ލައިފްސްޓައިލް

ހަ މިލިއަން މީހުންގެ ކައްވަޅުގައި އަހަރެން!

ޕެރިހުން: އިބްރާހިމް
May 23, 2018
17

ފްރާންސްގެ ވެރިރަށް ޕެރިހަށް ހެނދުނު އަށެއް ޖަހަނީ އެވެ؛ ތުނި ތުނިކޮށް ސްނޯ ފައިބަމުން ދިޔަ އެވެ. ދިގު ކިޔޫއެއްގައި ތިބި ކުދި ބޮޑު އެންމެން ކޮޅަކަށް ވެސް ޖެހި ނުލައި ތިއްބެވެ. އަހަންނާއި އަންހެނުން ވެސް އެ ކިޔޫގައި ތިބޭތާ ޔަގީނަށް ވެސް ބައިގަޑިއެއްހާއިރު ވެދާނެ އެވެ. ފިންޏަށް ބަލިކަމުން އަހަރުމެން ރޫރޫ އަޅަ އެވެ. ކައިރި ތަނަކުން ކޮފީއެއް ގަނެގެން ބޯންތިބީ މީރު ވެގެނެއް ނޫނެވެ. އެ ފިންޏެއް ކެއްވޭތޯ ހިތްވަރު ކުރާން ވެގެނެވެ. އެ ދިގު ކިޔޫގައި ތިބި އެންމެން ވެސް އިންތިޒާރު ކުރަމުން އެ ދިޔައީ ޕެރިހަށް ވަންނަ ގަދީމީ ދެކުނު ދޮރާށި، ޕްލޭސެ ޑޮންފާ ރޮޝަރޫއާ އިންވެގެން ބިމު އަޑީގެ 20 މީޓަރު އަޑީގައި އޮންނަ ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ކަށިތައް ހިމެނޭ، މަޝްހޫރު "ކެޓަކޮމްބް އޮފް ޕެރިިއަށް" އަށް ފޭބޭނެ ވަގުތަކަށެވެ.

ގަޑިން ބަރާބަރު 10:00 ޖެހި އިރު އެ "ކައްވަޅަށް" މީހުން އެރެން ފަށައިފި އެވެ. އަހަންނާއި އަންހެނުންނަށް ސަފުގެ ތަންކޮޅެއް ކުރީގައި ތިބެވުމުން ކައްވަޅަށް ފުރަތަމަ ފުންމާލި މީހުނާއެކު ފުންމާލައިފީމެވެ. ޖުމްލަ 130 ހަރުފަތް ގިރާ ކުރުމަށް ފަހު ޕެރިހުގެ ބިމު އަޑީގެ 20 މީޓަރު އަޑިއަށް މިފޭބުނީ އެވެ. މިހައިރުން ފިނިކަން ކެނޑި ހޫނުކަން އިހުސާސް ވެއްޖެ އެވެ. އަހަރުމެންނަށް މިހައިރު މި ތިބެވުނީ ފްރާންސްގެ 726 އަހަރު ކުރީގެ މާޒީއެއްގެ ތެރޭގަ އެވެ.

ޕެރިހުގެ ދުވަސްވީ މައިންތައް ހިމާޔަތް ކުރުމަށް ހަދާފައިވާ ބިމު އަޑީގެ ބިންގަރާސްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބިންގަރާހުގެ ތެރެއިން ކުރިއަށް ހިނގަމުން ދިޔައިރު، ޕެރިހުގެ އެކި ހިސާބުތަކަށް އެންމެ ގަދީމީ ޒަމާނުގައި ކިޔަމުން ދިޔަ ނަންތައް ވަށައިގެން ހުރި ފާރުތަކުގައި ހުރި ހިލަތަކުގައި ކަނޑާ ނަގާފައިވެ އެވެ. މިހާރު އެ ނަންތަކުގެ މަތިން ހަނދާން ހުރި މީހަކު ޕެރިހުގައި ވެސް ހުރި ހެނެއް ހީއެއް ނުވެ އެވެ. ޕެރިހުން ފެންނަ ކުރީ ޒަމާނުގެ ގިނަ އިމާރާތްތައް ހެދުމަށް ހިލަ ނަގާފައި ވަނީ މި ޓަނަލްތައް ކޮނެގެން ބިމުގެ އަޑިން އެވެ. ޕެރިހުގެ ފެށުމުގެ ގޮތުގައި ބަލާ މި ހަނިހަނި ޓަނަލްތަކުގެ ތެރެއިން ހިނގާފައި ގޮސް ނިކުމެވުނީ ހޯލެއްހެން އޮތް ހުސް ބޮޑު ސަރަހައްދަކަށެވެ. އެތަނުގައި ކެޓަކޮމްބް އުފެދުނު ތާރީހާއި މުހިންމު މައުލޫމާތުތައް ހުރި އިރު ކުރިމަތިން ހުރި ދޮރުން ގޮސް ނިކުމެވުނީ އަނެއްކާ ވެސް ހަނިމަގަކަށެވެ. އެކަމަކު މިފަހަރުގެ މަންޒަރު ތަފާތެވެ. މަތީގައި ހަރުކޮށްފައި ހުރި ލައިޓްތަކުން ފަނޑު ފަނޑު ދޮން ކުލައެއްގެ އަލި އެ ހަނި މަގަށް އެޅިފައި އޮތް އިރު ވަށައިގެން އެ ހުރީ ހުސް އިންސާނުންގެ ކަށިތަކެވެ. ބޮލާއި ހަށިގަނޑުގެ އެހެނިހެން ބައިތަކުގެ ކަށިތައް ފުނި ފުންޏަށް ޖަހައި އަތުރާފައި ހުއްޓެވެ. މިހައިރު އަހަނަށް މި ހުރެވެނީ ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ކަށްވަޅުގެ ތެރޭގަ އެވެ. ކުޑަކޮށް ބިރުވެސް ގަތެވެ. ފަހަތަށް އެނބުރި ދާނީތޯ ނޫނީ ކުރިއަށް ހިނގައިގަންނާތީ ހިތާ ސުވާލެއް ކުރީމެވެ.

ކުރިއަށް އޮތީ ދެ ކިލޯމީޓަރުގެ ބޮޑު ކަށްވަޅެއްގެ ތެރޭގައި ހިނގުމެވެ. އެކަމަކު ފަހަތަށް އެނބުރި ދެވޭކަށް ނެތެވެ. އެއީ އެތަނަށް ވަންނަން ކެތް މަދުވެފައި ތިބި އެތައް ބަޔަކު ގްރޫޕް ގްރޫޕަށް ފައިބައިގެން އަންނަނީ ފަހަތަށް އެނބުރި ދާން އެ އޮތް ހަނި މަގުން އެވެ. ކޮންމެ ގޮތެއް ވިޔަސް ކުރިއަށް މަޑުމަޑުން ހިނގުން ނޫން ގޮތެއް ނެތެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މިނި ކަށްޓެވެ. ކައްވަޅުގެ ދެ ފަޅީގައި ހުރި ހުސްތަންތަނަށް މިނިކަށިތައް ފުނި ފުންޏަށް ޖަހާފައި ހުއްޓެވެ. އަތާއި ފައިގެ ކަށިތައް އެއް ދިމާލަކަށް އަޅާފައި ހުރި އިރު، ބޮލުގެ ނާށިގަނޑުތައް ހުރީ އެއް ދިމާލަކަށް އެއްކޮށްފަ އެވެ. ބައެއް ތަނބުތަކުގައި ވެސް މިނިކަށި ވަށައިގެން ޖަހައި ފޮރުވާފައި ހުއްޓެވެ. އެ ހުރިހާ ކަށިތަކުގައި މެދުގައި ހުންނަ އިރު އެ ހުރެވެނީ ފާޑެއްގެ އައްސިއެއް ވެފަ އެވެ. އެ ނޫނީ އެތާނގައި ހުރެވޭނެ ހެނެއް ހީއެއް ނުވެއެވެ. އިރުކޮޅަކަށް ހުއްޓުން އަރާފައިވެސް ހުރެވުނެވެ. އެހެން ބާއްވާލާފައި އޮންނަ، ބޮލުގެ ނާށިގަނޑެއް ހަމަލޮލަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ގައިން ހީބިހިވެސް ނެގި އެވެ. އެހާ ބައިވަރު މިނިކަށިތަކުގެ ތެރޭގައި 45 ވަރަކަށް މިނެޓް ހޭދަކުރުން ސިފަވީ، އަމިއްލައަށް ކަށްވަޅު ކޮނެގެން އެ ވަޅަށް ފައިބާ ހުރެވޭހެނެވެ.

ހިތަށް އެރި އެވެ؛ "އަހަރުމެން ވެސް މަރުވެ ނެތި ފަނާވެ ދިޔުމުން ކަށިފުރޭނިފައި ތިބޭނީ މިހެންނެވެ!" އެވެ. ކޮންމެ އިންސާނެއްގެ ނިމުމަކީ ވެސް މިއީ އެވެ. އެންމެ ބާރުގަދަ މީހާޔާއި ނިކަމެތި މީހާގެ ނިމުން ވެސް އޮންނާނީ މިހެން އެވެ. ކޮންމެ މީހަކު ވެސް މަރުވެ ނެތިދިޔުމުން އޮންނާނީ މިހާލުގަ އެވެ.

ކެޓަކޮމްބްގެ ތެރޭގައި ފުނިޖަހާފައި އެ ހުރީ ހަމައެކަނި މިނިކަށިތަކެއް އެކަންޔެއް ނޫނެވެ. އެކި ހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ ކަށިތައް މިތާނގައި ހުންނަނީ އެއް ދިމާލެއްގައި ފުނި ފުންޏަށް ޖަހައި ލޭބަލް ވެސް ކޮށްފަ އެވެ.

ފްރާންސްގެ އިންގިލާބުގައި މަރުވި އެތައް ބައެއްގެ ހަނދާންތައް ވެސް ވަޅުލެވިފައި ވަނީ މި ބިންގަރާސް ނުވަތަ ކައްވަޅުގެ ތެރޭގަ އެވެ. އެ އިންގިލާބުގެ ލީޑަރުންގެ ބާނީއަކީ މި އެވެ. ޕެރިހުގެ އެތައް ބަޔަކު އެ މީހުންނަށް ޓަކާ ފަހުރުވެރިވާ އެތައް ބައެއްގެ ނިމުން ވަނީ މި ބިންގަރާހުގެ ތެރޭގަ އެވެ. މި ތާނގެ ތެރޭގައި އެއްވެސް ކަށިކޮޅެއް ހަމައަކާ ނުލައި ދޫކޮށްލާފައެއް ނޯވެ އެވެ. ފުނިފުންޏަށް މިހިރަ ހުރިހާ މިނިކަށިތަކެއް ބަހައްޓާފައި ހުރީ، ވަކި އުސޫލަކުން ތަނުގެ އިންޓީރިއާއަށް ހުތުރެއް ނާރާނެ ގޮތަށެވެ. ކޮންމެވެސް ވަރަކަށް ތަނުގެ ތެރޭގައި ތަތްމުޑު ވަހެއް ހިފާފައި ހުރޭވެސް މެއެވެ. އެކަމަކު އެ ވަސް އުދުހެނީ ނޯށަށް އުނދަގޫވާ ވަރަކަށް ނޫނެވެ.

ވާރޭ މޫސުމަށް ވުމުން ބިންގަރާހުގެ ބައެއް ދިމަ ދިމާއަށް ފެނުގެ އަސަރު ވެސް ކޮށްފައި ހުއްޓެވެ. އެހެން ކަމުން ބިންގަރާހުގެ ބައެއް ސަރަހައްދުތައް އާންމުންގެ ސަލާމަތަށް ބަންދުކޮށްފައި ވެއެވެ. ޓަނަލް ހަލާކުވެ ވެއްޓިދާނެ ކަމުގެ ބިރަށްޓަކައި އެކި ހިސާބުތަކުގައި ހިލައިގެ ތަނބުތައް ވިއްދާފައި ހުއްޓެވެ. އެ ތަނބުތަކަކީ މީގެ 45 މިލިއަން އަހަރު ކުރިން މައިންތައް ހެދި ފާރިސީ މީހުން އެތަން ގިނަ ދުވަހަށް ބެހެއްޓުމަށް ވިއްދާފައިވާ ކައްތިރި ތަކެކެވެ. މިހައިރުން އެންމެންގެ ސުވާލަކަށް ވާނީ ޕެރިސްގެ ބިމުއަޑީގެ މައިންތައް ހަ މިލިއަން މީހުންގެ ކަށްވަޅަކަށް ބަދަލުވީ ކިހިނެއް ހެއްޔެވެ؟

ތާރީހު ބުނާ ގޮތުން، 1،700 ފަހުކޮޅު، ޕެރިސްގެ ސަހަރާތައް މަރުވާ މީހުންގެ ކައްތަކުން ފުރުނެވެ. އަދި ސަހަރާތައް ފުރި މީހުން ވަޅު ނުލެވޭ ވަރުވެ، ޕެރިހުގައި ބޮޑެތި އެތައް ބަލިމަޑު ކަމެއް ފެތުރޭން ފެށި އެވެ. އެއާއެކު އޭރު ރަސްގެފާނަށް ވިސްނި ވަޑައިގެންނެވި އެންމެ މޮޅު ގޮތަކީ ޕެރީހުގެ އަޑީގައި ހުރި ކުރީގެ ބިންގަރާސް ކަށްވަޅުތަކަކަށް ބަދަލުކޮށްލުމެވެ.

ޕެރިހުގެ އެންމެ ބޮޑު، ގަބުރުސްތާނު ސެއިންޓް އިނޮސެންޓް ގަބުރުތަކުން ފުރި އެތަނުގެ ހަތަރުފާރު ވެއްޓުމާއެކު 1786 ގައި އެ ގަބުރުސްތާނު ބަންދުކޮށް އެތަން ކޮނެ މިނި ކަށިތައް ވަކިކުރީ އެވެ. އަދި އެ ހުރިހާ ކަށިތަކެއް ކޮންމެ ރެޔަކުހެން ގެނެސް މި ކައްވަޅު، އެހެންނާ ބިންގަރާހުގެ ތެރޭގައި ތަރުތީބަކުން ފުނި ޖަހަނީ އެވެ. އެއަށް ފަހު ޕެރިސްގެ ބޮޑެތި ހުރިހާ ގަބުރުސްތާނެއް ހުސްކޮށް އެ ކަށިތައް، މި ބިންގަރާސްތަކުގެ ތެރެއަށް ގެންނަން ގާތްގަނޑަކަށް 12 އަހަރު ނެގި ކަމަށްވެ އެވެ. މި މަސައްކަތް ނިމި، މި ތަން މިޔުޒިއަމްއެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލީ، 19 ވަނަ ގަރުނުގެ ކުރީކޮޅު އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީ ޖަރުމަނުގެ ސިފައިން މި ކަށްވަޅުތައް ބަންކަރުތަކުގެ ގޮތުގައި ވެސް ބޭނުންކުރި އެވެ. މީގެ އިތުރުން ކެޓަކޮމްބްގައި ގިނަ ބައެއްގެ މިނިކަށިތައް ޖަމާކޮށްފައި ވުމުން އެކި ސައިންޓިފިކް ތަހުލީލުތަކުގައި ފްރާންސްގެ ލެބޯޓްރީތަކުން ދޭތެރެ ދޭތެރެއިން މިތަނުން ކަށި ނަގައި ބޭނުންކުރެ އެވެ. ގިނަ ދުވަސް ވަންދެން ހޫނުގެ ތެރޭގައި މި ކަށިތައް ހުންނަން ޖެހުމުން ހަލާކުވެގެން ދާނެތީ އެތަކެތި ހަލާކު ނުވާނެ ގޮތަށް މިނިކަށިތައް ބަލަހައްޓަމުން ގެންދެ އެވެ. އަހަރެމެންހެން ކައްވަޅަށް ފައިބައި މިތިބަ އެއްވެސް މީހަކަށް އެއިން ކަށިކޮޅެއްގައި އަތްލައި ބީހުމަކީ ވަރަށް ބޮޑަށް މަނާ ކަމެކެވެ. ހަޔާތް ކަނޑާލައިގެން އެހެން ހަދައިފިނަމަ ކޮންމެ ފަދަ އަދަބެއްވެސް ލިބިދާނެ އެވެ.

އެހެން ގަބުރުސްތާނުތައް ފުރުމުން އެކަމަށް ހޯދި ހައްލު މިހައިރުން ވެފައި މިވަނީ އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނަ އާސާރަކަށެވެ. ކޮންމެ އަހަރަކު މި ތަނަށް 300،000 އެއްހާ މީހުން ފައިބަ އެވެ. މިހައިރު ދެން ސަރާސަރުގެ ކޮޅަށް މި އާދެވުނީ އެވެ. ޕެރިހުގެ ބިމު އަޑިން އަހަންނާއި އަންހެނުން ނުކުމެ ހިނގައިގަތުމާއެކު ޕެރިހުގެ ފިނިކަން އައިސް އަހަރެމެން ދެމަފިރިންގެ ގައިގައި ބައްދައިގަތެވެ. އަހަރެމެނަށް އަނެއްކާވެސް ޖެހުނީ ހޫނު ކޮފީއެއް ބޯށެވެ. އެ ކައްވަޅުން ބުނެދިން އިންސާނީ ތާރީހުގެ އެތައް ވާހަކައަކާއި ފިލާވަޅެއް ހިއްސާކޮށްލަން ވަގުތެއް އަދި މިވީ އެވެ.