ވިޔަފާރި

ލިޓަސްގެ ރޯދަ ހަދިޔާ: ޤުރުއާން ކިޔަވައިގެން ޑިސްކައުންޓް

ޤުރުއާނާއި ދުއާތައް ކިޔަވައިގެން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންއެއް ލިޓަސް އިން ފަށައިފި އެވެ.

ލިޓަސް އިން ބުނީ "ރޯދަ ހަދިޔާ"ގެ ނަމުގައި މިދިޔަ އާދީއްތަ ދުވަހު ފެށި ޕްރޮމޯޝަންގައި ޤުރުއާން ކިޔެވުމާއި ދަތުރުގެ ދުއާތައް ކިޔުމުގެ މުހިންމުކަން ކަސްޓަމަރުންނަށް ހަންދާންކޮށްދޭނެ ކަމަށާއި ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންގެ އީމާންތެރިކަން އިތުރު ކުރުމާއެކު ޑިސްކައުންޓް ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ލިޓަސްގެ ކޮންމެ ފިހާރައެއްގައި ކަސްޓަމަރުން ޤުރުއާން ކިޔަވާ ތަނެއް ހުންނާނެ ކަމަށާއި އެ ކިޔަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ލިޓަސް އިން ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ކޮންމެ ސައިކަލެއް ވެސް ތަމްސީލު ކުރާނީ ކޮންމެވެސް ކަހަލަ ދަތުރެއް، އަޅުގަނޑުމެން މީހުންނަށް ވިސްނާދޭން އެބަ ޖެހޭ ހަޔާތަކީ ވެސް ދަތުރެއް ކަމަށް، އަދި އަހަރުމެންގެ އަމަލުތައް ވަކި ގޮތަކަށް ބިނާކޮށްގެން ކަން ފަހު މަންޒިލަކަށް ސުވަރުގެ ކަށަވަރު ކުރެވޭނީ، އެހެންވެ އަޅުގަނޑުމެން ކުންފުނިން އެކަން މި ހަނދާންކޮށްދެނީ، އެހެން ޤުރުއާން މުބާރާތްތައް ގޮތަށް އަޅުގަނޑުމެން އިނާމެއްގެ ގޮތުގައި މި ދެނީ ޑިސްކައުންޓްތައް،" ލިޓަސް އިން ބުންޏެވެ.

ލިޓަސް އިން އިތުރަށް ބުނީ ރޯދަ ހަދިޔާ ޕްރޮމޯޝަން ރޯދައިގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ.