ވިޔަފާރި

ބާޒާރުގެ ހެޔޮ އަގުގެ ލިސްޓަށް ފިނި ތަރުހީބެއް!

އިކޮނޮމިކް މިނިސްޓްރީން މި އަހަރުވެސް "ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓް" ގެ ނަމުގައި އެންމެ އަގު ހެޔޮކޮށް މުދާ ލިބޭނެ ފިހާރަތަކުގެ ލިސްޓް އާންމު ކޮށްފި އެވެ. މީގެ ކުރިން ކޮންމެ އަހަރަކު ވެސް އެ ލިސްޓް އާންމު ކުރަމުން އަންނަނީ އެ ލިސްޓްގައި އަމިއްލަ ގޮތުން ބައިވެރިވާން އެދޭ ވިޔަފާރިތައް ހިމަނައިގެން އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި "ބާޒާރުގެ އެންމެ ހެޔޮ އަގު" ފުރަތަމަ ލިސްޓުގައި މިހާތަނަށް ބައިވެރިވެފައިވަނީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އާއި ސޯސަން މާޓް އެވެ. އެ ލިސްޓް ދައްކާ ގޮތުން، ސޯސަން މާޓަށް ވުރެ ގިނަ ތަކެތީގެ އަގު ހެވީ އެސްޓީއޯގަ އެވެ. މުޅި ލިސްޓްގައި 80 އައިޓަމެއްގެ އަގު ހިމަނާފައިވެ އެވެ.

ބާޒާރު އެންމެ ހެޔޮ އަގު ލިސްޓު އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރަނީ ހެޔޮ އަގުގައި މުދާ ވިއްކާ ތަންތަން އަންގައި ދިނުމަށެވެ. މި ލިސްޓުގައި އާއްމުކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތަކާއި ޕާން އަދި ތަރުކާރީ އާއި މޭވާ ފަދަ ރޯދަ މަހަށް ކޮންމެހެން ބާވަތްތައް ހިމެނެ އެވެ. މީގެ ކުރިން މާލޭގެ ބޮޑެތި މާޓްތަކުން އެ ލިސްޓްގައި ބައިވެރިވި ނަމަވެސް މިފަހަރު އަދި ބައިވެރިވީ އެންމެ ދެ ފިހާރަ އެވެ. އެއީ އަދި ސަރުކާރުގެ އެސްޓީއޯ ހިމަނައިގެން އެވެ.

ރޯދަ މަހަށް ހާއްސަކޮށް އެންމެ ހެޔޮ އަގު ލިސްޓު އާއްމު ކުރާއިރު ކޮންމެ ރޯދަ މަހަކު ވެސް އާއްމު ގިނަ ބާވަތްތަކުގެ އަގުތައް މަތިވެގެންދެ އެވެ. އެގޮތުން މި އަހަރު އެންމެ ބޮޑަށް އަގުތައް މަތިކޮށް އުޅެނީ ދޮންކޭލާއި ކަރާގެ އަގެވެ.