ލައިފްސްޓައިލް

ހިތްތަކުގެ ލޯބި ހޯދި އިންކް ބޯއީ!

ކުޅުދުއްފުށިން: ނާޒިމް ހަސަން
May 18, 2018
14

އުމުރުން 10 އަހަރުގެ އަހުމަދު ޝުކުރާންއަކީ ތަފާތު ސިފައެއްގެ ތަފާތު ރީތި ކުއްޖެކެވެ. އަދި މިހާރު މުޅި ރާއްޖެއަށް މަޝްހޫރު ކުއްޖެކެވެ. މި މަޝްހޫރުކަން އައީ މީގެ ދެ އަހަރު ކުރިން ކުއްލިއަކަށް ކުރިމަތިލާން ޖެހުނު ހުދު ބަލީގެ ސަބަބުންނެވެ. މިއީ އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލި ބައްޔަކަށް ވީއިރު ޝުކުރާންގެ ސަބަބުން ދިވެހިން ވެސް ބަދަލުކޮށްލީ އެވެ. ސަބަބަކީ މީގެ ކުރި ހުދު ބައްޔާމެދު މީހުން ދެކެމުން އައި ގޮތް މުޅީ ވަނީ ބަދަލުވެފަ އެވެ.

"މިއީ ކޮއްކޮވެސް އަދި އާއިލާއިން ވެސް އެއްވެސް ވަރަކަށް ހިޔާލަށް ވެސް ގެނެވުނު ކަމެއް ނޫން. ކޮއްކޮ ވެސް މަންމަން ވެސް އަދި ބޭބެ އާއި ދައްތަވެސް ވަރަށް ދެރަވި، އެކަމަކު މިހާރު އުފާވާ ކަމަކީ ކޮއްކޮއަށް ޖެހުނު މި ބަލީގެ ސަބަބުން މި ބަލި ޖެހިފައިވާ އެހެން މީހުނާމެދު މީހުން ދެކޭ ގޮތް ބަދަލުވެފައިވާތީ." ހދ. ކުޅުދުއްފުށީ ސިތާރާވިލާ، އަހުމަދު ޝުކުރާން އަލަށް ނޫސްވެރިޔަކާ ވާހަކަ ދެއްކި އެވެ.

ޝުކުރާންއަކީ އާއިލާގެ ހަގު ދަރިފުޅެވެ. ދޮއްޓަށް ހުންނަނީ މުހަމަދު ޝާދިން 13، އެވެ. ދެން އައިޝަތު ޝަނާއު 12، އެވެ. ލޯބިން "ކުއްޓީ" ގެ ނަން ދީފައިވާ ޝުކުރާން އަށް 10 އަހަރެވެ.

ޝުކުރާންގެ ހަމުން "މެލަނިން" ކިޔާ މާއްދާ މަދުވުމާ ގުޅިގެން މީގެ ދެ އަހަރު ކުރިން ހުދު ބަލި ނުވަޔަ ވިޓިލިގޯއާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ދާއިމީ ބައްޔެކެވެ. ޝުކުރާންއަށް ވިޓިލިގޯ އާ ކުރިމަތިވިއިރު އެއީ މުޅި އެ އާއިލާގައި ވެސް އެފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ މެންބަރެވެ. އޭނާގެ ދައްތަ އާއި ބޭބެގެ ފަރާތުން ވެސް މިފަދަ ކަމެއް ފާހަގައެއް ނުވެ އެވެ. އެންމެ ބޮޑު ހިތާމައަކަށްވީ ތިންބެން އެކުގައި މަންމަ އާއެކު ކިޔަވައ ކުޅޭ ހީނ ސާމާސާކޮށް އުޅުނު އިރު ބައްޕަ އެކުދީންނާ ދުރު، ބަނދެއްގައި ހުއްޓާ ކުއްޓީއަށް މިހެން ދިމާވުމެވެ.

"އެންމެން ރޯތީ ކޮއްކޮ ވަރަށް ދެރަވި، ފަހުން ވީގޮތް އެނގެން ފެށުމުން މާ ދެރަވި، މިހާރު އޯކޭ!" ކުއްޓީ ބުޏެވެ.

"ވިޓިލިގޯ"އަކީ މީހާގެ ސިފައަށް ވަރަށް ބޮޑު ބަދަލެއް ގެންނަ ކަމެކެވެ. ޝުކުރާންގެ ސިފަ ވެސް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާއިރު އެ ސިފައާއެކު ޝުކުރާން ވަނީ އެންމެންގެ ނަޒަރުގައި އަޅައިގަނެ ހާއްސަ ސަމާލުކަމެއް ލިބޭ ކުއްޖަކަށްވެފަ އެވެ. އާބާދީގެ ގޮތުން ބޮޑު ކުޅުދުއްފުށީގައި ޝުކުރާން މަޝްހޫރު ވެފައިވަނީ "އިންކް ބޯއީ" ގެ ނަމުންނެވެ. މުޅި ރާއްޖޭގައި ވެސް އޭނާއަކީ އިންކް ބޯއީ އެވެ. އަދި ދިވެހި މިހާރު ހުދުބަލި ކިޔުމުގެ ބަދަލުގައި ކިޔައި އުޅެނީ "އިންކް" އެވެ.

އިންކް ބޯއީގެ ނަމުން ޝުކުރާން މަޝްހޫރު ވެގެން ދިޔައީ ކުޅުދުއްފުށީގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖައުފަރު އަލީ ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެގެންނެވެ. އޭގެ ފަހުން "އިންކް ބޯއީ"ގެ ނަމުން ޝުކުރާން ދަންނަ މީހުން ވަރަށް ގިނަ އެވެ.

"އިންކް ބޯއީ" ޝުކުރާންގެ ތަފާތު ސިފައަކީ އޭނާ ވެސް ހިތްހަމަޖެހޭ ކަމެކެވެ. އެކަމަކު އޭނާ ދެރަވާ އެއް ކަމެއް އޮވެ އެވެ. އެއީ އެހެން ކުދިން އޭނާއަށް މާބޮޑަށް ބަލާތީ އެވެ. އެކަމަކީ އޭނާއަށް އުނދަގޫތަކެއްވާ ކަމެކެވެ. އެ އުނދަގޫތަކުން ދުރުކޮށްދިނުމަށް އަބަދުވެސް ޝުކުރާންގެ ގާތު ހުންނަނީ އޭނާގެ ލޯބިވާ މަންމަ ޝަރީފާ އެވެ.

ޝުކުރާންއަށް އެކަހަލަ އުނދަގޫތަކެއް ކުރިމަތިވިޔަސް މަންމަގެ ނަސޭހަތުގައި ހިފަ އެވެ. ތަފާތު ކަމެއް ހުރުމަކީ ދެރަވާންޖެހޭ ކަމެއް ނޫންކަން ގަބޫލުކުރެ އެވެ. ތަފާތަކީ ދެރައެއް ނޫނެވެ. ފަހުރެކެވެ. އެތައް ހާސް މީހުނެއްގެ ތެރެއިން ތަފާތުވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. އިންކް ބޯއީ މިވަނީ ތަފާތު ސިފައަކާއެކު ހިތްތަކުން ލޯބި ހޯދާފަ އެވެ.