ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ 10 މަސްވަސް މިހާރު ފާއިތުވެފައިވާ ކަމަށާއި އެ މަނިކުފާނު ޖަލުގައި ބަހައްޓައިގެން އުޅެނީ މި ސަރުކާރުގެ ވެރިން ސިޔާސީ ސަބަބުތަކަކަށް ޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ފާރިސް ޖަލުގައި ހުންނަވާތާ 10 މަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން އާންމުކުރި ބަޔާނުގައި ބުނީ، 18 ޖުލައި 2017 ގައި ފުލުހުން ފާރިސް ހައްޔަރު ކުރީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ނަމަވެސް، އެ މައްސަލައިގެ ޝަރީއަތަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ ވަނީ ފާރިސް ރިޝްވަތު ނުދޭ ކަމަށް ޝަރީއަތުގައި ހެކިބަސް ދީފައި ކަމަށް ވެސް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ. އަދި އެ މައްސަލައަކީ ސާބިތުވާނެ މައްސަލައެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ، ފާރިސް ނޫނަސް އެއްވެސް ޝަރީއަތެއް ހިންގުމެއް ނެތި ޖަލުގައި ތިބޭތާ ފަަސް އަހަރު ވެފައިވާ މީހުން ވެސް އެބަތިބި ކަމަށެވެ. މިއީ މުއައްސަސާތަކުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި ކުށެއް ނެތި މީހުން ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފާރިސްގެ ހަމައެކަނި ކުށަކީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ކުރުން ކަމަށާއި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެއީ ފާރިސް އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް އެ ޒިންމާ އަދާކުރުމުން އެމަނިކުފާނު ދިގު މުއްދަތަކަށް ޖަލުގައި ބެހެއްޓުމަކީ ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.
"ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހުކުމަކާއި ނުލައި ޖަލު ބަންދުގައި ހުންނަތާ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހަށް 10 (ދިހައެއް) މަސްދުވަސް ހަމަވީއެވެ. އަދިވެސް އެހުންނެވީ ޖަލު ބަންދުގައެވެ. އެއްވެސް ކުށެއް ސާބިތުވުމެއް ނެތި އެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު ހާމަވެގެންދާ ކަމަކީ، އަޙްމަދު ފާރިސް މައުމޫން ޖަލު ބަންދުގައި ހުންނަންޖެހި ވަޑައިގެންފައިވާ ހަމައެކަނި ސަބަބަކީ، ސަރުކާރުގައި ތިބި ބަޔަކު ސިޔާސީ މަގްސަދެއް ހާސިލްކުރުން ފިޔަވައި އެނޫން އެހެން އެއްވެސް ސަބަބެއް ނޫންކަމެވެ،" ބަޔާނުގައިވެ އެވެ.
ފާރިސް ދިގު މުއްދަތަކަށް ހައްޔަރުކޮށްގެން ގެންގުޅޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނީ، މިގޮތަށް ޖަލު ބަންދުގައި ފާރިސް މައުމޫނާއި އެހެނިހެން ސިޔާސީ ހައްޔަރީން ބޭއްތިއްބުމަށް ނިމިގެންދާނޭ ކަމެއް ނޫން ކަމަށެވެ. ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ޖަލަކަށް ނުލެވޭނެކަން ފާހަގަ ކުރަން އިދިކޮޅު ފަރާތްތަކުން ބުނީ، އެ މަސައްކަތުގައި އަބަދުވެސް ދިވެހި ލޭ ހިނގާ ދަރިންތަކެއް ގުރުބާންވަމުންދާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބަޔާނުގައި ބުނީ ގައުމުގެ ހުރިހާ ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އިންސާފުވެރި ހުކުމެއް އިއްވާ ކޮންމެ ފަނޑިޔާރަކަށް އޮތީ ޖަލު ގޮޅިކަން ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށާއި އަދުލު އިންސާފުގެ ދާއިރާ ކަސްދޮޅު އަޅުވާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ވެސް އެހެން މުއައްސަސާތަކަށް ރައީސްގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށާއި ފެންނަމުންދާ ކަންކަމުން އެކަން ރަނގަޅަށް ސާފުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.