ކުޅިވަރު

ވެލެންސިއާ ބެހޭގޮތުން ސޮބާއަތުގައި ޖަވާބެއް ނެތް!

މި އަހަރު ސީޒަނަށް ވެލެންސިއާއިން މަސައްކަތް ފަށައިގަތީ، މިދިޔަ ދެ އަހަރަށް ވުރެ ފޯރީގަ އެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓަށް ކާމިޔާބު ހޯދައިދިން ކޯޗް ސޮބާހް މުހައްމަދާއެކު މަސައްކަތް ފަށައިގަނެ، ވެލެންސިއާގެ އުންމީދުތައް ވެސް ހުރީ މަތީގަ އެވެ.

ނަމަވެސް، ހަގީގަތަކީ، ވޭތުވެދިޔަ ނުވަ އަހަރުވެސް ވެލެންސިއާގެ ހާލަތެވެ. ތަކުރާރުކޮށް އެއް މަންޒަރެއް ނުވަ އަހަރު ފެނިގެން ދިއުމުން އެ ހާލަތު އޮތީ ވެލެންސިއާގެ ސަގާފަތަކަށް ވެފަ އެވެ. އެވެ. ވެލެންސިއާ އާއި ސޮބާ ވެސް ސީޒަނަށް ތައްޔަރުވީ އެކަމަށް ޖަހަން ޖެހޭ ހިސާބުތައް އެންމެ ރަނގަޅަށް ހަދައިގެންބާއޭ ސުވާލު އުފެދުނެވެ.

ލީގްގައި އޮންނަން ބޭނުންވާ ވަނަ އަށް ވާސިލު ވުމުގައި ވަކި ޓާގެޓެއް ކަނޑައެޅިއިރު، ވެލެންސިއާ އާއި ސޮބާއަށް އޮތީ އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ނުކުރެވި އެވެ. އެއީ ވޭތުވެދިޔަ ނުވަ އަހަރުން ފެށިގެން އޮތް ސަގާފަތް ބަދަލު ނުކުރެވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސީޒަނަކީ، ނިއު ރޭޑިއަންޓަށް އުނދަގޫ ސީޒަނެކެވެ. އޭގެ ކުރީ އަހަރުގެ ލީގް ޗެމްޕިއަނަށް، ލީގްގެ ގަދަ ހަތަރެއް ވެސް އަތު ނުވި އެވެ. ސީޒަން ނިންމާލީ ހުސްއަތާ އެވެ. އެއީ ވޭތުވެދިޔަ ހަތް އަހަރު ތެރޭވެސް ނިއު ރޭޑިއަންޓަށް ކުރިމަތިވި އެންމެ ދަށް ސީޒަނެވެ.

އޭރު ނިއު ރޭޑިއަންޓްގެ ބޯޑުގައި ހިމެނޭ ބޭފުޅަކު ވިދާޅުވި ގޮތުގައި އެ އަހަރު ސީޒަނަށް ފަހު ބޯޑު އުވާލީ ޖެހިޖެހިގެން ދެ ވަނަ އަހަރެއްގައި މަންޒަރު ތަކުރާރުވުމުގެ ބިރުން ސަލާމަތާށެވެ.

"އަޅުގަނޑުމެން އިންތިހާބުވެގެން އެއް އަހަރު ހޭދަ ކުރީ، އެ އަހަރު ވަރަށް ބޮޑަށް ދަށަށް ދިޔަ މުސާރަ ބަރާބަރަށް ނުދެވި ކާމިޔާބެއް ނުހޯދި ދިޔަ ސީޒަނެއް އަޅުގަނޑުމެންނަށް ހާސްކަން ކުރިމަތިވި ޖެހިގެން އަންނަ އަހަރުވެސް އެހެން ވެދާނެ ކަމަށް، އެހެންވެ އެ ހަލަތު ބަދަލު ކުރެވޭނެ ބަޔަކަށް ފުރުސަތު ދޭން ބޯޑު އުވާލާފައި އިންތިހާބަށް ގޮވާލީ އަޅުގަނޑުމެން ބޭނުމެއް ނުވި ޖެހިޖެހިގެން ދެ އަހަރެއްގައި ނިއުއަށް އެހެން ދިމާވާކަށް،" އޭނާ ވިދާޅުވި އެވެ. "ޖެހިޖެހިގެން އައި އަހަރު އެހެން ދިމާވިނަމަ ނިއު އަށްވެސް އުނދަގޫވާނެ އެ ހާލަތު ބަދަލު ކުރަން އޭރުން އޮންނާނީ އެ ހާލަތު ކުލަބުގެ ތެރޭގައި ތައްގަނޑު ޖެހިފަ އެކަހަލަ ހާލަތެއް ޖެހިޖެހިގެން ތަކުރާރު ވާނަމަ އެކަން ބަދަލު ކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ."

ލަފާ ކުރެވޭ ގޮތުގައި ވެލެންސިއާ ދިމާވީ އެހެންނެވެ. ކުރީގެ އަށް އަހަރުންސުރެ އޮތް ހާލަތު ބަދަލު ނުވެ އޮތީ އެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ އެ މަސައްކަތެވެ. ބައިވަރު ފައިސާތަކެއް ހަރަދުކޮށް ކުޅުންތެރިން ލައްވައި ސޮއިކޮށް ޓެކްނިކަލް އޭރިއާއިން އެކަނި މަސައްކަތް ކުރުމަކުން އެ ހާލަތު ބަދަލެއް ނުކުރެވޭނެ އެވެ.

ސޮބާއަށް ރަނގަޅަށް ހިސާބު ނުހެދުން

ގްރީން ސްޓްރީޓްގައި މިދިޔަ އަހަރު ސޮބާ ކުރި މަސައްކަތައް ތައުރީފު އޮއްސަން ޖެހެ އެވެ. އެ ކުލަބު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ފުރަތަމަ އަހަރު މާލޭ ލީގްގެ ދެ ވަނައިގައި ނިންމާލުމަކީ، ފުރަތަމަ ޑިވިޝަނަށް އަލަށް އައިސް ކުލަބަކުން ހޯދި އެންމެ ރެނގަޅު އެއް ނަތީޖާއެވެ. އެ ޓީމާ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. މާޒިޔާއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.

ވެލެންސިއާގައި ސޮބާއަށް އެ ޖާދު ނުދެއްކުނެވެ. އެންމެ ބޮޑު މައްސަލައަކީ، އޭނާ ޓީމަށް ގެނައި ކުޅުންތެރިންގެ ފެންވަރު މިނެ ކިރާ ނުލެވުމެވެ. އީގަލްސްއަށް ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) ވެލެންސިއާ ގުޅުނު ނަމަވެސް އޭނާގެ ފެންވަރު ވަނީ ފަނޑުވެފަ އެވެ. އީގަލްސްއާ އެކެ 2015 ވަނަ އަހަރު ދެއްކި ކުޅުމަކީ އޭނާގެ އެންމެ ރަނގަޅު ސީޒަނެވެ. އެކަހަލަ ރަނގަޅު ސީޒަނެއް ވެލެންސިއާއައެކު ދެއްކުނުނަމަ ވެލެންސިއާގައި އަންކޮށް ތަފާތަކަށް ވީހެވެ.

ވެލެންސިއާގެ ކީޕަރު ޖޫން ކޮޗީ، ކުރިން ރާއްޖޭގައި ހޭދަ ކުރި ދެ ސީޒަންގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް މި އަހަރު ވެލެންސިއާގައި އޭނާގެ ކުޅުން ފެންނަނީ ވަރަށް ދަށްކޮށެވެ. އޭނާގެ އެވަރެޖު ކުޅުންވެސް މި ސީޒަންގައި ނުދެއްކެ އެވެ.

ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންވެސް ގެނެވުނީ ސީޒަން ފެށެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރާއްޖޭގެ މާހައުލަށް ހޭނިލައި ކުޅުމުގެ ތެރެއަށް ވަންނަން އެ ކުޅުންތެރިންނަށް ފުރުސަތު ލިބުނު އިރު ވެލެންސިއާ އޮތީ އެ ޓީމަށް އަތުލެވޭނެ ކަމަށް ސޮބާ އަންދާޒާ ކުރި މެޗުތަކުންވެސް ބަލިވެފަ އެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި ވެލެންސިއާ ނިކުތީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާން ޖެހޭނެ ކަމަށް ކުޅުންތެރިން ގާތު ސޮބާ ބުނެފައި އޮތްނަމަވެސް، އެ ފުންމިން ސްކޮޑުގައި ނެތުމުން އެކަމެއް ހާސިލު ނުކުރެވުނެވެ. ސީޒަންގެ ކުރިން އެ ފުންމިން ވަޒަން ކުރެވިފައި އޮތް ނަމަ ހުރި ފެންވަރުން ޓާގެޓް ކަނޑައެޅުނީހެވެ.

ސޮބާ މީޑިއާއާ ދުރަށް

ސީޒަން ފަށައިގެން، ވެލެންސިއާގެ ފަރާތުން މިޑިއާ ވާހަކަ ދައްކަން އަންނަނީ ސޮބާ އެވެ. ފަހުން އޭނާއާއެކު ކޯޗިން ޓީމުގައި މަސައްކަތް ކުރަން ކުރީގެ އެއް ވަނަ ފޯވަޑް އާދަމް އަބްދުއް ލަތީފު (ލައްޗޭ) ގެނައި ނަމަވެސް ފުރަތަމަ ކޮޅު، ނޫސްވެރިންގެ ބައްދަލުވުންތަކަށް ސޮބާ ހާޒިރު ވެއެވެ.

ނަމަވެސް ފަހަކަށް އައިސް، ސޮބާ ގެއްލިއްޖެ އެވެ. ބަދަލުގައި މިޑިއާއަށް ހާޒިރު ވަނީ ލައްޗޭ އެވެ. ހަގީގަތުގައި މީޑިއާއަށް ސޮބާގެ ޖާވާބު ބޭނުންވެއެވެ. ސަބަބަކީ ވެލެންސިއާގެ މަސައްކަތް ފަށައިގަތީ އޭނާ އެވެ. ނާކާމިޔާބު ވުމުން ޒިންމާ ނަގަން ޖެހޭނީ އެންމެ އިސް ކޯޗެވެ. ވެލެންސިއާއަށް މި ދިމާވި ހާލަތުގެ ސަބަބުން ސޮބާ ޖަވާބުދާރީ ވުން މުހިންމެވެ. ނަމަވެސް ސޮބަގެ ޖާވާބެއް ނެތެވެ.

މިއީ ސޮބާގެ ކޯޗިން ކެރިއަރުގެ އެންމެ ފުރަތަމަ މަރުހަލާއެވެ. މި އަހަރު ދަށް ކޮށް ދިޔަ ނަމަވެސް އޭނަ ކުރިން ކޮށްފައިވާ މަސައްކަތައް ތައުރީފު ކުރަން ޖެހެ އެވެ.