އަހުމަދު ހަމީދު އާދަމް (ވަޖޭ) ގެ ތައާރަފަކަށް އެންމެ ޖުމްލައެއް ލިޔުމަކީ ވެސް މާނައެއް ނެތް ކަމެކެވެ. ސަބަބަކީ އިބާރާތް ކޮޅަކަށްވުރެ ދިވެހި ރާއްޖޭގައި އޭނާ ބޮޑު ވެފައިވާތީ އެވެ. އެކަމަކު އެއް ވާހަކައެއް އެބައޮތެވެ. އުމުރުން 17 އަހަރުގައި އޭނާ ބޭނުންވީ ރޭޑިއޯ ޕްރެޒެންޓަރަކަށްވާށެވެ. ދިވެހި ރާއްޖޭގެ އަޑު ކައިރިން ނުނެއްޓި ތަކުރާރުކޮށް އެކަމާ އުޅުމުން ވެސް އޭނާގެ ހަށިގަނޑުގެ ކުޑަކަމާއި ބަލި ކަށިކަމުން އޭނާގެ ގައިގައި ދިވެހި ރާއްޖޭގެ އަޑު އަޅައިގަންނަ ގޮތެއް ނުވި އެވެ. މާ ކުޑައީ އެވެ.
އެކަމަކު އޭނާގެ ދުލުގެ ފުދޭ ކަމަށާއި ރީތި އަޑާއި ޕްރެޒެންޓް ކުރުމުގެ ހުނަރާއި ކުޅަދާނަކަންވީ އަޖައިބެއް ކަހަލަ ކަމަކަށެވެ. ހަމީދުގެ ސަމާސާ މަޖަލާއި މައުލޫމާތުގެ މުއްސަނދިކަމާ އެއްވަރަށް ހަށިގަނޑުގެ ސައިޒުގައި ވެސް މުޅި ރާއްޖެހެން މިހާރު ވަނީ އަޅައިގެންފަަ އެވެ.
ޕްރެޒެންޓް ކުރުމުގެ ވަޒީފާއެއް ހަމީދަށް ލިބުނީ 2009 ވަނަ އަހަރު އެވެ. އޭރު އުމުރުން 19 އަހަރުވެއްޖެ އެވެ. ޕްރެޒެންޓް ކުރާ ހިތުން އަޑުގައި ތިއްބެވި މަޝްހޫރު ވަރަށް ގިނަ ޝަހުސިއްޔަތުން ފަހަތުން ނުނައްޓައި ހިނގާތާ އޭރު ދެ އަހަރު ވެއްޖެ އެވެ. އެ ހުރިހާ ބޭފުޅުން ވެސް އޭރު ވިދާޅުވީ "ދެން ހަމީދު މާ ކުޑައީ ވިއްުޔާ!" އޭ އެވެ.
އެކަމަކު ވީޓީވީ އުފެދުމާއެކު ގޮސް އޭނާގެ ހުނަރު ދައްކާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވީޓީވީގެ އޭރުގެ ޗެއާމަން އަމީން އިބްރާހިމް ވިދާޅުވީ "ވަޒީފާދީ، މިއީ މިއީޑިއާގައި ބޮޑު ނަމަކަށް ވާނެ ކުއްޖެެއް،" އެހެނެވެ. އެ ދުވަހުން ފެށިގެން ހަމީދު އެހެން ކަމަކާ ނޫޅެ އެވެ. ޚަބަރު ލިޔެ ކިޔައި ޕްރެޒެންޓްކޮށް ޕްރޮޑިއުސް ކުރީ އެވެ. ހަމަ އެހައިރުން ފެށިގެން އޭނާގެ ސްޓައިލާއި ރީތި އަޑުގެ ޖާދުގައި މީހެއްވިއްޔާ މީހެއް ދިޔައީ ޖެހެމުންނެވެ. ދުވަހެއްވިއްޔާ ދުވަހަކަށް ހަމީދުގެ މަޝްހޫރުކަން އިތުރުވަމުން ދިޔައިރު އުމުރާއި ހަށިގަނޑުގެ ގޮތުން ކުޑަކުޑަ ހަމީދުގެ ހަށިގަނޑު ވެސް ދިޔައީ ބަދަލުވަމުންނެވެ. ވަޒީފާއަށް ދާން ފެށި އިރު ސާޅީހަކަށް ކިލޯހުރި ހަމީދުގެ ބަރުދަން އަހަރަކުން، އަހަރަކުން އުފުލެމުން ގޮސް 139 ކިލޯ ކަނޑާލައި ކައްޓާއަށް ނުކަތާވަރުވި އެވެ.
ހަމީދުގެ ހަށިގަނޑަށް އައި ބަދަލު އޭނާ ކިޔައި ދެނީ މިހެނެވެ: "ވީޓީވީއާ ހަމައިން މީހުންގެ ސަމާލުކަމަށް އަޅުގަނޑު އައީ ކީއްވެ ކޮން ކަމެއް މޮޅަށް ކުރެވިގެން ކަމެއް ބުނާކަށެއް ނޭނގޭ. ގައިމުވެސް އަޅުގަނޑުގެ ހަށިގަނޑަށް މީހުންގެ ސަމާލުކަން ހުއްޓުނީ ރަނގަޅަށް ކަމެއް ކުރެވިގެނެއް ނޫން. އެހެން ދިމާވީ ގޯސްކޮށް މަޖަލަށް ކުރެވުނު ކަމަކުން، އަޅުގަނޑު ހަމަ މީރުހައި އެއްޗެއްވިއްޔާ ޖެހޭ ތަނަކުން ދަމައިގަނެގެން ދެބަނޑަށް ކެއީ، އެހެންވާން ޖެހުނު ސަބަބެއް ވެސް އޮތް، އެއީ އަޅުގަނޑު މަސައްކަތް މި ކުރާ ވީޓީވީގެ ނިއުސްރޫމާއި ތަނުގެ މާހައުލަކީ ކެއުމުގެ ވަރަށް ބޮޑު ފޯރިއެއް އޮންނަ ތަނެއް، އެ ސުފުރާއިން އަޅުގަނޑު ކެއީ. ނުފުދިގެން ރައްޓެހިންނާއި އަޅުގަނޑަށް ތާއީދު ކުރާ މީހުންގެ ދައުވަތަކުގައި ވެސް ކެއީ އަމިއްލައަށް ކައްކައި ކެއުންގަނޑުގަނޑު ހަދައިގެން ވެސް ކަނީ! އެއަކު ނޯވޭ އިރާކޮޅެއް ދަންވަރެއް މެންދަމެއް ފަތިހެއް ވެސް... ދެން ހަމަ މަޖާކޮށްކޮށްފައި ކަނީ... ބުނޭ ދެއްތޯ، މަޖަލަށް ކުރާ ކަންކަން އަޖަލާ ޖެހެން ދެން ދެމިހުރެއޭ، ގާތްގަނޑަކަށް އެހެންވެފައި ހުރީ،"
ހަމީދުގެ ހުނަރާއި ކުޅަދާނަ ކަމުގެ ވާހަކަ އަމިއްލައަށް މިން އަޅައި ވަޑިފަތި ކުރަން ބާއްވާށެވެ. ކޭކޭނުން ހަމީދަށް އައި ބަދަލުގެ ވާހަކަ މިންކޮށްލުން މާ ރަނގަޅެވެ. ސަބަބަކީ ސުމާރެއް ނެތި ފަލަވަމުން ދިއުމުގެ ސަބަބުން ހުދު ބެޑްޝީޓް މަތީގައި އޮށޯންނާން އޭނާއަށް ޖެހުމާއި ތެދުވެ ހަލުއިކޮށް ދުއްވައިގަންނާން އޭނާ ފެށި މަސައްކަތުގެ ބޮޑު ކަމުންނެވެ.
ހަމީދު ބުނާ ގޮތުގައި ކުއްލިއަކަށް އޭނާ ގުޅިއެއްހާ ފަލަވާން ފެށީ 2012 ވަނަ އަހަރު ވީޓީވީގެ ވީއެފްއެމުން ގެނެސްދޭން ފެށި "ސުވާސްތީ" ޕްރޮގްރާމްގެ ތެރެއަށް ރަށްރަށުން ފޮނުވާން ފެށި މާލާފާތްތަކުގެ ދަށުގައި އިނދެ ކޮންމެ ރެއަކު ކާން ފެށި ހިސާބުންނެވެ.
"އެ ޕްރޮގްރާމް ރިކޯޑް ކުރަނީ ދަންވަރު، ޕްރޮގްރާމަށް ރަށްރަށުން މަލާފަތްތަކާއި ހަދިޔާ ފޮށިގަނޑުގަނޑާއި ދަޅު ޑަބިޔާތައް އާދޭ، އިތުރަށް އަޅުގަނޑުމެން އަމިއްލައަށް ވެސް ކެއުން ތައްޔާތު ކުރަން... ދެން ހަމަ ކެއުން އޮންނާނީ، ދަންވަރުން 1:00 ފެށިގެން ކެއުން އޮންނާނީ. މިކަން ފަށައިގަތް ބޭފުޅަކީ ތިޔަ ބޭފުޅުންގެ ޗީފް އެޑިޓަރު އަދި އޭރު އަޅުގަނޑުމެންގެ ވީއޮންލައިންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް. އޭނާއަކީ ވަރަށް އާދަޔާހިލާފު ސަކާރާތެއް ޖެހުމާއެކު ކެއުމުގެ ވަރަށް ބޮޑު ބޭފުޅެއް، ދެންވެސް އޮންނާނެ ޖަމާއަތެއް އޭގެ ތެރޭގައި އަހުމަދު ރަމީޒް (އަންދު) ތޮއްޑޫ އާދަމް ނަސީރު، ޖާދުﷲ ދެން އަޅުގަނޑު. މި ފަސް މީހުން ވެގެން ހޭވައްޓާލާފައި ކާނީ. އެ ކާން ފެށުނު ފެށުން މިހާ ބޮޑު ކަމަކަށްވީ. [ހީނގެންފައި] މީގައި ދެރަކަމަކަށްވީ އެމީހުން ތިބީ ތިބި ގޮތަށް، ދުޅަވާގޮތްވީ އަޅުގަނޑު ފަކީރު،" ހަމީދު ބުންޏެވެ.
ސުވާސްތީގެ ރިކޯޑިން ނިންމާފައި އެހާ ގަދައަށް "މަޅާލައިގެން" އަދި ފުއްދައެއް ނުލެވެ އެވެ. ބިސްކޯދު ޑަބިޔަލެއްގެ ވަށާލައިގެން ތިބެ ކޮންމެ ދުވަހަކުން ބިސްކޯދު ޑަބިޔަލެއް ހުސް ކުރަނީ އެވެ. އަދި ކޮންމެ ރެއަކު ފަތިސް ނަމާދަށްފަހު ހޮޓަލަށް އަރައި ރޮއްޓާ ރިހަޔާ މޮޑެގެން ދެ ބިހުގެ ބިސްގަނޑެއް ވެސް ދިރުވައިލެވެ އެވެ. އަނެއްކާ ހެނދުނު ވެސް އެންމެން އެކުގައި ޅިސް ޖެހެންދެން ސައި ބޮނީ އެވެ.
ހަމީދު ކިޔައިދިން ގޮތުގައި އެ ކާން ފެށުނު ގޮތަށް ދެން ހުއްޓައި ނުލެވުނީ އެވެ. ޗުއްޓީގައި ވެސް އަމިއްލައަށް ކައްކައިގެން ކަނީ އެވެ. ކައްކަނީ ނޫޑްލްސްކޮޅެއް ރޯފިލުވާލާ ގޮތަކަށް ނޫނެވެ. އުތުރުގެ ރަށެއްގެ މީހުން އެއްފަހަރާ ބޮޑު ކޭމަކަށް ތައްޔާރު ކުރާނީ ވެސް އެވަރަށެވެ. އަދި އެއީ ކޮންމެ ރެއަކު އިރާކޮޅު ގެއެއްގައި ދެންވަރު ގެއެއްގައި މެންދަމު ގެއެއްގަ އެވެ.
"ދެން ވާން ފެށި ގޮތަކީ ރައްޓެހިން މީރުކޮށް ކައްކައި ބޮޑު ކޭމެއްހެން ހަދާފައި ދައުވަތު ދެނީ. އަޅުގަނޑުވެސް ކަނީ، މީރުވީމަ އާއި ކާ ހިތްވާތީ ކަނީ. ރޯހަމެއް ފަޅައިގެނެއް ނުދާނެއެއްނު!"
ކާން ފެށި ގޮތަށް އެއްވެސް ބެލުމެއް ނެތި އެކަމުގައި ހަމީދު ދިޔައީ ކުރިއަށެވެ. ތަފާތު ގޮންޖެހުންތަކާއި ތަފާތު ހާދިސާތަކާ ދިމާވި ނަމަވެސް ހަށިގަނޑަށް ބަލާލަން އެއްވެސް ވަރަކަށް ހިޔާލަކަށް ނާދެ އެވެ. މާބޮޑަށް ފަލަވުމުގެ ސަބަބުން ހަމީދަށް ބައެއް ކަންކަން އަތުން ދޫކޮށްލަން ވެސް ޖެހިފައިވެ އެވެ. ބޮޑެތި ހަފުލާތައް ހޯސްޓް ކުރަން ހަމީދަށް ނުހަނު ގިނައިން ފުރުސަތު ލިބުނަސް އެ މީހުންދޭ ކޯޓު ގަޔަށް ނުވަދެގެން ޖެހެނީ ދޫކޮށްލާށެވެ. އެހެންވެ އޭނާ ވެފައިހުރީ ހަފުލާތަކަށް އަޑު އަޅައިދޭ މީހާއަށެވެ.
ފަލަވެގެން ދިޔަ ނަމަވެސް ހަމީދަކީ ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ ނޫސްވެރިއެކެވެ. ރޭގަނޑު އެކަށްހެން ގާތްގަނޑަކަށް އުޅެނީ ހޭލަ އެވެ. ދުވާލު ނިދާލަނީ ވަރަށް ކުޑަ އިރުކޮޅަކަށެވެ. އެނޫން ހުރިހާ ވަގުތެއް ކެއުމެއްގައި ނޫނީ ވިއްުޔާ ހަމީދު އިންނަނީ މަސައްްކަތުގަ އެވެ. ހަމީދު ގަޑިއެއް ވެސް ނުޖެހޭނެ އެވެ.
މިކަން ފަށައިގަތް ބޭފުޅަކީ މުންޑޫ އާދަމް ހަލީމް. އޭނާއަކީ ވަރަށް އާދަޔާހިލާފު ސަކާރާތެއް ޖެހުމާއެކު ކެއުމުގެ ވަރަށް ބޮޑު ބޭފުޅެއް، ދެންވެސް އޮންނާނެ ޖަމާއަތެއް... ހޭވައްޓާލާފައި ކާނީ. އެ ކާން ފެށުނު ފެށުން މިހާ ބޮޑު ކަމަކަށްވީ. މީގައި ދެރަކަމަކަށްވީ އެ ބޭފުޅުން ތިއްބެވީ ތިއްބެވި ގޮތަށް، ދުޅަވާގޮތްވީ އަޅުގަނޑު ފަކީރު،ޓީވީ ޕްރެޒެންޓަރު | އަހުމަދު ހަމީދު އާދަމް
"އަޅުގަނޑު ފަލަޔަސް ގަޑީގެ ކައްޓަށް ވުރެ ބާރަށް ހިނގަން، ކައްޓާ އެއްވަރަށް ނުދެވުނު ދުވަހަކު ވަރަށް ބޮނޑިއެއް ވެސް ލިބުނު އެ ބޮނޑި ލައްވައިލީ ތިޔަބޭފުޅުންގެ އެޑިޓަރަށް، އެ ދުވަހު ދިމާވި ގޮތަކީ ވީޓީވީގެ ވެރިޔާ [ގާސިމް އިބްރާހިމް] ކުއްލި ގޮތަކަށް ޓީވީ މެދުވެރި ކުރައްވާ މެސެޖެއް ދެއްވަން ވަޑައިގެންނެވީ. އޭރު މުންޑޫ ނޫން ވެރިއަކު ނޫޅުއްވާ، އެހެންވެ ގާސިމް ވަޑައިގެން ޓީވީއަށް އަރުއްވަން ވިދާޅުވެފައި ސެޓަށް އަރައި ވަޑައިގެންނެވީ، ދެން މުންޑޫ އުޅުއްވީ އަޅުގަނޑު ގެނެވޭތޯ، އެހާދުރުން އަޅުގަނޑު ދުވެފައި ކަލަހަ ގޮތަކަށް އައިސް ސްޓޫޑިއޯ ދޮރުމައްޗަށް އެރި އިރު އެހެން ހުރިހާ ވެރިންވެސް ވަޑައިގެންފި ގާސިމް ހެއްދެވި ގޮތަކީ މުންޑޫގެ އަތުގައި ހިފައި ދަމައިގެންފައި އަޅުގަނޑު އިންނަންޖެހޭ ގޮނޑީގައި ބޭންދީ! ވިދާޅުވަނީ 'ތިޔަ ހަމީދެއް ނައެއް ނޫންހޭ މުންޑޫ ފަށާށޭ'. އެފަކީރަށް ނޭނުގުނު ވީގޮތެއްވެސް ކިޔުނު އެއްޗެއްވެސް،"
ފަލައިގެ ސަބަބުން ހަމީދު ވަރަށް ގިނަ ތަޖުރިބާ ކުރި އެވެ. އޭގެ އެއް ވާހަކައެކެވެ؛ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ޓީވީ ސްޓޭޝަންތަކުން ހިންގި ޓެލެތޯންގައި ވެސް އެފަކީރު ހާލެއްގައި އުޅެން ޖެހުނެވެ. އެ ޓެލެތޯންގައި އެންމެ ގިނަ ސްލޮޓް ލިބުނީ ހަމީދަށާއި ހީނާ ވަލީދަށެވެ. ތެލެތޯން ފެށުމުގެ ރަސްމިއްޔާތު ހޯސްޓް ކުރަން ވެސް ހަމީދަށް ލިބުނެވެ. ނަމަވެސް އެކަމަށް އޭނާގެ ހަށިގަނޑު ހުރަސްއެޅީ އެވެ. އެންމެންނަށް އެކްސްއެލް ޓީޝާޓް ހޯދިިއިރު ހަމީދަށް ހޯދަން ޖެހުނީ ޓްރިޕަލް އެކްސްއެލް ޓީޝާޓެކެވެ. އޭގެ ފުރަތަމަ ގަންޖުފަރާސް ލާން އުޅެ ބަދަނުން އިރައިގެން ދިޔައީ އެވެ. ފެށުމުގެ ރަސްމިއްޔާތަށް އޭގެ ދެ ވަނަ ޓީޝާޓް ހަމީދުގެ ހަށިގަނޑަށް ހެޔޮވަރު ކުރެވޭތޯ މަސައްކަތް ކުރެއްވީ އިބްރާހިމް ހަލީލާއި މުހައްމަދު އާސިފް، މޮންދުއާ އާއި ހިރިގާ އަހުމަދު ޒާހިރާއި އިބްރާހިމް އުމަރު މަނިކު އެކުވެގެނެވެ. އެ ހުރިހާ ބޭފުޅުން އެޓީޝާޓް ހެޔޮވަރުވާ ވަރަށް ބޮޑު ކުރާން ދަމައިގަނެ، ހިފި ހިފީނުން ފަޅައިގެން ދިޔައީ އެވެ. ވަރަށް ހާލުން އެ ޓީޝާޓް ކަރުވަޅުން ފެއްތި އެވެ. އެކަމަކު ނޭވާއެއް ލެވޭ ގޮތް ނުވުމުން އެ ހަފުލާގައި ބައިވެރިވީ ކަރުން މަތި ދައްކާ ގޮތަށް އެކަންޏެވެ. އެ ދުވަހު ހީނލެވުނަސް އެއީ ހަމީދަށް އުފާވެރި ތަޖުރިބާއެއް ނޫނެވެ. އެއީ ލަދު ގަތް ދުވަހެކެވެ.
ހަމީދަކީ ވަރަށް ގިނަ ޕްރޮގްރާމާއި ޝޯ ހުށަހަޅައިދޭ، އަދި ހަބަރު ކިޔާ ނޫސްވެރިއެކެވެ. އެތައް ބަޔަކާ ކޮންމެ ދުވަހަކު ބައްދަލު ކުރެ އެވެ. ފަހަކަށް އައިސް އޭނާގެ "މެހުމާން ސަރާ" އަކީ ވަރަށް ފާހަކޮށްލެވޭ ޝޯއެކެވެ. ހަމީދު ބުނި ގޮތުގައި އެ ޝޯގެ ރިކޯޑިން ހިނގާއިރު ފަލަކަމުން ހީނ ހީނ ހަލާކުވާވަރުގެ ކަންކަމާއި ލަދުގަނެގެން ގޮސް އަވަދިވާވަރުގެ ވަގުތުކޮޅުތައް އައިސްފައި ވެއްޖެ އެވެ.
"މެހެމާންސާރާގެ ޝޯއެއް ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއެކު ނެގިން، އެ ޝޯ ނަގަމުންދިޔައިރު ދެ ފަހަރެއްގެ މަތިން ރައީސް މައުމޫން ވިދާޅުވި، 'ހަމީދުގެ ބަނޑު އެބަފެނެއޭ' އެ ހިސާބުން އަޅުގަނޑަށް ވިސްނެން ފެށި މިއީ ވަރަށް ގޯސް ކަމެއްތާއޭ، އަމުދުން ޕްރެޒެންޓަރެއް އެހާ ފަލަކޮށް ހުރުމަކީ ރަނގަޅު ކަމެއް ނޫނޭ، ރައީސް މައުމޫން ޕްރޮގްރާމެއްގެ ތެރޭގަ އިންނަވާފައި އަޅުގަނޑުގެ ބަނޑު ފެންނަ ވާހަކަ ވިދާޅުވެ، ރިކޯޑިން ހުއްޓާލައި ބަނޑު ފޮރުވަން ޖެހޭ ހިސާބަށް ދިޔައީމަ އެއީ ދެން ރަނގަޅެއް ނޫންތާ،" ހަމީދު ހީނގަތެވެ.
އުމުރުން އަދި 28 އަހަރުގެ ހަމީދު ހިކޭތޯ ރާއްޖޭގެ ވަރަށް ގިނަ އިސް ބޭފުޅުން އޭނާއަށް ނަސޭހަތް ދެއްވަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި ރާއްޖޭގެ ފަހުގެ ތާރީހުތަކުގައި ވަޒީރުކަން ކުރެއްވި ގާތްގަނޑަކަށް ހުރިހާ ބޭފުޅުންނާއި ދުނިޔޭގައި ތިއްބެވި އަނެއް ތިން ރައީސުން ވެސް އެކަމަށް އެދި ވަޑައިގަތެވެ. އަދި ކުރީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އޭނާ އިސް ނަންގަވައިގެން ފުލުހުންގެ ޖިމަށް ވެސް ހަމީދު ގެންދެވި އެވެ. އެކަމަކު ދެވުނީ ދެތިން ދުވަހަށެވެ. ދެން ދާހިތެއް ނުވި އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އޭނާއާއެކު ދުވަން ހަމީދަށް ދައުވަތު ދެއްވި އެވެ.
"އެހެން ނަސޭހަތް ދެއްވާފައި ފުރަގަސް ދެއްވީމާ އަޅުގަނޑު ގޮސް ގަދައަށް ކާލަނީ، އަދި ޖިމަށް ގެންދިޔަސް އަޅުގަނޑު ފިލަނީ. އަޅުގަނޑަށް ރަނގަޅުވީ މީރުކޮށް ކައިގެން ގަދައަށް މަސައްކަތް ކުރުން... އެންމެ ފަހުން ކަމުން ކަމުން، ފަލަވަމުން ފަލަވަމުން ގޮސް ފާލުން ނެއްޓީ، ދެން ކުއްލިއަކަށް ބަލިވާން ފެށީ، އޭގެ ތެރެއަށް ދެން ވަނީ ހަމުގެ ބައްޔެއް، ދެން ޖެހުނީ ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްވެ އަގު ބޮޑު ފަރުވާތަކެއް ހޯދަން. އެކަން ލައިގަތީ ހަމަ ކުއްލިއަކަށް،" ހަމީދު ބުންޏެވެ. "ފަލަވުމުގެ ބުރައަށްވުރެ އުފުލަން ޖެހުނު އެހެން ވޭނެއްގެ އަސަރު މާ ބޮޑުވީ. ދެން ހަމުގެ ބައްޔާ ހަނގުރާމަ ކުރީ. އެ ވޭނުން ވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު ލިބުނީ އެނދުމަތީން،"
ހަމީދުގެ ހަށިގަނޑަށް ބަދަލު ގެންނަން ވެއްޖެކަން އޭނާގެ ނަފުސަށް ވިސްނައިދިން ބަލި އެނދަކީ އޭނާގެ ހަނދާނުން ފިލާނެ އެނދެނެއް ނޫނެވެ. އެ އެނދުގައި ފަލަ، ގުޅި ހަށިގަނޑު ފުށުން ޖަހަން އުޅުނު ހާލަކީ އޭނާގެ ވިސްނުން ވެސް އަނެއް ފުށަށް ފުރޮޅައިލި ސަބަބެވެ. ހަމީދު ބުރަ މަސައްކަތް ފެށޭ ހިސާބަކީ މިއީ އެވެ. އެއީއަކީ އޭނާ ފަލަވެގެން ބަޔަކު ދިމާ ކުރާތީ ނޫނީ މީހަކު އެއްޗެއް ކިޔައިގެނެއް ނޫނެވެ. ފަލަވުމުން ދިރިއުޅެން އުނދަގޫވާތީ އެވެ. އޭނާ ހުއްޓާ ނުލައި ލޯބި ކުރަމުން އައި ޕްރެޒެންޓް ކުރުމުގެ އިސްކިރީނުން އޭނާ ގެއްލޭ ގޮތްވާތީ އެވެ. ފަސޭހައިން ކުރެވޭ ކަންކަމުގައި ދަތިތައް އުފުލަންޖެހޭތީ އާއި މާ ފަލަވުމަކީ ގޯހެއްކަން ވިސްނިގެނެވެ.
"މީގެ ތެރެއިން އުފަންވެގެން އައީ ވަރަށް ވޭން ހުރި ބައްޔެއް، ފޫޅުން މަތި އެއްކޮށް ފާރުވީ، ވަރަށް އުނދަގޫ އެހާ ބިޔަކޮށް ހުރީމަ، ބޭސް އުނގުޅުން ފަދަ ކަންކަމަށް ވެސް، އެހާ ހިސާބުން ވިސްނުނީ އަސްލު މިއީ މީހުން ރީއްޗަކަށް ހިކިގެން ތިބުމަށްވުރެ ވިސްނަންޖެހޭ ކަމެކޭ، ފަލަވީމަ ކޮންމެހެން ނުޖެހޭ މަލާމަތް ކުރާކަށް، އެކަމަކު ފަލަ މީހުން ކައިރީގަ ބުނަން އެބަޖެހޭ ހިކެން، ކަމެއް ދިމާވެއްޖެނަމަ ހާއްސަކޮށް ބައްޔެއް ވެއްޖެނަމަ ވަރަށް އުނދަގޫވާނޭ،" ހަމީދު ބުންޏެވެ.
ބަލި އެނދުގައި ވޭން އުފުލަންޖެހުނުއިރު ނަމާދުކުރަން ވެސް ވަރަށް ދައްޗެވެ، ޒުވާން ހަމީދު ނަމާދު ކުރަން ޖެހެނީ ގޮނޑިއެއްގައި އިށީނާށެވެ. ގުދުވެ ސަޖިދަށް ނުދެވެ އެވެ. އެހާ ހިސާބުން ހަމީދުގެ ވިސްނުމަށް ބަދަލު އައެވެ.
"އަޅުގަނޑު ކަހަލަ 28 އަހަރުގެ ޒުވާނަކު މާތްﷲ ކިބަޔަށް ސަޖިދަ ކުރަން ދަތިވާ ވަރަށް ފަލަވީމާ އެ ދެން ވަރަށް ގޯސްވީ ނޫންތޯ؟ އޭގެ ސަބުން އަޅުގަނޑަށް ވަރަށް އަސަރު ކުރި،"
މިދިއަ ދުވަސްތަކުގައި އެތައް ފަހަރަކު ހަމީދު ބަލިވެ ހާލު ސީރިއައްވި އެވެ. ބަލިވެގެން މި އަހަރުގެ ކުރީކޮޅު ހަމީދު ސްރީ ލަންކާއަށް ދިޔައީ ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) އާއެކު އެވެ. ހަތަރު ފަސް ދުވަސްވަންދެން ހަމީދު އެޑިމިޓްކޮށްފައި ބޭއްވިއިރު މޮންދު އާއި އާއިލާ ވެސް އުޅުއްވީ ހޮސްޕިޓަލްގަ އެވެ. ހޮސްޕިޓަލުގައި ހަމީދު ވަރަށް ލަދު ގަންނަ ކަމަކާވެސް ދިމާވި އެވެ. އެއީ މޮންދުގެ ދެމަފިރިން ކުރިމަތީގައި ދެވަނަ ހަން ނިއުޅައިލާން ޖެހެނީ އެވެ.
"އަޅުގަނޑުގެ ހަށިގަނޑި އެގޮތަށް ފާޅުވުުން އަޅުގަނޑު ވަރަށް ލަދުގަތް! މޮންދުގެ ވައިފަށް އެކަން ވިސްނިގެން ދުރުގައި އޮތް ފެންގަނޑެއް މޮންދުއަށް ދައްކާފައި އައްސަވަނީ އެތާނގައި މަސް އުޅޭނެދޯއޭ!" ހަމީދު ކިޔައިދިނެވެ.
ވަރަށް ގިނަ ވަގުތު މޮންދު ހަމީދުއާއެކު ހޭދަކުރެއްވި އެވެ. އެހެން ވަގުތު ހޭދަކުރައްވާއިރު މޮންދު އަބަދުވެސް ދެއްވި ނަސޭހަތަކީ "ހިނގާށޭ މިފަހަރު މިކަން ކުރަން" އެވެ. ހަމައެކަނި ހިތްވަރާއި ނަސޭހަތް ދެއްވާދައު މޮންދު އަތް ތިރިކޮށްލެވީ ނޫނެވެ. ހަމީދަށް ދުވަން ދެވޭނެ ކިޓެއް ސޮނީ ސްޕޯޓްސްއިން ގަނެ ދެއްވީ އެވެ. މީގެ އިތުރުން ޑރ. ފަރުޒީން ނާސިރަކީ ހަމީދުގެ ހަމުގެ ޑޮކްޓަރެވެ. ބަލިން އަރައި ގަނެ ހިކެން ހިތްވަރު ދިން މުހިން އެއް ބޭފުޅަކަށް ފަރްޒީން ވެވަޑައިގަތެވެ.
މޮންދުގެ އެހީގައި އެކުވެރި ދެ ރައްޓެހިންނާއެކު ފުރަތަމަ ހަމީދު ޓްރެކަށް ދުވަން ދާން ފެށި އެވެ. އެއީ ޖަނަވަރީ މަހުގެ ތެެރޭގަ އެވެ. ހަމައެކަނި ދުވެގެން ހަމީދު 13 ކިލޯ ދުއްވާލި އެވެ. ވަރަށް ބޮޑު ވަރެކެވެ. މިފަހަރު އޭނާ ހުރީ ނުގުޑާފަދަ އަޒުމެއްގައި ކަމުން ދެން ދާން ފެށީ ޖިމަށެވެ. އޭނާގެ ޓްރެއިނާ ގިޔާސްގެ އެހީގައި ޖިމުގައި ދާ އޮހޮރުވާތާ މިހާރު ހަތަރު ހަފުތާވީ އެވެ. މި މަސައްކަތުން ހަމީދު ހަފުތާއަކު ކިލޯއެއް ވިރުވާލައިފި އެވެ. މި ބަދަލު ގެނައީ ހަމައެކަނި ޖިމަކުން ނޫނެވެ. ކެއުމަށް ވެސް ހަމީދު އިންގިލާބީ ބަދަލެއް ގެނަ އެވެ.
"ކުރީގައި ވިއްުޔާ އަބަދުވެސް ކެއުމުގަ އުޅެވޭނީ. ނިއުސްރޫމްގަ ވެސް އަބަދުވެސް ކެއުން އޮންނާނީ، ބޭރުން އެއްޗެހި ގެނެސްގެން ވެސް، ތަންތަނަށް ގޮސްގެން ވެސް ދުވާލަކު އަށެއްކަ ފަހަރު ކާނެ، މިހާރު އެހެން އޮފީހުގަ އޮންނަ ކެއުންތަކުގައި ވެސް ބައިވެރިއެއް ނުވަން، އޮފީސް ކުދިންނާއެކު ބޭރަށް ކާން، ސައި ބޯން ވެސް މިހާރު ނުދަން... މިހާރު ދެން މީރުކޮށް އެހެން ކައެއް ނޫޅެން. މިހައިރު ބަލައިލަނީ ކާތަކެތީގެ މީރުވަސް،!" ހަމީދު ބުންޏެވެ.
އެހެން ބުންޏަސް ނުކައި ހުންނަން ހަމީދަށް ފުރަތަމަވީ ބޮޑު ވޭނަކަށެވެ. އަބަދުމެ ބަނޑުހައިވަނީ އެވެ. މިރު އެއްޗެހީގެ ވަސް ދުވައި ކުޅުދިޔައި ވަނީ އެވެ. މިހާރު ނުވާނީ ކީއްވެ ހެއްޔެވެ؟ ކުރިން އޭނާގެ ކެއުމުގެ ޝެޑިއުލްގެ ހަމައެކަނި ރޭގަނޑަށް ބަލާލިޔަސް ތިން ހަތަރު ފަހަރު ބޮޑު ކޮއްތު ކައެވެ. ހަބަރަށް ހެޑްލައިން ރިކޯޑްކުރުމަށް ހޮޓަލަށް ވަދެ ކައެވެ. ހަބަރު ނިންމާފަ އަނެއްކާވެސް ބަނޑު ފުރާލަ އެވެ. އޮފީސް ނިންމާފައި ގެއަށް ގޮސް ނިދަނީ ވެސް ގޭގައި ހުރި ތެއްޔެއް ހުސްކޮށްލައިގެނެވެ. އެހާ ބޮޑު ކެއުމެއް ކުޑަކޮށްލުމުން މަހެއްހާ ދުވަހަކު އަބަދު ބަނޑުހައިވާތީ ހަމީދަށް އުޅެން ޖެހުނެވެ. ނަމަވެސް މިހާރު ނުކައި ހުރުން އެއީ އޭނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. މިހާރު އޭނާ ގަބޫލުކުރާ ގޮތުގައި އަބަދު ބަނޑު ފުރައިގެން ހުރުމަކީ ރަނގަޅު ކަމެއް ވެސް ނޫނެވެ.
"ފްލައިޓަކަށް އެރިޔަސް ވަރަށް ހާލުގަ އުޅެން ޖެހެނީ، ޝީޓް ބެލެޓެއް ނޭޅޭ، ޓްރޭ ތިރިކޮށްފިއްޔާ ބަނޑުގަ ޖެހޭނެ، އޭރާއި މިހާރާ ވަރަށް ބޮޑު ތަފާތު ފެނޭ، ވަރަށް ފަސޭހަތައްވޭ، ކުރީގަ އެއްވެސް ވަރަކަށް ނުވިސްނަން މިކަމަކާ،" އައި ބަދަލު ހަމީދު ހިއްސާކުރެއްވި އެވެ.
މޮންދުގެ އިތުރުން ވެސް މިކަމުގައި އެހެން ބައެއް ބޭފުޅުން ވެސް އޭނާގެ ބުރަކަށީގައި ފިރުމަ އެވެ. އެގޮތުން އިންސްޓްރަކްޓަރެއް ކަމަށްވާ ނާހިދާ އަލީ، (ނާހި) ހިތްވަރު ފަށެއް ދެއެވެ.
"މީގެ އިތުރަށް ކޮންމެ ދުވަހަކު ދުވެ ކަސްރަތުކޮށްފައި އަޅުގަނޑަށް ފޮޓޯއެއް ފޮނުވާ ބޭފުޅަކު ވެސް އުޅޭ. އެ ފޮޓޯ ފޮނުވަނީ އަޅުގަނޑާއެކު ސުވާސްތީގެ ބައިވެރިޔާ، މިހާރު އަވަސްގެ ޗީފް އެޑިޓާ މުންޑޫ އާދަމް ހަލީމު. ފޮނުވަނީ ގޭގައި މުންޑޫ ކަސްރަތުކުރައްވާ ފޮޓޯތައް. އެއީ އަދި މާ މޮޅަށް ދުވެ ކަސްރަތު ކުރައްވާ ބޭފުޅެއް. 16 ފޫޓް ކޮޓަރިއެއްގައި ހުސްފައިގައި ކަނުނުން ކަނަށް ކޮންމެ ދުވަހަކު އެކަނިމާއެކަނި 40 މިނެޓް ދުވެފައި ޔޫޓިއުބު ބަލައިގެން ކަސްރަތު ކުރައްވަނީ. ދުވަހަކު ނުހިކުނަސް މަށަކަށް އެކަމެއް ނުވާނެ. އަނެއްކާ މި ކެއުމުގެ ބޮނޑި މަށަށް ދިނީ ވެސް އޭނާ! ... ދެން އެހީތެރިންގެ ލިސްޓަށް އިތުރު ވަނީ ޑރ. ހަސަން ސައީދާއި މާރިއާ ދީދީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ދެކަނބަލުން، ރިޔާޒް ރަޝީދުގެ ދެކަނބަލުންނާއި ޝީލާއި މަނިކާ އެކުވެރި ރަމްލާ، ޔޫސޭ އާއި ޝަކީލާ ދެން އަޅުގަނޑުގެ ދޮންތަ. މިއީ ހާލަތު ބަދަލު ކޮށްލަން ތެދުވި މީހުން. އެ އެންމެނަށްމެ އޮތީ ޝުކުރު"
ބޮޑުކޮށްލަން ފަހަށް މި ބޭއްވީ ހަމީދުގެ މަންމަގެ ނަމެވެ. ހަމީދު މަންމަގެ މަސައްކަތަކީ އޭނާއަށް ވީހާވެސް މަދުން ކާން ދެވޭތޯ ހިތްވަރެއް ކުރުމެވެ. ކޮންމެ ޑިސެމްބަރަކު ރަށަށް ދިޔުމުން އެހެން ދަރިންނާ ހިލާފަށް ހަމީދަށް ކާން ދެނީ ވަކި މިނެއްގައި ވަކިން ތައްޓަށް އަޅައި ވަރަށް ލިމިޓްކޮށްފަ އެވެ. މަންމަގެ އެ ވަރުގަދަ ފިޔަވަޅަކީ ކެއުން ކޮންޓްރޯލްކުރަން ހަމީދަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މަންމަގެ އިތުރަށް އޭނާ ވަރަށް ލޯބިވާ ތިއްތައަކީ ވެސް ހިތްވަރެކެވެ.
"ހަމައެހެން އެންމެ ގާތް އެކުވެރިން ކަމަށްވާ ސުވޭ، އާސިމާ، އާސިޔާ، ވިޝްމީ، ރަމްލާ އަދި ލައްޗޭއަކީ ވެސް ދެން ގަދަ ބައެއް،"
ހަމީދުގެ މިހާރުގެ އަމާޒަކީ ކައްޓާއަށް އެރުމުން އެއަށްވެސް ވާނުވާ ނޯޅި ތިން އަކުރުގެ ބަދަލުގައި ދެ އަކުރު ޖަހައިލުމެވެ. ޖިމް އިންސްޓްރަކްޓަރާއެކު އޭނާ މަސައްކަތް ކުރަނީ އެ އަމާޒަށެވެ. ހަމީދުގެ ފޭސްބުކް ބުނާ ގޮތުން މިއަހަރު ނިމޭއިރު ރީތި ނަލަ ހަށިގަނޑެއް ހަމީދަށް ލިބޭނެ އެވެ. އޭރަށް ހުންނާނީ އުމުރުން 18 ވަރަކަށް އަހަރުގައި ދިވެހި ރާއްޖޭގެ އަޑުގެ ވަށައި ވަޒީފާއެއް ލިބޭތޯ "ތޮވާފު" ކުރި ހަމީދަށް ބަދަލުވެފައެވެ.
"މިދެން އެއްވެސް ކަމެއް ނޫނޭ، މީ ހަމަ ސިންޕަލް ކަމެއް އެންމެން ބަލަން ތިއްބާ މި ހިއްކާލަނީ!" އޭނާ ހީނގަތެވެ.