ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.
އެތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުނެ މިދިޔަ ހަފްތާގައި ޕީޖީއިން ވަނީ އެބޭފުޅުންނަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި ޕީޖީ އޮފީހުން އެ ދައުވާ އަނބުރާ ނަގައި، އެ މައްސަލަ އަނބުރާ ފުލުހަށް ވަނީ ފޮނުވާލާފަ އެވެ.
އަބުދުﷲ ސައީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔައިރު، އޭނާގެ މައްޗަށް އުފުލި ރިޝްވަތުގެ މައްސަލަވެސް ވަނީ ކުރިމިނަލް ކޯޓުން ބާތިލްކޮށްފަ އެވެ. ނަމަވެސް ސައީދާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ހުކުމް އިއްވާފައި ވެއެވެ. ޖެމްސް މައްސަލައިގެ ކުށް ސާބިތުވެ ހުކުމް އިއްވާފައި ވެއެވެ. ސައީދުގެ މައްޗަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
އެތިން ބޭފުޅުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، ކުރީގެ ދެ ކޮމިޝަނާ އޮފް ޕޮލިސް ކަމަށްވާ އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ޕީޖީން ނަގާފަ އެވެ.