ރޯދަ މަހުގެ ފަހު ދިހައަށް އަމާޒުކޮށްގެން ލިޓަސްއިން ގުރުއާން މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެންލިޓަސް އިން މިއަދު ހުޅުވާލި މި ފުރުސަތަކީ ޝައުގުވެރިކަން ހުރި ހުރިހާ ފަރާތަކަށް ކުރިމަތިލެވޭނެ ގޮތަށް އިންތިޒާމްކޮށްފައިވާ މުބާރާތެކެވެ. ރޯދަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ވަކި ރަށަކަށް ނުވަތަ ވަކި ތަނަކަށް ދާކަށް ނުޖެހޭނެ އެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ގޭގައި ގުރުއާން ކިޔަވާ ވީޑިއޯއެއް ނެގުމަށްފަހު ލިޓަސް އަށް ފޮނުވާލުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
"ލިޓަސްގެ އަމާޒަކަށްވީ ތަފާތު ޕްލެޓްފޯމްތަކުގައި ކިޔެވޭނެ ފުރުސަތު ބައިވެރިންނަށް ފަހިކޮށްދީ މުބާރާތް މުޅިން ތަފާތު ހަރުފަތަކަށް ގެންދިއުން. ހާއްސަކޮށް ބައިވެރިންނަށް ތަފާތު، އަދި ފަސޭހަ ގޮތެއް ފަހިކޮށްދިނުން. އަޅުގަނޑުމެން ބޭުންވަނީ މުޅި ރާއްޖެ ގުރުއާން ކިޔަވާ އަޑު އަހަން،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އާސިފް ރަޝީދު ބުންޏެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޖެހޭނީ އެމީހެއްގެ އުމުރުފުރައިގެ ކެޓަގަރީއަށް ކަނޑައަޅާފައިވާ ހިސާބަކުން ހަތް
އާޔަތް ކިޔުމަށްފަހު އެ ވީޑިއޯ ލިޓަސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރާށެވެ. މެސެންޖާއަށް ވީޑިއޯ ލާއިރު އެމީހެއްގެ ނަމާއި ގުޅޭނެ ނަންބަރު އަދި އުމުރާއި އައިޑީކާޑް ކޮޕީވެސް ފުނިވަން ވާނެ އެވެ.
މި މުބާރާތުގެ ޖަޖުންނަށް ތިބޭނީ ގާރީ މުހައްމަދު ތައުފީގް އަލީ އާއި ގާރީ މުހައްމަދު ވަހީދު އަދި ޝައިހް އިބްރާހިމް ހަސަން އެވެ. މި ހުރިހާ ބޭފުޅުންނަކީވެސް އިސްލާމިކް ޔުނިވަސިޓީގައި ކިޔަވައިދެއްވާ ލެކްޗަރާއިންނެވެ.
ލިޓަސް އިން ވަނީ، މުބާރާތުން ގަދަ ފަސް ވަނައަށް ދާ ކޮންމެ ބައިވެރިއަކަށް 3000 ރުފިޔާގެ އިނާމެއް ހުށަހަޅާފަ އެވެ.