ހައިކޯޓް

ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ގާނޫނަކު ނެތް: ހައިކޯޓް

ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ގާނޫނުތަކުގައި ނެތް ކަމަށް ހައިކޯޓުން ބުނެފި އެވެ. ހައިކޯޓުން މިހެން ބުނެފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ.

ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ހެކި ބަހަށް ވެސް ރިއާޔަތް ކޮށެވެ. އަބްދުﷲ ސައީދު ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ބަސް ނަގާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ފަރާތުން ފާހަގަ ކޮށްފައި ވަނީ ހެކި ބަސް ނެގުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 (ހ) އާއި 149 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެ ގާނޫނުގެ 147 (ހ) ގައި ބުނަނީ (ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، އާންމުކޮށް، ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލު ކޮށްގެން ކަމަށެވެ.

މާއްދާ 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.

އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ. އެގޮތުން މިހާރުގެ ބާ ކައުންސިލްގެ ރައީސް، މައުމޫން ހަމީދު މި ނުކުތާ ކުރިމިނަލް ކޯޓުގައި ވަރަށް ބޮޑަށް ފާހަގަ ކުރައްވަ އެވެ.

ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ. "ސިއްރު ހެކި 1، ސިއްރު ހެކި 2" މި ގޮތަށް ނަން ދީގެން އަބްދުﷲ ސައީދުގެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

ހުކުމްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ގާނޫނުގައި ސިއްރު ގެކި ބަސް ނަގާނެ ގޮތް ނެތް ނަމަވެސް ސިއްރުން ހެކި ބަސް ނެގިދާނެ ކަމަށް ހައިކޯޓުގެ ކުރީގެ ގަޒިއްޔާތަކުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އެ ގަޒިއްޔާތަކާ ހަވާލާދީ އިއްޔެގެ ހުކުމްގައި ބުނީ ހެކިން ދޭ ހެކި ބަހަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލައިގަނެވޭނެ ފަދަ ނަޒާހަތްތެރި ހެކިންގެ ފަރާތުން ނެގިފައިވާ ހެކި ބަހެއްކަން ޝަރީއަތުގެ އަމިއްލަ އިސް ނެގުމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ހެކި ބަސް ދެނީ ކާކުކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް ދެނެގަނެވޭނެ ގޮތެއް ނެތަތީ ހެކިންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކާއި ހެކިންދޭ ހެކި ބަހަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ޝަރީއަތަށް ބަލައިގަނެވޭނެ ފަދަ އަދުލުވެރި ހެކިންގެ ފަރާތުން ނެގޭ ހެކި ބަހެއްކަން ޝަރީއަތުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. ހުކުމްގައި ބުނީ އެކަން އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނީ ކުށުގެ ތުހުމަތުގައިވާ މީހާއަށް އޭނާއާ ދެކޮޅަށް ހެކި ބަސް ދެނީ ކާކުކަން އެނގިގެން ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައިވާ ވިޔަފާރީގެ ނުވަތަ އާއިލީ ނުވަތަ ހަސަދަވެރިކަމާއި ރުޅިވެރިކަން ފަދަ ހާލަތްތަކާ ގުޅުންތައްވާނަމަ އެކަން ޝަރީއަތަށް ހާމަ ކުރުމުގެ ފުރުސަތު މުއްތަހަމަށް ލިބިގެންކަމީ އާންމު ވިސްނުމަކުން ވިސްނާލުމުން ވެސް އެނގެން އޮތް ހައެއް ކަމަށް ހުކުމްގައިވެ އެވެ. ނަމަވެސް އަބްދުﷲ ސައީދުގެ މައްސަލާގައި ހެކިންގެ ހެކި ބަސް ނަގާފައިވަނީ އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ކަމަށްވެފައި އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާއި އަދުލުވެރިކަމާއި، މި ނޫން ވެސް ހެކިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ޝަރީއަތުން ކަށަވަރުކޮށްފައިވާކަން އެނގެން ނެތް ކަމަށް ހުކުމްގައި ބުންޏެވެ.