ޑރ. މުހައްމަދު ޖަމީލް އަހުމަދު

ވަކިވަކި ފުލުހުންނަށް ގާނޫނުގެ ދިގު އަތް ފޯރާނެ: ޖަމީލް

ކޮންމެ ޣައިރު ގާނޫނީ އަމަލަކަށް ޖަވާބުދާރީ ކުރުވޭނެ ކަމަށާ ވަކިވަކި ފުލުހުންނަށް ގާނޫނުގެ ދިގު އަތް ފޯރާނެ ކަމަށް ވިދާޅުވެ ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.

ޖަމީލް މިކަމަށް ގޮވާލެއްވީ އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާއި ނުބައްދަލު އަނިޔާވެރި ގޮތެއްގައި ބާރުގެ ބޭނުންކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. އިއްޔެގެ އެއްވުމުގެ ތެރެއިން 29 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ހައްޔަރަށް ގެންދިޔައީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެނެވެ. ހައްޔަރުކޮށް ވެހިކަލަށް އެރުވުމަށްވެސް ބައެއް މީހުންނަށް އަނިޔާވާނެ ގޮތަށް ފުލުހުން އަމަލުކޮށްފައިވެއެވެ.

މީގެ އިތުރުން އެއްވުން ރޫޅާލުމުގައި ޕެޕާސްޕްރޭ ޖަހާފައިވަނީވެސް އާންމު އުސޫލުތަކާއި ހިލާފަށެވެ. ގަސްތުގައި މީހުންގެ ލޮލަށް އަމާޒުކޮށް ބައެއް ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހާފައެވެ.

ކުރީން ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަންވެސް ކުރެއްވި ގާނޫނީ ވަކީލް ވަނީ މުޒާހަރާ ކުރަން ފެށުމާއެެކު ރޫޅާލަނީ ކޮންތާކު އޮތް ބާރެއްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ. އަދި "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ލުން މަނާ ކުރުމާއި ތާނައިން ނޫނީ "އިންޑިއާ އައުޓް" ނުލިޔެވޭނެ ކަމަށް އަންގަނީ ކޮން ގާނޫނެއްގެ ދަށުންތޯ ޖަމީލް ސުވާލު ކުރެއްވިއެވެ. -- "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ނުލަން ނާންގާ ކަމަށާ އަދި "އިންޑިއާ އައުޓް" ދިވެހިން ލިޔަން އަންގާ ކަމަށް ބުނެ ކުރެވޭ ތުހުމަތު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދޮގުކޮށްފައެވެ. --

"ކަށަވަރު ކުރައްވާ. ކޮންމެ ޣައިރު ގާނޫނީ އަމަލަކަށް ޖަވާބުދާރީ ކުރުވޭނެ. ވަކިވަކި ފުލުހުންނަށް ގާނޫނުގެ ދިގު އަތް ފޯރާނެ،" ޖަމީލް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށެވެ. ދެން ހައްޔަރުކުރި 28 މީހުންނަށް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމެވެ.

ބާރުގެ ބޭނުން ކުރުމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.