ޑރ. މުހައްމަދު ޖަމީލް އަހުމަދު

މައުމޫނަށް ނިސްބަތްކޮށް ޖަމީލްގެ ތަފާތު ޓްވީޓެއް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް މި ސަރުކާރުން ދެމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށް ވިދާޅުވެ މި ހާލަތުގައިވެސް އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ސަރުކާރާއެކު ހުންނެވުމުން ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެކަންބޮޑުވުން ފާޅުކުރައްވާ ޖަމީލް ވަނީ ތަފާތު ޓްވީޓެއް ކުރައްވާފައެވެ.

ޖަމީލްގެ ޓްވީޓްގައި ވިދާޅުވީ ހަސަދަވެރިކަމުގެ އަލިފާންގަޑު ގިނަ ފަހަރަށް ރޯވަނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. އޭގެ ފަހުން ދެން ވިދާޅުވީ ރައީސް މައުމޫނު އަދިވެސް ހުންނެވީ ސަރުކާރާއެކު ކަމަށެވެ. ޖަމީލްގެ ޓްވީޓްގައި ވަނީ "ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލު ކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ" މިފަދައިން އަންގަވާ ބަޔާންކުރައްވާފައިވާ ޔޫސުފް ސޫރަތުގެ އާޔަތެއްވެސް ހިމަނުއްވާފައެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ސަރުކާރުން ދެމުން ގެންދާ އަނިޔާތަކަކީ ސިޔާސީ މަންފާތަކެއް ހޯދުމަށް ގަސްތުގައި ރާވައިގެން ދެމުން ގެންދާ އަނިޔާތަކެކެވެ. އެކަން އެމްޑީޕީގެ އާންމު މެންބަރުން ހިމެނޭހެން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މި ހާލަތުގައިވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވެ ސަރުކާރާއެކު ހުންނެވުމުން ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން އަދި ފާރިސް މައުމޫންވެސް ރައީސް ޔާމީނަށް އަމާޒުކޮށް ފާޑުވިދާޅުވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑާކުރުމުގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. ވަރަށް ދިގު މުއްދަތަކަށް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އަދި ފާރިސް މައުމޫންވެސް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ހުންނެވިއެވެ. ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުވެސް ޖަލަށް ލެއްވިއެވެ. އެ ބޭފުޅުން މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވީ އެ ސަބަބާއި ގުޅިގެންނެވެ.