ވެލެންސިއާ

ވެލެންސިއާގެ ފަހަތުގައި ހުރި ވަރުގަދަ ނަމެއް!

އިސްމާއީލް އާސިފް (ކުޑަހީނާ) ގެ އިންޓަވިއުއެއް ހޯދުން އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. ހާއްސަކޮށް ޓީވީގެ ކެމަރާގެ ކުރިމައްޗަށް އޭނާ ގެންގޮސް އިންޓަވިއުއެއް ހޯދުން އެއީ ދަތި ކަމެކެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން 2016 ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން، ވެލެންސިއާ އަށް ހޯދައިދިން ނަމެވެސް، މިޑިއާގެ ކުރިމަތީ ވާހަކަ ދައްކަން އޭނާ ނުދިޔަ އެވެ. އޭގެ ބަދަލުގައި މީޑިއާ އާ ވާހަކަ ދެއްކީ އޭރު ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި ލިސްޓްކޮށްފައިވާ އެ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު އިގްބާލެވެ.

މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ނިމިގެން ދިޔަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ނަން ޖަހާފައި ވަނީ، އެ ޓީމުގެ ކުރީގެ ޔޫތު ޓީމު ކޯޗް، އިލްމާއު ހުސައިން އިބްރާހިމް (މައު) އެވެ. ނަމަވެސް ދަނޑުގެ ޓަޗްލައިނާ ހަމައަށް ނުކުމެ އިރުޝާދު ދެނީ ކުޑަ ހީނާ އެވެ. ވެލެންސިއާގެ ކޯޗްގެ ގޮތުގައި ކޮންމެ މީހަކު ލިސްޓްގައި ޖަހާފައި އިނަސް، އެ ޓީމުގެ ޓްރެއިނިންތަކާއި ޓެކްޓިކަލް ޜޭވުންތައް ނެރެނީ ކުޑަހީނާގެ ސިކުނޑިން ކަން އެންމެންނަށް ވެސް އެނގެ އެވެ.

އެ މުބާރާތުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި، ކުލަބު ޕީކޭގެ މެޗަށް ފަހު، ދެ ޓީމުގެ ކޯޗުންގެ ޕޯސްޓްމެޗް އިންޓަވިއު ހޯދަން މީޑިއާއިން ދަނޑުގެ ކަމްޕައުންޑަށް ފޭބީ، މެޗުގެ އޮއިވަރާ ބެހޭގޮތުން ސުވާލު ކުރާށެވެ. މީޑިއާއިން ދުަށީ އެކަމާ ބެހޭގޮތުން ވެލެންސިއާގެ ޓީމުން ވާހަކަ ދައްކަން ޖެހޭނީ ކުޑަ ހީނާ ކަމަށެވެ. ނޫސްވެރިން ވެލެންސިއާގެ ބެންޗު ކައިރިއަށް ދިޔައިރު ކުޑަ ހީނާ ފެންނާކަށް ނެތެވެ. މެޗާ ބެހޭގޮތުން ވާހަކަ ދެއްކީ މައު އެވެ.

އަނެއް ދުވަހު އެ ސުވާލު ކުރުމުން އިންޓަވިއު ދޭން ޖެހޭ ދުވަހު އިންޓަވިއުވެސް ދޭނެ ކަމަށް ބުންޏެވެ. ކުޑަހީނާ މީޑިއާ އާއި ޓީވީތަކުގެ ކެމެރާގެ ކުރިމައްޗަށް ހާޒިރުވި އެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެލެންސިއާއަށް ހޯދައިދިނުމަށް ފަހު، މީޑިއާގެ ކުރިމަތީގައި އެކުލަބު ތަމްސީލު ކުރުމަށް އިންޓަވިއު ދޭން އައީ އޭނާ އެވެ. މީޑީއާތަކާ ހަމައަށް އައީ އޭނާ އަމިއްލަ އަށެވެ. އެއީ އޭނާގެ ކުޅިވަރުގެ ކެރިއަރުގައި މީޑިއާގެ ކުރިމަތީގައި ކުލަބު ތަމްސީލު ކުރި ފުރަތަމަ ދުވަހަށް ވާނެ އެވެ.

އިންޓަވިއުގައި އޭނާ ޝުކުރު އަދާ ކުރީ، ކުލަބު އާ މެނޭޖުމެންޓަށެވެ. ނަމަވެސް ފައިނަލު މެޗާ ހަމައަށް ކުލަބުގެ މެނޭޖުމެންޓް ގެނެސް ދިނީ އޭނާ އެވެ. އެކަމަށް އިސްނެގީ ވެސް އޭނާ އެވެ. ކުލަބު ރެލިގޭޓްވުމަށް ފަހު ފުރަތަމަ އަހަރުގައި އަލުން ފުރަތަމަ ޑިވިޝަނަށް ނުގެންދެވިއްޖެނަމަ، ދެ ވަަނަ އަހަރަކާ ކުރިމަތިލާއިރު އެ ކުލަބު އަލުން ކޮޅަށް ޖެހުމުގެ ހިތްވަރެއް މެނޭޖުމެންޓަށް ނުލިބޭނެ ކަން އޭނާއަށް އެނގެ އެވެ. ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރުތައް ކަމަށްވާ، ލެގޫންސް އާއި ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި، ވިޔާފަރި ބްރޭންޑް ވީބީގެ ވީބީ އައްޑޫ އެފްސީއަށްވެސް ވީ އެހެންނެވެ.

ދެ ވަނަ ޑިވިޝަން މުބާރާތުގެ ކުރިން ވެލެންސިއާގައި ކުޑަ ހީނާ އެންމެ ފަހުން މަސައްކަތް ކުރީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ ވެސް ވަކި ހިސާބަކުން ކުޑަހީނާ ވެލެންސިއާގެ ހަރަކާތްތަކުން ގެއްލިއްޖެ އެވެ. ކުލަބުގެ ޕްރެކްޓިހާއި މީޓީންއަކުންވެސް ކުޑަ ހީނާ ނުފެނުނެވެ.

ނަމަވެސް، ކުލަބުގެ ހަރަކާތްތަކުން އޭނާ ދުރަށް ޖެހުނު ހަގީގީ ސަބަބެއް މިހާތަނަށް ވެސް އޮތީ ނޭންގި އެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ފަހު އަވަސް އަށް އޭނާ ދިން އިންޓަވިއުގައި ވަނީި އެކަން ހާމަކޮށްފަ އެވެ. ކުލަބުގެ ބޯޑުގައި ތިބި އޭނާ އާ މެދު ހިތްހަމަ ނުޖެހުނީ އެވެ، އޭނާ ކުލަބުން ބޭރު ކުރުމުގެ މަސައްކަތް، އޭރު އޮތް ބޯޑުގައި ތިބި ދެތިން މީހަކު ކުރަމުން ދިޔަ އެވެ. ކުލަބުގެ އިސް ބައެއް އެހެން މީހުންނަށް އެކަން ކޮންވިންސް ކޮށް ދިނުމަށް އެ ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަކަން ކުޑަހީނާ އަށްވެސް އޮތީ އެނގިފަ އެވެ.

މިދިޔަ ސީޒަން ވީ، ކުޑަހީނާގެ އެއްވެސް ބައިވެރިވުމެއް ނެތި ވެލެންސިއާގެ ޓީމު ސީޒަނަށް ނުކުތް އަހަރަށެވެ. ދެހާސް ސަތާރަ ވަނަ އަހަރު މެދުތެރޭ ކުލަބުން އަތް ދޫކޮށްލައިގެން ހުރި ގޮތަށް އޭނާ ހުރީ އެވެ. ކުލަބުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރި ނުވެ އެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ.

މިދިޔަ އަހަރާ ކުރިމަތިލިއިރު ވެލެންސިއާގެ ބޯޑް ބަދަލު ވެއްޖެ އެވެ. އޭރު ކުލަބު އޮތީ ރެލިގޭޓްވެފަ އެވެ. ކުލަބުގެ އާ ޗެއާމަނަކީ ކުލަބުގެ އެއް ފައުންޑާ އަދި ކުރީގެ ޗެއާމަން އަދީލް ޖަލީލްގެ ދަރިކަލުނެވެ. ވަރުގަދަ ތާރީހެއް އޮތް ވެލެންސިއާ ކަހަލަ ކުލަބެއް ދެވަނަ ޑިވިޝަންގައި އޮންނަން، ފުޓްބޯޅައަށް ލޯބިކުރާ ހިތެއް ބޭނުމެއް ނުވާނެ އެވެ.

އެފްއޭއެމްގެ 12 އަހަރުން ދަށުގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެވެސް ވެލެންސިއާގެ މަސައްކަތަށް ކުޑަހީނާ ނުކުތީ، ވެލެންސިއާ އިތުރަށް ސޮއްސައިލައިގެން ދާން ބޭނުން ނުވާތީ އެވެ. ދަށް ޑިވިޝަންގައި އޮންނަން އިތުރު އަހަރެއް ހޭދަވި ނަމަވެސް، ވެލެންސިއާ އިތުރަށް ފަހަތަށް ވެއްޓިދާނެކަން އެނގޭތީ އެކަމަށް ކެތް ނުކުރެވިގެންނެވެ.. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އިއުލާން ކުރުމުގެ ވެސް މާ ކުރިން އޭނާ ކުލަބުގެ އިސްފަރާތަކާ ބައްދަލު ކުރި އެވެ.

އާ މެނޭޖުމެންޓްގައި އޭނާ ބުނީ، މަޑުން ތިބެގެން ކުލަބު ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އިތުރު އަހަރަކަށް ވެލެންސިއާ ދަށް ޑިވިޝަންގައި އޮންނަން ވެއްޖެނަމަ އަލުން ކުލަބު ކޮޅަށް ޖެހުމުގެ ހިތްވަރެއް ނުލިބޭނެ ކަމަށެވެ. އެހެންވެ އޭނާ އެދުނީ ކުލަބުން ފައިސާ ހަރަދު ކުރުމަށެވެ. އޭރު އޭނާއަށް މެނޭޖުމެންޓުން ދިނީ 100،000 ރުފިޔާ އެވެ. އެ ފައިސާ ވެލެންސިއާ ހޭދަ ކުރީ މުހިންމު ދެ ކުޅުންތެރިންގެ ސޮއި ހޯދުމަށެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން މޮޅަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ، އދ. މަހިބަދޫގެ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އާއި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ގެ ސޮއި ހޯދި އެވެ.

ވެލެންސިއާއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު، އަހްމަދު ރިލްވާން، ވެސް ހުރީ ދެ ވަނަ ޑިވިޝަންގައި އެހެން ކުލަބަކަށް ކުޅެން އެއްބަސްވެ އެޑްވާންސަށް 40،000 ރުފިޔާ ނަގައިގެންނެވެ. އެއްބަސްވުން ނުހަދާ އޮތް ކަމުން ރިލޭ އަލުން ޓީމަށް ގެނެވުނީ ރިލޭ ނެގި 40،000 ރުފިޔާގެ ބަދަލު އަލުން ވެލެންސިއާއިން އެކުލަބަށް ފައިސާ ދިނުމުންނެވެ.

ކުލަބަށް ހަރަދު ކުރީ، އާ މެނޭޖުމެންޓުން އެކަަންޏެއް ނޫނެވެ. އެހެން ބައެއް ކުޅުންތެރިންނަށް އެޑްވާންސް ފައިސާ ދިނުމަށާއި ކުޅުންތެރިންގެ ކޮއްތު ފައިސާއަށް މައުގެ އަމިއްލަ ޖީބުންވެސް ދެ ލައްކައެއްހާ ރުފިޔާ ހޭދަ ކުރި އެވެ. ރަށްރަށުން ގެނައި ކުޅުންތެރިން ބެހެއްޓުމަށް ނެގި ގެއެއްގައި އޭސީ ހަރުކުރުމަށް ކުޑަ ހިނާގެ އަތުންވެސް ގިނަ އަދަދަކަށް ފައިސާ ހަރަދު ކުރި އެވެ. މައު އާއި ކުޑަހީނާ އެވަރަށް ގުރުބާން ވެގެން ނޫނީ ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ނުގެންދެވޭނެކަން އޭނާ ގަބޫލު ކުރި އެވެ.

މިދިޔަ ދޮޅު މަސް ދުވަހަކީ އޭނާ ވަރަށް ބުރަކޮށް މަސައްތް ކުރި ދުވަސް ވަރެކެވެ. އެފްއޭއެމް މިނީ ޓާފް ދަނޑުގައި އޭނާ މަސައްކަތް ފަށަނީ ހަވީރު 4:00 ގައި 13 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެވެ. އަލުން 5:00 ގައި 12 އަހަރުން ދަށުގެ ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެ އެވެ. އަނެއްކާ ރޭގަނޑު ވެލެންސިއާގެ ޕްރެކްޓިހުގަ އެވެ. ޒުވާން ގައުމީ ޓީމުތަކުގައި އުޅެފައި ވެލެންސިއާއަށް ކޯޗް ކޮށްދޭތީ އޭނާއަށް ފާޑު ކިޔުން އަމާޒުވުމުން އޭނާ ބުނީ 80 ގެ އަހަރުތަކުގައި އެތުލެޓިކްސް ޓީމާއެކު އޮލިމްޕިކްސް ގޭމްސްގައި ދުވަން ދަނީވެސް އޭނާ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގައި ލަނޑު ޖަހަންވެސް ހުންނަނީ އޭނާ ކަމަށެވެ.

ކުރިން އޮތް ބޯޑުގެ ބައެއް މެންބަރު ކުޑަހީނާ ބޭރު ކުރުމަށް މަސައްކަތް ކުރި ބައެއް ބޭފުޅުން، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށް ދިޔައިރުވެސް ދަނޑުން ބޭރުގައި ތިބެ އެ ފަރާތްތަކުން ދިޔައީ، ކުޑަހީނާ އާއެކު ވެލެންސިއާއަށް ފުރަތަމަ ޑިވިޝަނަށް ނޭރޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް އާ މެނޭޖުމެންޓުން އޭނާއަށް ކުލަބު ހަވާލު ކުރީ އޭނާއާ މެދު އިތުބާރު އޮތުމުންނެވެ. އޭނާ ވަނީ ކުލަބު އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ މިހާރުގެ މެނޭޖުމެންޓުން ކުރި އިތުބާރު ދަމަހައްޓައިދީފަ އެވެ.

ފައިނަލު މެޗަށް ފަހު އޭނާ ދިން އިންޓަވިއުގައިވެސް ފާހަގަ ކުރީ އެކަމެވެ. ކުލަބު މެނޭޖުމެންޓުން އޭނާއަށް ދިން އެއްބަރުލުމާއެކު، އެކުލަބު އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސް ދެވުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށެވެ.