ޓޫރިޒަމް

ރަޝިއާ މާކެޓާއެކު މޭ މަހުގެ އަދަދުތައް ދަށަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތް ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސް މޭ މަހުގެ ފަތުރުވެރިންގެ އަދަދުތައް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 94،604 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 100،230 ފަތުރުވެރިންނަށްވުރެ 5.7 ޕަސަންޓް ދަށްވުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ކުރި އެރި ނަމަވެސް މޭ މަހުގެ ފަތުރުވެރިންގެ އަދަދުތައް ދަށަށް ދިޔައީ ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް މަދުވުމުންނެވެ.

ރަޝިއާ ފަތުރުވެރިންގެ އަދަދުތައް މަހުން މަހަށް

  • ޖެނުއަރީ - 23،180 ފަތުރުވެރިން
  • ފެބްރުއަރީ - 21،567 ފަތުރުވެރިން
  • މާޗް - 20،313 ފަތުރުވެރިން
  • އެޕްރީލް - 16،979 ފަތުރުވެރިން
  • މޭ 24 ވަނަ ދުވަހުގެ ނިޔަލަށް - 9،548 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައި މިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

ރާއްޖޭގެ ފަތުރުވެރިކަން މޭ މަހު ދަށަށް ދިޔަ ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 15.6 ޕަސަންޓް އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 782،889 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 677،034 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 މާކެޓް

  • ރަޝިއާ - 91،587 ފަތުރުވެރިން
  • އިންޑިއާ - 89،619 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 71،359 ފަތުރުވެރިން
  • އިޓަލީ - 59،593 ފަތުރުވެރިން
  • ޖަރުމަނު - 57،274 ފަތުރުވެރިން
  • ޗައިނާ - 43،411 ފަތުރުވެރިން
  • އެމެރިކާ - 32،222 ފަތުރުވެރިން
  • ފްރާންސް - 28،855 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 18،962 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 14،412 ފަތުރުވެރިން

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 170 ރިސޯޓާއި 899 ގެސްޓްހައުސް އާއި 159 ސަފާރީ އަދި 13 ހޮޓާ ދަނި ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 60،734 އެވެ.