ހަބަރު

މާލޭގެ ބަޔަކުން ކަރަންޓް ކެނޑި އުދަގުލާ ކުރިމަތިވެއްޖެ

May 17, 2018
5

މާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ކުއްލި ގޮތަކަށް މިރޭ ކަރަންޓް ކެނޑިފައި ވަނީ 12:30 އެހާކަންހާއިރު އެވެ. ކަރަންޓް އަލުން ގުޅައިދީފައި ވަނީ، ގާތްގަނޑަކަށް އެކެއް ޖަހަން އުޅެނިކޮށެވެ. އެންމެ ބޮޑަށް ކަރަންޓް ދިޔަ ސަރަހައްދުތަކުގެ ތެރޭގައި، ހެންވޭރު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތައް ހިމެނެ އެވެ.

މުލަ ރޯދަ ދުވަހުގެ ރޭ ކުއްލިއަކަށް ކަރަންޓް ދިޔުމާ ގުޅިގެން، އާންމުންނަށް އެކިވަރުގެ އުނދަގުލާ ކުރިމަތިވި އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތައް ސްޓެލްކޯއަށް އޮއްސާލި އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި ޓެކްނީޝަނުންގެ މަސައްކަތުން ވީ އެންމެ އަވަހަކަށް ކަރަންޓް ގުޅައިދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ދިޔަ އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ކަރަންޓް ދިޔުމުގެ މައްސަލައާ ކުރިމަތިވެ އެވެ.