ހަބަރު

ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި

May 31, 2018
3

އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅިކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި އެ ދެ ބޭފުޅުންގެ ދިފާއީ ވަކީލުން މައްސަލައިން ތަނާޒުލު ވެއްޖެ އެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅި މައްސަލައިގައި މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން ކޯޓް ރޫމުން ނިކުމެ ވަޑައިގެންނެވީ، ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދައުލަތުން ސުވާލުކޮށް ނިންމުމުންނެވެ. އޭރު ވެސް ރައީސް މައުމޫންގެ ވަކީލުން ހާޒިރުވެފައެއް ނުވެ އެވެ. މައުމޫންގެ ވަކީލުން ރޭ ވަނީ މައްސަލަ ދޫކޮށްލައްވާފަ އެވެ. އެހެން ވަކީލެއް ހޯދުމަށް މައުމޫން ބޭނުންފުޅުވި ނަމަވެސް އެކަން އަދި ހަމައެއް ނުޖެހެ އެވެ.

ވަކީލެއް ނެތި އަޑުއެހުން ކުރިއަށް ގެންދަން ދައުލަތުން ވެސް ބޭނުންނުވާ ކަމަށް ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވެސް ވިދާޅުވި އެވެ. ރީޝާ ވިދާޅުވީ، ހެކި ބަސް ނެގުމުގެ މަރުހަލާއަކީ އެންމެ މުހިންމު މަރުހަލާއަށްވާއިރު މައުމޫންގެ ވަކީލުންގެ ހައްގު ނެތި މައްސަލަ ކުރިއަށް ގެންދިޔުމަށް ދައުލަތުން ވެސް ބޭނުންނުވާ ކަމަށެވެ. މައުމޫނަށް އިތުރު ފުރުސަތު ދިނުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ ވަކީލުން ނެތަސް ހެކި ބަސް ނެގުމައިގެން ކުރިއަށްދާށެވެ.

އެހާ ހިސާބުން އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ ތިން ވަކީލުންނަށް މައްސަލަ ދޫކޮށްލެއްވުމަށް އަންގަވާފަ އެވެ. ވަކީލް ހިސާން ހުސެއިންނާއި މަސްތޫރު ހުސްނީ އާއި ނޫރުއްސަލާމް އަބޫބަކުރު މައްސަލައިން ތަނާޒަލްވީ އިންސާފު ހޯދައިދިނުމަށް އެ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ދެން ނެތް ކަމަށް ވިދާޅުވި އެވެ. އެ ވަކީލުން ގާނޫނީ ކަންކަން ފާހަގަކުރެއްވި ނަމަވެސް އެއަށް ގާޒީ ރިޔާއަތް ކުރުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެ ވަކީލުން މަޖިލީހުން ނުކުމެވަޑައިގަތެވެ.

އެ ވަކީލުންނަށްފަހު އަލީ ހަމީދުގެ ވަކީލުން ކަމަށްވާ ސަފާ ޝަރީފާއި އަލީ ޒާހިރާއި އަހުމަދު އަބްދުﷲ އަފީފު ވެސް މަޖިލީހުން ހަމަ އެ ސަބަބުތައް ވިދާޅުވުމަށްފަހު ނުކުމެވަޑައިގަތެވެ. އެ ވަކީލުން މައްސަލައިން ތަނާޒަލްވުމުން އެ ވަކީލުންނަށް ދެން މައްސަލައަށް އަލުން އައްޔަން ނުވެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަކީލުން ނުކުމެވަޑައިގަތް ފަހުން ވެސް އިތުރު ތިން ހެއްކެއްގެ ހެކި ބަސް ނެގި އެވެ. ތިން ބޭފުޅުންގެ ވެސް ވަކީލެއްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހެކިންނާ، ދެ ފަނޑިޔާރުން ވެސް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. ނަމަވެސް މައުމޫންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އެއް ސިއްރު ހެކިވެރިޔާ މައުމޫން އެއްވެސް ސުވާލެއް ނުކުރައްވަ އެވެ. ތަކުރާރު އެދިވަޑައިގަންނަމުން ދިޔައީ ވަކީލެއް ހޯދުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ.