދޭތެރޭ ވަރަށް ނިކަމެތިކޮށް ބަސް ބުނާ މަންޒަރު. ނަމަވެސް އެއީ އަޅުގަނޑު އެކަމާއި ކަންބޮޑުވެ ދެރަވާނެ ކަމެއް ނޫން،"

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެ ދެ ބޭފުޅުން ވަކިވެވަޑައިގެންނެވުމުގެ ކުރީން ޖުމްހޫރީ ޕާޓީ އެ ބޭފުޅުންނާއި ހަވާލުކޮށް ދެއްވުމަށް ރިޔާޒު އެދިވަޑައިގެންނެވި ކަމަށެވެ.

"އޭނާ [އަބްދުﷲ ރިޔާޒު] އަޅުގަނޑު ގާތު ބުނި ތިމަންނާމެންނާ ޕާޓީ ހަވާލު ކުރާށޭ،"

މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށާ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް ވިދާޅުވި ވިދާޅުވުމަށްވެސް ގާސިމް ރައްދު ދެއްވިއެވެ.

ގާސިމް ވިދާޅުވީ ނާޒިމް ވިދާޅުވި ފަދައިން ޖުމްހޫރީ ޕާޓީ އޮތީ "ނިދާފައި" ކަމަށާ ނަމަވެސް ނާޒިމަށްވެސް އަދި ރިޔާޒަށްވެސް ޖުމްހޫރީ ޕާޓީ ނޫނީ ގުޅިވަޑައިގަންނަވަން ފެނިވަޑައިނުގެންނެވި ކަމަށެވެ. އަދި އެ ޕާޓީން ޓިކެޓް ހޯދައިގެން ނޫން ގޮތަކަށް މަޖިލީހަށްވެސް ވަޑައިނުގެންނެވުނު ކަމަށެވެ. އެފަދަ ބޭފުޅުން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަވާފާނެ ކަމަށް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީއާ އެ ދެ ބޭފުޅުން ގުޅިވަޑައިގެންނެވީ އެމަނިކުފާނު ވިދާޅުވެގެން ނޫން ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ޖޭޕީ ނިދާފައި އޮތް ކަމަށް ނާޒިމް ވިދާޅުވިއިރު އެ ޕާޓީގެ އެއްވެސް ބައްދަލްވުމެއްގައި ނާޒިމް އާއި ރިޔާޒު ބައިވެރިވެވަޑައިގެންފައި ނެތް ކަމަށެވެ. ބައްދަލްވުންތަކުގެ ހާޒިރީވެސް ގާސިމް ހިއްސާ ކުރެއްވިއެވެ.

އޭގެ ފަހުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ސައިލެންޓްކޮށް އޮންނަން ޖެހެނީ އެ ޕާޓީ ހަރަކާތްތެރިވާން ފަށައިފިނަމަ ކޮންމެ ސަރުކާރަކުންވެސް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީއަށް ދެމުންދާ ގެއްލުންތަކާއި ގުޅިގެން ކަމަށެވެ.

"ކޮންމެ ބޭފުޅަކަށްވެސް ވެރިކަން ހޯދާ ދިނިމާ އަޅުގަނޑު ޖަލަށްލާ. އަޅުގަނޑުގެ އަނބިދަރިންނަށް ގޯނާ ކުރޭ،" ގާސިމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އެންމެ ފުރުސަތު ބޮޑު ޕާޓީ ކަމަށާ އެކަން މިހާތަނަށް އެ ޕާޓީން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. ސަރުކާރުތަކުން މަތީ މަގާމުތައް ހޯދާދީ ކުރިއަށްދާން އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށް ދިން ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ވާނެ ކަމަށްވެސް ވިދާޅުވިއެވެ.