ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަހަރު ފެށުނީ ބޮޑެތި ކަންބޮޑުވުންތަކާއެކު: ޖަމީލް

އައު އަހަރު ފެށުނީ ބޮޑެތި ކަންބޮޑުވުންތަކާއެކު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހަންމަދު ޖަމީލް ވިދާޅު ވެއްޖެ އެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވަނީ މައިގަނޑު ތިން ކަމެއް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފުރަތަމަ ކަމަކަށް ފާހަގަ ކުރެއްވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ތިބުމަށެވެ. ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ދިވެހީންގެ މިނިވަންކަން ގެއްލޭ ފަދަ ގޮތަކަށެވެ.

މީގެ އިތުރުން ރާއްޖޭގައި އިސްލާމްދީނަށް އޮތް ބޮޑު ގޮންޖެހުން ފާހަގަ ކުރެއްވިއެވެ. ޖަމީލް ވިދާޅުވީ މިސްކިތްތަކަށް ގޯނާ ކުރުން އިތުރުވެ ދީނީ އިލްމަށް އޮތީ ނުރައްކާތެރި ހާލަތެކެވެ. އަދި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުން ފަދަ އަމަލުތައް މިދިޔަ އަހަރު ފެނި އެފަދަ ކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތް ކަމަށެވެ.

ދެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ފުނޑުފުނޑުވެފައި ކަމަށެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ އިންފްލޭޝަން ރޭޓް މަތިވެފައިވާ ކަމަށެވެ.

"އާ އަހަރުގެ ތަހްނިޔާ މިކިޔަނީ ހިތްދަތި ޝުއޫރު ތަކާއެކު،" ޖަމީލް ވިދާޅުވިއެވެ.