ހަބަރު

ސިޔާދާއި ދެ ފަނޑިޔާރުންގެ ރިޝްވަތު މައްސަލަ ޕީޖީއިން އިސްތިއުނާފް ނުކުރަން ނިންމައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ ކުރިމިނަލް ކޯޓުން ބާތިލް ކޮށްފައިވާތީ، އެމައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިޓާ ޖެނެރަލް، ޕީޖީ އޮފީހުން ނިންމައިފި އެވެ.

އަބުދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެތިން ބޭފުޅުންނަށް ވެސް ރިޝްވަތު ދިނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ކަމަށް ދުލަތުން ބުނެ އެވެ. އެމައްސަލަ ބާތިލް ކޮށްފައިވަނީ އެކަށީގެންވާ ހެކި ނުދެއްކުމުގެ ސަބަބުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި ބުނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 (ތިންލައްކަ ފަސްސާސް ހާސް ރުފިޔާ) އާއި 3300 (ތިންހާސް ތިން ސަތޭކަ ޑޮލަރު) ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮވެ އެވެ.

ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އަހުމަދު މިސްފިރު އަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއަކަށް ކަމަށާއި މައްސަލާގެ ތަހުގީގުން އަހުމަދު މިސްފިރު އަކީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއް ކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމާއި، ހައިޝަތު ހަނާ އަކީ ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބިމީހާކަން ވަނީ އެނގުނު ކަމަށް ބަޔާނުގައި ބުންޏެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ހަސަން ސައީދު ހުސައިން ތަފާތު އެކި ދުވަސްވަރު މައްސަލާގައި ފާހަގަކޮށްފައިވާ ގައުމަށް ދަތުރުކޮށްފައިވާ ކަމާއި، އެގައުމުން މި ފަރާތަށް ގަތުމަށް ބޭނުންވި ޕްރޮޕަޓީތައް ބަލަން ދިޔަ ކަމާއި، އެތަނުން އެ ޕްރޮޕަޓީތައް ގަތުމާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަދައްކާފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި އެވެ.

ބަޔާނުގައި އިތުރަށް ބުނީ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރޭވުމު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން، އެބައިމީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާގެ ބޭނުމުގައި، އަދި މި މައްސަލާގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މި އަމުރު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތައް އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިނގާ އިންތިޒާމްކޮށްފައިވާ ކަމަށެވެ.

ޕީޖީ އިން ނެރުނު ބަޔާނުގައި ވަނީ، އެމައްސަލައި ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުންފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށާއި އެދުވަހު ބޭއްވި ޝަރީއަތުގައި އަބުދުﷲ ސައީދާއި ހަމީދާއި ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާއާ ސިޔާދުގެ މައްޗަށް ރިޝްވަތު ދިންކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި މައްސަލަ ބާތިލް ކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ވަނީ، މައްސަލާގައި ހުށަހެޅުނު ހެއްކާއި ގަރީނާއަށް ބަލާއިރު، އެމައްސަލައަކީ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭ ވަރަށް ހެކިހުރި މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެއޮފީހުން ހުށަހެޅި ހެކި ގަރީނާއަށްބަލައި އެމައްސަލައަކީ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެ މައްސަލައެއްް ނޫންކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށްވެސް ބަޔާާނުގައި ވެއެވެ.

"ޝަރީއަތުގެ ނިންމުމުގައި ފާހަގަ ކުރައްވާފައިވާ ކަންކަމަށާއި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ އެންމެހާ ލިޔެކިޔުމަށާއި މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޝަރީއަތުގެ ނިންމުން މަތީ މަރުހަލާއެއްގެ ކޯޓެއްގައި އިސްތިއުނާފް ކުރި ނަމަވެސް ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ، މި މައްސަލާގައި ކުރިމިނަލް ކޯޓުން ނިންމެވި ނިންމެވުން އިސްތިއުނާފް ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފަ،" ޕީޖީގެ ބަޔާނުގައި ވެއެވެ.