ހަބަރު

ޔުނިވާސިޓީ، ކޮލެޖް އަދި ކުންފުނިތަކަށް ރޯދަމަހު ގުރުއާން މުބާރާތެއް

ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ކުންފުނިތަކަށް ހާއްސަކޮށްގެން މި ރޯދަމަހު ގުރުއާން މުބާރާތެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ރޯދަމަހު އެފަދަ ގުރުއާން މުބާރާތެއް ބާއްވާނެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ ރޯދަމަހަށް ހާއްސަކޮށްގެން ހިންގަން ރާވާފައިވާ ހަރަކާތްތައް އިފްތިތާހު ކުރުމަށް މިނިސްޓްރީގައި މިއަދު ބޭއްވި ހަރަކާތެއްގައެވެ. ނަމަވެސް އެމުބާރާތް ކުރިއަށްދާނެ ގޮތުގެ ތަފުސީލެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

މިހިނގާ 1439 ވަނަ އަހަރުގެ ރޯދަމަހު އިސްލާމިކް މިނިސްޓްރީން ހިންގާ އެހެން ހަރަކާތްތަކުގެ ތެރޭގައި ރޯދަ މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމާއި އައުޓްރީޗް ޕްރޮގްރާމްތަކާއި މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މުޞްޙަފް މާލްދީފް ބެހުން ހިމެނެއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ވެސް ބައެއް ހަރަކާތްތައް ހިންގަން ވަނީ ނިންމާފައެވެ. އެގޮތުން އޮފީސްތަކުގެ މާހެފުންތަކަަށް ޝައިޚުން ފޮނުވުމާއި ހަނދުބެލުމާއި އިމްސާކިއްޔާ ބެހުން ހިމެނެއެވެ.

ރޯދަމަހުގެ ހަރަކާތްތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި އެހަރަކާތްތައް އިފްތިތާހުކޮށް ދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް އަބުދުއް ރަޝީދު ހުސައިނެވެ. ހަރަކާތްތަކާ ބެހޭ ތަފުސީލު އެ ހަފުލާގައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.