މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންއަށް އަނިޔާ ލިބިފައިވާ ގޮތާއި އެ އަނިޔާތައް ކުރި ފުލުހަކީ ކާކުން ނޭނގޭތީވެ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މައްސަލަ ނިންމާލައިފި އެވެ.
ހުސެއިން ހައްޔަރުކޮށްފައިވަނީ މަޖީދީމަގާއި ޗާންދަނީމަގާއި ގުޅުނު ސަރަހައްދުގައި މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މުޒާހަރާ ކުރަމުން ދަނިކޮށް އެ ސަރަހައްދު ކަވަރު ކުރަމުގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
އެޗްއާރްސީއެމުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ފެބްރުއަރީ 16 ވަނަ ދުވަހުގެރޭ ހުސެއިން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށާއި ގަދަ ބާރުގެ ބޭނުން ކޮށްގެން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުސެއިން ހައްޔަރު ކުރި ފުލުހުން ބުނީ ޕެޕާ ސްޕްރޭ ބޭނުން ކޮށްފައި ނުވާ ކަމަށާއި އޭނާ ނުކިޔަމަންތެރިވެފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ބަޔާނުގައި ފުށުއެރުންތަކެއްހުރި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި ވަނީ، ގަލޮޅު ވިލީ ފުލުސް ސްޓޭޝަނަށް ހުސެއިން ގެންދިޔަ ފުލުހުން ބަޔާނުގައިވަނީ އޭނާ ވެހިކަލްއަށް އަރުވައިގެން ގެންދިޔައީ ރުހުމުގައި ކަމަށާއި ވެހިކަލް ތެރޭގައި އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ނަމަވެސް ވެހިކަލުން ފޭބުމަށް ހުސެއިން އަށް އެންގުމުން އެކަމާ ދެކޮޅު ހަދައި ނުކިޔަމަންތެރިވުމުގެ ސަބަބުން ފުލުހުން މީހުން ގެންދިއުމުގައި ބޭނުންކުރާ އުކުޅުތައް ބޭނުންކޮށްގެން ގަދަބާރުން ބާލާފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފި އެވެ.
އެޗްއާރްސީއެމުން ބުނީ، ހުސެއިން ވިލީ ސްޓޭޝަނަށް ގެންދިޔަ ފުލުހުން ވެހިކަލުން ބޭލުމުގައިި އަމަލުކޮށްފައިވާ ގޮތާމެދު ފުލުހުން ކޮމިޝަނަށް ދިން ބަޔާންތަކުގައި ފުށުއެރުމެއް ހުރި ކަމަށެވެ.
އެރޭ ހުސެއިންއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ރިޕޯޓްގައި ބަނޑާއި މޭމަތީ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ގޮތަކުން ލިބިފައިވާ އަނިޔާތަކެއްކަން ސާފުނުވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.
މައްސަލަ ނިންމި ގޮތް ބަޔާންކޮށް އެޗްއާރްސީއެމުން ބުނީ، އެރޭ ހުސެއިންނަށް އަނިޔާކުރީ ސީދާ ކޮން ފުލުހެއްކަން ތަހްގީގަށް ލިބިފައިވާ ލިޔެކިޔުންތަކާއި އެހެނިހެން ހެކިތަކުން ފާހަގަ ކުރެވިފައިނުވާތީއާ މެޑިކަލް ޑޮކިއުމެންޓްތަކުންނާއި ސިއްހީ މާހިރުންގެ ލަފާއިން އަނިޔާ ލިބިފައިވީކަން ކަށަވަރުވީ ނަމަވެސް އެއީ ކޮން ގޮތަކުން ލިބިފައިވާ އަނިޔާއެއްކަން ސާފުވެފައިނުވާ ކަމަށެވެ. އަދި ހާދިސާގައި ހަރަކާތެރިވި ފުލުހުން ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި އަމަލު ހިންގިކަމަށް އިއުތިރާފްވެ އެއްވެސް ފުލުހަކު ބަޔާން ދީފައިނުވާ ކަމަށެވެ.
އެހެންކަމުން އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ މާއްދީއާ ނަފްސީ އަދި ލާއިންސާނީ އިހާނެތި އަމަލެއް ފުލުހުން ހުސެއިން އަށް ގަސްތުގައި ކުރިކަމަށް ތަހްގީގަށް ސާބިތުނުވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.