މުހައްމަދު މަލީހު ޖަމާލް

މުޒާހަރާކުރަނީ ގައުމަށް ނުރައްކާވުމުން: ޖަމީލް

ރައްޔިތުން ނިކުމެ މުޒާހަރާކުރަނީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވެ ދިވެހި ގައުމަށް ނުރައްކާވުމުން ކަމަށް ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އިދިކޮޅުން ވަނީ ސިޔާސީ ތިން ހަރަކާތެއް ބާއްވާފައެވެ. އެގޮތުން މާފުށީ ބޭރުން ކަނޑުމަތީ ކުރި އިހުތިޖާޖަކާއި މާލެ ސިޓީގައި ސައިކަލެއް ބުރެއް އަދި އިއްޔެ ހަވީރުވެސް ވަނީ ސިޔާސީ ހަރަކާތްތަކެއް ހިންގާފައެވެ. ނަމަވެސް އިއްޔެގެ ހަރަކާތަކީ އިދިކޮޅު ޕާޓީތަކުން އިންތިޒާމުކުރި ހަރަކާތެއް ނޫނެވެ. އެ ހަރަކާތުގައި އިދިކޮޅުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތުންނެވެ.

އިއްޔެގެ ހަރަކާތަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ރާއްޖެއަކީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ގައުމެއް ކަމަށާ ރާއްޖޭގައި އިހުތިޖާޖަށް ފުރުސަތު އޮންނަންވާނެ ކަަމަށެވެ. އަދި ރައްޔިތުން ނިކުމެ މުޒާހަރާކުރަނީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވެ ދިވެހި ގައުމަށް ނުރައްކާވުމުން ކަމަށް ވިދާޅުވިއެވެ.

"ސަރުކާރު ހަމަމަގަށް އަޅުވަން އިހުތިޖާޖު ކުރުމަކީ މޮޅު ގޮތް ކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެފައިވަނީ އަމިއްލަ މަންފާ ގައުމީ މަސްލަހަތަށްވުރެ އިސްކުރާތީ،" ސަރުކާރު ހިންގާ އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ސައިކަލް ބުރުގެ ތެރެއިން 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަށްވެސް ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ޒުވާނުންގެ ސުލްހަވެެރި ހަރަކާތަށް ހުރަސް އެޅުމަކީ ރައީސް ސޯލިހު ހިންގެވި އަނިޔާވެރި އަދި ދުސްތޫރާ ހިލާފު އަނަލެއް ކަމަށެވެ.

"ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު އަމަލެއް. އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު. ޒުވާނުންގެ އަޑަކީ މުޅި ގައުމްގެ އަޑު،" ޖަމީލް ވިދާޅުވިއެވެ.