ހަބަރު

ރާއްޖެއިން އިކްއެޓޯރިއަލް ގިނީއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފި

May 22, 2018

ރާއްޖެ އާއި ރިޕަބްލިކް އޮފް އިކްއެޓޯރިއަލް ގިނީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ. އިއުއެޓޯރިއަލް ގިނީއަކީ، އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ގައުމެކެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އިކުއަޓޯރިއަލް ގިނީގެ ދާއިމީ މިޝަންގަ އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އިކްއެޓޯރިއަލް ގިނީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބު އަނަޓޯލިއޯ ޑޮންގް އެވެ.

އިއުއެޓޯރިއަލް ގިނީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމާ ގުޅޭ ގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

އިއުއެޓޯރިއަލް ގިނީއާ އެކު ގުޅުން ގާއިމްކުރުމުން ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު ވަނީ 168 އަށް އިތުރުވެފަ އެވެ. މިއަހަރު ފެށުނު ފަހުން ރާއްޖެ އިން އަންނަނީ އެފްރިކާގެ ގައުމުތަކާއެކު ސިޔާސީ ގުޅުން ގާއިމުކުރަމުންނެވެ. މިފަހުން ގުޅުން ގާއިމްކުރި ގައުމުތަކަކީ، ޒެމްބިއާ، އައިވަރީ ކޯސްޓް އަދި ކޮންގޯ އެވެ.