ޑރ. މުހައްމަދު ޖަމީލް އަހުމަދު

ގަރާރު ބާތިލް، ސަރުކާރު ޗާޓުން ބޭރުވެއްޖެ: ޖަމީލް

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ހުވާކުރައްވަނީ ގާނޫނު ނެގެހެއްޓުމަށް ކަމަށާ ރައީސުލްޖުމްހޫރިއްޔާއަށްވެސް ގާނޫނު ހެދުމުގެ ބާރު ލިބިގެން ނުވާ ކަމަށް ކުރީގެ ނާއިބު ރަައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ފުލުހުން ނިކުމެ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ނަގާފައިވަނިކޮށެވެ. ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ މިހާރު ނަގާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރީން ކުރައްވަން ޖެހިވަޑައިގަންނަވާ ހުވާ ހަނދާންކޮށްދެއްވާ ޖަމީލް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވީ ގާނޫނު ނެގެހެއްޓުމަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު ހެދުމުގެ ބާރު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އަމިއްލަ މީސް މީހުންގެ ގެދޮރުގައި ދަމާފައިވާ ބެނާތައް ފުލުހުން މެދުވެރިކޮށް ނެގުން ޖަމީލް ސިފަކުރެއްވީ "ޗާޓު"ން ބޭރުން ހިންގެވި އަމަލެއްގެ ގޮތުގައެވެ. ޖަމީލް ވިދާޅުވީ 2008 ގައި އުފެދުނު އެމްޑީޕީ ސަރުކާރު ފަދައިން މި ސަރުކާރުވެސް ޗާޓުން ބޭރުވެއްޖެ ކަމަށެވެ.

އަދި ރާއްޖެ އަކީ ނޯތު ކޮރެއާ ނޫން ކަމަށާ ވިދާޅުވެ "ޖައްދާލު" ހެދިގެން ނޫޅުއްވުމަށް ރައީސަށް އިންޒާރު ކުރެއްވިއެވެ.

"ރައީސް ހުވާކުރެއްވީ ގާނޫނު ނަގަހައްޓަން. ގާނޫނު ހެދުމުގެ ބާރު ލިބިގެން ނުވޭ. އޮޅިގެން ނޫޅުއްވާ. ތިޔައީ 2008 ގައި އެމްޑީޕީން ޗާޓުން ބޭރުން ހިންގަން ދިމާކުރި ފަދަ އަމަލެއް. މިއީ ނޯތު ކޮރެއާ އެއް ނޫން. މަނިކުފާނަކީ ހާދިމެއް، ޖައްލާދު ހެދިގެން ނޫޅުއްވާ،" ކުރީން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

މިއަދުވެސް އެނގިގެން މިދިޔައީ އިބްރާހިމް މުހައްމަދު ސޯލިހް [ރައީސުލްޖުމްހޫރިއްޔާ] އަކީ އެއްވެސް އިލްމީ ފޭރާމެއް ނެތް ތަންދޮރު ނޭންގޭ ބޭފުޅެއްކަން. މީހަކު ދޭ ކޮންމެ އެއްޗެއްގައި ސޮއިކުރާއިރު ތިމާއަށް ލިބިގެންވާ ބާރެއްތޯވެސް ބަލަން ނޭންގުނު. އެންމެ ބޮޑު ނުރައްކަލީ މި ފެންވަރުގެ ވެރިއަކު ހުރުން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހުންނެވި ޖަމީލް އިތުރަށް ވިދާޅުވީ "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތައް ނަގަން އެންގުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޕާޓީ ނިޒާމުގައި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔުމުގެ ހައްގު ކޮންމެ ރައްޔިތަކަށް އޮންނަ ކަމަށެވެ.

"ގާނޫނުތަކަށް ކޯޓްތަކުން އަހުލުވެރިވާން ޖެހޭ. މިހާރު ބުދެއް ބެހެއްޓުމާއި ދެކޮޅުވެސް ނުހެދޭނެ، ކަރާމާތަށް އުނިކަން ލިބޭ،" ޖަމީލް ވިދާޅުވިއެވެ.