ހަބަރު

ހައްޔަރުކުރިތާ 35 ދުވަސް ފަހުން ސިނާނަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އާ ތުހުމަތުތަކެއްކޮށްފި އެވެ. ސިނާނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ދައުލަތަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރުވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ކޮށްފައިވަނީ ސިނާން ހައްޔަރުކުރިތާ 35 ދުވަސް ފަހުންނެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ.

އެކަން ސިނާނަށް އަންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ވަކީލުން ނެތީސް އެ ދުވަހު ހަވީރު ސިނާން ވަނީ ގޮޅިން ނެރެފަ އެވެ. އާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް އެ ދުވަހު ހަވީރު އިންޓަވިއުއެއް އޮންނާނެކަން ވަކީލުންނަށް އެންގީ ގަޑި ކައިރިވެފައިވަނިކޮށެވެ. އެހެންވެ އެކަން އޭގެ އަނެއް ދުވަހަށް ފަސްކޮށްދިނުމަށް ވަކީލުން އެދުނެވެ.

ނަމަވެސް އެ ރޭ ސިނާނަށް ވަނީ އެ ތުހުމަތުތައް ކިޔައިދީ، ތަހުގީގުގައި ސުވާލުކުރުމުގެ ކުރިން ދޭ ގާނޫނީ އިންޒާރު ދީފަ އެވެ. އެއީ އޭނާގެ ވަކީލުންގެ ހާޒިރެއްގަ ނޫނެވެ. ވަކީލުންނަށް ގުޅުމަށް ފޯނު ކޯލެއް ވެސް ނުދެ އެވެ. ސިނާނަށް ދީފައިވާ ގާނޫނީ އިންޒާރުގެ ފޯމްގައިވާ ގޮތުން އޭނާގެ މައްޗަށް ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެއް ކުރެ އެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން މިދިޔަ މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި އޭނާއަށް އެ ކުރަނީ އެ ތުހުމަތުތައް އެކަންޏެވެ. ނަމަވެސް މިހާރު ޓެރަރިޒަމްގެ ގާނޫނުގެ ތިން މާއްދާއެއްގެ ދަށުން އާ ތިން ތުހުމަތެއް ވަނީ ކޮށްފަ އެވެ. އެ ތުހުމަތުތައް ކޮށްފައިވާކަން ސިނާނަށް އެންގީ ބަންދު ޖެހުމަށް ކޯޓަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ. އިއްޔެ ސިނާންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނީ ވެސް އެ ތުހުމަތުތައް ވެސް ސިނާނަށް ފުލުހުން ކުރާތީ އެވެ. ބަންދު ޖަހާފައިވަނީ ވެސް ވަކީލެއްގެ ހާޒިރެއްގައެއް ނޫނެވެ.

ސިނާންގެ ވަކީލުން ވަނީ ހައްޔަރުކުރިތާ 35 ދުވަސް ފަހުން ޓެރަރިޒަމްގެ އާ ތުހުމަތުތަކެއް ކޮށްފައިވާތީ ކަންބޮޑުވެފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން އެ ތުހުމަތުތައް ކޮށްފައިވަނީ ސިނާން ކޮން ކަމެއް ކޮށްގެން ކަމެއް އަދި ކީއްވެގެން ކަމެއް ސާފުނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

ސިނާން ހައްޔަރުކޮށްގެން ގެންގުޅެނީ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަަލަ އާއި ފަނޑިޔާރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނާ ހިލާފަށް ބަޔަކު ރާވައިގެން ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނާ މައްސަލާގަ އެވެ.