ހަބަރު

ހުން ފެތުރޭތީ، އޭޑީކޭގައި ފީވާ ކްލިނިކެއް ހުޅުވައިފި

ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދާ މީހުން ގިނަވަމުން ދާތީ އޭޑީކޭ ހޮސްޕިޓަލުގައި "ފީވާ ކްލިނިކެއް" ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އޭޑީކޭ އިން ބުނީ ހުން އައިސްގެން ފަރުވާ ހޯދަން ދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ހިދުމަތް އަވަސް ކުރުމުގެ ގޮތުން ހޮސްޕިޓަލުގެ ލޮބީ ތެރޭގައި ފީވާ ކްލިނިކެއް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހުން އައިސްގެން ހޮސްޕިޓަލަށް ވަޑައިގަންނަވާ ނަމަ ސީދާ އެކަމަށް ކަނޑައަޅާފައިވާ މޭޒު ކައިރިއަށް ވަޑައިގަތުމުން ވަަގުތުން ހިދުމަތް ލިބޭނެ ކަމަށް އޭޑީކޭ އިން ބުންޏެވެ.

މި މަހު އެކަކުން ފެށިގެން 16 އާ ހަމަޔަށް ހުން އައިސްގެން ޑޮކްޓަރަށް ދައްކަން އައި މީހުންގެ އަދަދު ހިމެނޭ ޗާޓެއް ވެސް އޭޑީކޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުން މި މަހު ފުރަތަމަ ދުވަހު ހުން އައިސްގެން 35 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު، އެ އަދަދުތައް ކޮންމެ ދުވަހަ އައީ އިތުރުވަމުންނެވެ. އަދި މިދިޔަ އަންގާރަ ދުވަަހު އެކަނި ވެސް ވަނީ 115 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.