ހަބަރު

ރާއްޖެ ޓީވީގެ އާމިރު އާއި ވިޝާމްގެ މައްޗަށް ހެކި ނެތިގެން މައްސަލަ ފައިލްކޮށްފި

May 24, 2018
2

ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުންނަށް ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު އިންޒާރުދޭ ވީޑިއޯއެއް ތައްޔާރު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރާއްޖެޓީވީ ޕްރޮގްރާމް ހެޑް އާމިރު ސަލީމާއި ނޫސްވެރިޔާ މުހައްމަދު ވިޝާމްގެ މައްޗަށް އެ މައްސަލައިގައި ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން އެ މައްސަލަ ފައިލް ކުރުމަށް ފަހު ވިޝާމް އާއި އާމިރުއަށް އިއްޔެގެ ވަގުތެއްގައި ވަކިވަކިން ދިން، "މައްސަލަ ނިންމި ގޮތުގައި ލިޔުމު"ގައި ބުނެފައި ވަނީ އިންޓަނެޓްގެ ޒަރިއްޔާއިން ބިރުދެއްކި ކަމަށް އެދެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ތަހުގީގު ކުރިއިރު، އެކަށީގެންވާ ހެކި ނެތުމުން އިތުރު މައުލޫމާތު ލިބިއްޖެ ނަމަ މައްސަލަ އިތުރަށް ކުރިއަށް ގެންދާ ގޮތަށް އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.

އެސްއޯ ފުލުހުންގެތަކެއް ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް އިންޓަނެޓްގެ އާންމުކުރުމާ އެކު އެ ވީޑިއޯ ތައްޔާރުކުރި ކަމުގެ ތުހުމަތުގައި ވިޝާމް އާއި އާމިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މާޗް، 16، 2018 ގަ އެވެ. އެ މީހުން ހައްޔަރު ކުރީ ރާއްޖެ ޓީވީގެ ހެޑް އޮފީސް ކައިރީގައި އެ މީހުން ތިއްބަ އެވެ. އަދި އެ މީހުން ފަސް ދުވަސް ވަންދެން ބަންދުގައި ވެސް ބޭއްތިއްބި އެވެ. އެހެން ނަމަވެސް އެ މުއްދަތަށް ފަހު ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ހެކި ނެތިގެން އެ ދެ މީހުން ވަނީ މާޗް 16 ވަނަ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.

ތަހުގީގަށް ހިފެހެއްޓި އެދެމީހުންގެ ފޯން ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ އެދެބޭފުޅުންނަށް އަނބުރާ ދީފަ އެވެ. އެދެ މުވައްޒަފުން ހައްޔަރު ކުރުމާ ގުޅިގެން ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އެދެބޭފުޅުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އެ މީހުން މަސައްކަތް ކުރާ ރާއްޖެ ޓީވީ އިން ބުނެފައި ވަނީ އެކަން ކުރީ އެ ސްޓޭޝަނަށް ދަތި ކުރުމަށް ކަމަށާއި އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުގައި އަސްލެއް ނެތް ކަމަށެވެ.