ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި އެއްވުން ފުލުހުން ރޫޅާލައިފި އެވެ.
މި އެއްވުން ފުލުހުން ރޫޅާލުމުގެ ކުރީން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ. ފުލުހުން އޮތީ މުޅި ސަރަހައްދު ބަންްދުކޮށްފައެވެ.
އިދިކޮޅު ކޯލިޝަންގެ މައި އޮފީސް ކުރިމަތީން ބޮޑުތަކުރުފާނު މަގުގައި އޮތް އެއްވުމުގެ ބައިވެރީން އެ ސަރަހައްދު ދޫކޮށް ނުދިއުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖުގެ ބައިވެރީންގެ މޫނަށް ޕެޕޭސްޕްރޭ ޖަހާފައިވެއެވެ.
މިރޭގެ އެއްވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބޭފުޅުން އެއްވުމުގެ ބައިވެރީންނާ މުހާތަބުކޮށް ވާހަކަވެސް ދެއްކެވިއެވެ.
އިހުތިޖާޖުގެ ބައިވެރީން ވަނީ ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. ހާއްސަކޮށް އިދިކޮޅު ހަރަކާތްތަކުގެ އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަަރު މުހައްމަދު އިސްމާއީލް ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލިއެވެ.
ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރު ކުރިއެވެ. ފުލުހުންގެ ބަންދުގައި މިވަގުތުވެސް 20 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރީން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް ނިޝާން ހިމެނިވަޑައިގަންނަވައެވެ.