ވިޔަފާރި

މި އަހަރުގެ މިހާތަނަށް ބައި މިލިއަން މީހުން ރާއްޖެ އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުން އައި މިންވަރު ވަނީ 12.7 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 539,816 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 478,827 މީހުންނެވެ.

ޗައިނާގެ ހިއްސާއަކީ 16 ޕަސެންޓް!

މި އަހަރުގެ ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް އާއްމު ކުރި ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއް ގައުމަކުން ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ އަދިވެސް ޗައިނާއިންނެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 16.2 ޕަސެންޓް ހިއްސާވެ އެވެ. ނަމަވެސް ޗައިނާ މާކެޓު ދަނީ ދަށްވަމުންނެވެ. ޗައިނާއިން މި އަހަރުގެ މިހާތަނަށް 87,632 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 94,110 މީހުންނާ އަޅާބަލާއިރު 6.9 ޕަސެންޓް ދަށް ވުމެކެވެ.

ޔޫރަޕުގެ މާކެޓް 18 ޕަސެންޓް އިތުރުވި

މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އައި ޓޫރިސްޓުންގެ 55 ޕަސެންޓް ހިއްސާވަނީ ޔޫރަޕު މީހުންނެވެ. ޔޫރަޕުގެ ދެކުނާއި އުތުރު އަދި ހުޅަނގާއި އިރުމަތީ ބިތުން ޖުމްލަ 301,567 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު އައި 255,229 މީހުންނާ އަޅާބަލާއިރު 18.2 ޕަސެންޓް އިތުރު އަދަދެކެވެ.

މި ބައްރުން އެންމެ ގިނައިން މީހުން އައިސްފައިވަނީ ރާއްޖޭގެ އެންމެ ދުވަސްވީ މާކެޓު ކަމަށްވާ އިޓަލީވިލާތުންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 49,878 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު އައި 41,795 މީހުންނާ އަޅާބަލާއިރު 19.3 ޕަސެންޓް އިތުރު އަދަދެކެވެ. ދެން އެންމެ ގިނައިން މީހުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 43,499 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ މަހު އައި 38,505 މީހުންނާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެ ގައުމުން އެޕްރީލް މަހުގެ ނިޔަލަށް 41,876 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 38,065 މީހުންނެވެ. އެއީ 10 ޕަސެންޓް އިތުރު އަދަދެެކެވެ. އަދި ރަޝިޔާއިން މި އަހަރުގެ މިހާތަނަށް 30,848 މީހުން އައިސްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރު އައި 23,800 މީހުންނާ އަޅާބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމްގެ ހިސާބުތައް ދައްކާ ގޮތުން އިންޑިޔާއިން މި އަހަރުގެ މިހާތަނަށް 25,023 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 22,518 މީހުންނާ އަޅާބަލާއިރު 11.1 ޕަސެންޓް އިތުރުވުމެކެވެ.