ކުޅިވަރު

ހެޓްރިކުން ހިތްވަރާއި އުންމީދެއް އާވެއްޖެ

މާލޭ ލީގްގައި، ރޭ ވެލެންސިއާ ދެކޮޅަށް ކާމިޔާބު ކުރި ހެޓްރިކަކީ، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ޓީސީއަށް ކާމިޔާބު ކޮށްދިން ދެ ވަނަ ހެޓްރިކެވެ. ދެ ވަނަ ހެޓްރިކާއެކު އޭނާ ބުނީ އެއީ ކުރިއަށް ދާން ހިތްވަރަކަށްވި ކަމަށެވެ. އަދި އާ އާމާޒުތަކަކަށް ވާސިލު ވުމަށް ބޮޑު އުންމީދެއް ވެސް ލިބިއްޖެ ކަމަށެވެ.

ގިނަ ބައެއްގެ ލޮލުގައި އިއްބެ އަޅައިގަތީ 2015 ބޭއްވި ފުރަތަމަ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި، އުފަން ރަށް ސ. ފޭދޫ ޓީމުންނެވެ. ފުރަތަމަ ޑިވިޝަން ޓީމުތަކަށް އޭނާގެ ހުނަރު އަޅައިގަތީ 2016 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓް ކަޕުގަ އެވެ. އޭރު ރާއްޖޭގެ އެންމެމަތީ ފުޓްބޯޅައިގެ ތަޖުރިބާ މަދު ނަމަވެސް އެކަމެއް އޭނާގެ ކުޅުމުން ނުދެއްކި އެވެ. ވަރުގަދަ މާޒިޔާ ކޮޅަށް އިއްބެ ވަނީ ފޭދޫއަށް ލަނޑު ކާމިޔާބުކޮށް ދީފަ އެވެ.

"ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ، ދިވެހި ލީގަށް ދާއިރު މީގެއިން ވަރަށް ބޮޑު މޯޓީވޭޝަނަކަށް ވާނެ،" ރޭ އަވަސް އާ ވާހަކަ ދައްކަމުން ހަބޭސް އިއްބެ ބުންޏެވެ. "މި އަހަރު ސާފް ޗެމްޕިއަންޝިޕް ވެސް އޮތީ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ބަރާބަރަށް ކުޅުމަކީ ވަރަށް ބޮޑު ހުވަފެނެއް އެކަމަށް މިއިން ހިތްވަރު ލިބިގެން ދޭ،"

އިއްބެ ޓީސާ އާއެކު ކުރިމަތިލި ފުރަތަމަ މުބާރާތަކީ، މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގެ ޑާކާގައި ބޭއްވި، ޝައިހް ކަމާލް ކުލަބު މުބާރާތެވެ. އެ މުބާރާތުގައި ޓީސީގެ ފުރަތަމަ ލަނޑު ބަންގާޅުގެ ޗެމްޕިއަން ޑާކާ އަބާހަނީ ކޮޅަށް ކާމިޔާބު ކުރީ އިއްބެ އެވެ. އޭނާގެ ލަނޑާއެކު މުބާރާތުގެ ތެރެއަށް ވަދެ އެ މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދިނުމުގައި އިއްބެގެ ހިއްސާ އޮތެވެ.

މި އަހަރު މާޗް މަހު ގައުމީ ޓީމަށް ފުރަތަމަ ކުޅުނު މެޗުގައި އިއްބެ ވަނީ އޭނާގެ ފުރަތަމަ ލަނޑު ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. ސިންގަޕޫރު މެޗުން ގައުމީ ޓީމުގެ ކެރިއާ ފަށައި، ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގައި އިއްބެ ވަނީ ރާއްޖެއަށް ދެ ލަނޑު ޖަހައި ދޭން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އިއްބެ، ގޯލް ޖަހަން މިހާރު ލަސް ވެއްޖެ ކަމަށެވެ. ނިޒާމު ބުނީ އިއްބެއަށް ޕެނަލްޓީ ޖަހަން ފުރުސަތު ދިނީ އޭނާ އަށް ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ. ރޭގެ މެޗުގައި އިއްބެ ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

"މިދިޔަ އަހަރުވެސް މިހާ ހިސާބުގައި އިއްބެ ފެއްޓީ، މިހާ ހިސާބުގައި ފަށައިގެން ކޮންޓިނިއުކޮށްގެން ކުރިއަށް ދިޔައީ،" އެއްރަށަކަށް ނިސްބަތްވާ އިއްބެ އާ ބެހޭގޮތުން ނިޒާމް ބުންޏެވެ. "އުންމީދު ކުރަން ފަށައިގެން ރަނގަޅަށް ކުރިއަށް ދާނެ ކަމަށް."